މާބަނޑު އިރު ބެކްޓީރިއަލް އިންފެކްޝަނެއް (ސެޕްސިސް) އުފެދި، އަންހެނެއްގެ ދެ ފަޔާއި އަތުން ބައެއް ގެއްލުމުން، ސެޕްސިސްގެ ނުރައްކާތެރިކަމާއި މެދު ހޭލުންތެރިކުރުމަށް އެ އަންހެން މީހާ އަށް ދިމާވި ހާދިސާ ހިއްސާކޮށްފިއެވެ.

ޓެކްސަސް އަށް އުފަން އުމުރުން 30 އަހަރުގެ ކެލީ ކޮލްވިކް ދެ ވަނަ ދަރިއަކަށް ބަލިވެ އިންކަން އޭނާ އާއި އޭނާގެ ފިރިމީހާ އަށް އެނގުނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ކެލީގެ ބަނޑަށް 15 ހަފްތާގައި އޭނާ އަށް ވަނީ ގިނައިން ލޭ އައުމުގެ މައްސަލަ ދިމާވެފައެވެ. އެހާހިސާބުން އޭނާ އަށް ވިހެއުމުގައި ދިމާވެދާނެ ކަމަކަށް ތައްޔާރުވެ ހުރުމަށް ޑޮކްޓަރުން ލަފާ ދިނެވެ.

ކެލީ އަށް ހައި ރިސްކް ޕްރެގްނެންސީ އަކާއި ކުރިމަތިލާން ޖެހުނީ އޭނާގެ މަސް އިނީ ވަރަށް ތިރީގައި ކަމަށްވުމުންނެވެ. މިއީ ސިއްހީ ގޮތުން ކިޔަކީ ޕްލެސެންޓާ ޕްރީވިއާ އެވެ. މިގޮތަށް ދިމާވުމުން ޕްލެސެންޓާ ނުވަތަ މަސް އިންނާނީ ޔޫޓެރަސްގެ ކަރުގެ އެއްބައި ނުވަތަ އެއްކޮށް ބްލޮކް ވާގޮތަށެވެ. އެހެންކަމުން މި ހާލަތުގައި މައިމީހާ އަށް ވިހެއުމަށް ވަރަށް ގިނަ ދަތިތަކާއި ދިމާވެއެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރެ ވިހާ އަންހެން މީހާ ވިހެއުމުން ޔުރެޓައިން އިން ޕްލެސެންޓާ ނެއްޓެއވެެ. އެހެންނަމަވެސް "ޕްލެސެންޓާ ޕްރީވިއާ" މެދުވެރިވުމުން ޕްލެސެންޓާ އިން ބައެއް ނުނެއްޓި ހުންނަ ގޮތް ވެއެވެ. މީގެ ސަބަބުން އެ ހާލަތު ދިމާވާ އަންހެން މީހާ ވިހެއުމުން ގިނަ އަދަދަކަށް ލޭ ފައިބާ ގޮތްވެއެވެ. ގިނައިން ލޭ ފޭބުމުގެ އިތުރުން ދުވަސް ނުފުރާ ވިހެއުމަށްވެސް މި ހާލަތުގެ ސަބަބުން މެދުވެރިވެއެވެ.

ކެލީ ވިހަން އޮތް ދުވަހު އޭނާ ހޮސްޕިޓަލަށް ދިއުމުން އޭނާގެ ބަނޑުގައިވާ ދަރިފުޅު، ކޮންމެ ވަގުތަކު ވެސް އުފަން ވެދާނެ ކަމައި، ދަރިފުޅު ދިރިހުރުމުގެ ފުރުސަތު ކުޑަކަން ހޮސްޕިޓަލުން ވަނީ އޭނާ އަށް އަންގާފައެވެ.

"އެ މީހުން އަހަރެން ވެއްދީ ވިއްސާ ކޮޓަރިއަށް. ވަށައިގެން އިވެނީ އަންހެނުން ވިހާ އަޑާއި ކުޑަ ކުދިންގެ ރުއިމުގެ އަޑު. އަހަރުމެން މަޑުކޮށްގެން ތިބި އިރު ހޮސްޕިޓަލުން ބުނި އަހަރެންގެ ބަނޑުގައިވާ ދަރިފުޅު ކުއިން، ވިހާ އިރުވެސް މަރުވެފައި އޮތުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް. އޭގެ ފަހުން އައި ހަފްތާތަކަކީ ހިތްދަތި ހަފްތާތަކެއް. މަޑު ކުރުން ނޫން ގޮތެއް އަހަރުމެންނަކަށް ނެތް." އެ އަންހެން މީހާ ކިޔާދިނެވެ.

ކެލީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި: ފޮޓޯ މީސްމީޑިއާ

ކެލީ ވިހަން ވެއްދުމާއި ހިސާބުން އޭނާގެ ހާސްކަން ފެށުނީއެވެ. އޭނާގެ ބަނޑަށް ތަދު ކުރަން ބޭސް ދީގެން ވިހެއި އިރު، އެނާގެ ދަރިފުޅު ކުއިން އޮތީ މަރުވެފައެވެ. ކުއިންގެ ބަރުދަނުގައި ހުރީ އެންމެ 0.5 ޕައުންޑެވެ.

"އަހަރެން ވިހެއުމަށް ފަހު ނެތް އެއްވެސް ވަރެއް. މަޑުމަޑުން ލޯ މެރެން ފެށި. އަހަންނަނަކަށް ނަރުހުން ގޮވީމަ އިޖާބައެއް ނުދެވޭ. ލޯ ފާޑަކަށް މައްޗަށް ދާ ގޮތް ވެފަ މުޅި ހަށިގަނޑު ހުމާ އަނދަމުްނ ދިޔަ ކަހަލަ. ނަރުހުން އަހަރެންގެ ގައިގައި އައިސް އެޅިކަން އެނގޭ. ޑޮކްޓަރުން ދިޔައީ ލޭ ފައިބަމުން ދިޔަ ވަރަކަށް ލޭ އަޅަމުން. ލޭ މަނާކުރަން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވޭ." ކެލީ ކިޔާދިނެވެ.

އޭގެ ފަހުން ކެލީގެ ހަށިގަނޑުގައި ސެޕްޓިކް ޝޮކް އުފެދު، ހަށިގަނޑަށް އިންފެކްޝަން ފެތުރެން ފެށުމުގެ ސަބަބުން ދެ ފަޔާއި އަތުން ބައެއް ވަކި ކުރަން ޑޮކްޓަރުންނަށް މަޖުބޫރުވިއެވެ.

ދަރިފުޅު މަރުވި ހިތާމަވެރި ވަގުތުގައި، ކެލީ އާއި އޭނާގެ ފިރިމީހާ އަށް ޖެހުނީ ކެލީގެ ފުރާނަ ސަލާމަތް ކުރަން ބޮޑެތި ނިންމުންތަކެއް ނިންމާށެވެ.

ކެލީ އާއި އޭނާގެ ފިރިމީހާ: ފޮޓޯ މީސްމީޑިއާ

ކެލީ ބުނާ ގޮތުން މި ހާދިސާއަށް ފަހު އޭނާގެ މުޅި ދިރިއުޅުން ބަދަލުވިއެވެ. އެ އިންފެކްޝަންގެ ސަބަބުން އޭނާގެ ރަހިމު ނަގަން މަޖުބޫރު ވި އިރު، އެތައް ދުވަހެއް ވަންދެން އެނާ ނޭވާލަމުން ދިޔައީ މެޝިނެއްގެ އެހީތެރިކަމުގައެވެ.

" އަހަރެން ހަނދާން އެބަ ހުރި މުޅި ފައި އޮތީ އެއްކޮށް ނޫފައި ގަނެ ކަޅު ވާން ކައިރިވެފައި. އިނގިލީގެ ހާލަތު އަދި އެއަށް ވުރެ ހާލަތު ބޮޑު. އަހަރެންނަކަށް އެންމެ ފުރަތަމަ ވީ ގޮތެއް ނުވެސް އެނގޭ. އެއީ ގިނަ ވަގުތުތަކެއް ވަންދެން އަހަރެން ހޭނައްތާފަ އޮތީމަ. ދެން ފިރިމީހާ ކިޔާ ދިނީ ވެގެން އުޅޭ ގޮތް." ކެލީ ކިޔާ ދިނެވެ.

ކެލީ އަށް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލީ 2018 ވަނަ އަހަރެވެ. ހޮސްޕިޓަލުން ދޫކޮށްލުމާއި އެކު އޭނާ އަށް ޖެހުނީ، އޭނާގެ ފަރުވާގެ ފައިސާ ހޯދަން އިންޝުއަރެންސް ކުންފުނި ގޮވައިގެން ކޯޓަށް ދާށެވެ. އެއީ އޭނާ އަށް ޚާއްސަ ފުރޮޅުލީ ގޮނޑިއެއް ހޯދާށެވެ. އެހެންނަމަވެސް އެ މައްސަލަ ކެލީ އަކަށް ކާމިޔާބެއް ނުވިއެވެ.

ކެލީ އަށް އެހީތެރިކަން ލިބުނީ ނުވެސް ދަންނަ މީހަކު އޮންލައިންކޮށް ފެށި ފަންޑްރެއިޒިން މަސައްކަތްތަކުގެ ތެރެއިންނެވެ. އެހާހިސާބުން ކެލީ އަށް ވީލްޗެއާެއް ލިބި ދިރިއުޅުމުގެ ތަކުލީފު ކުޑަކޮށް ނަމަވެސް ލުއިވިއެވެ.

މިހާރު ކެލީ ދަނީ އޭނާ އަަށް ދިމާވި ހާލަތާއި މެދު ހޭލުންތެރި ކުރުމަށް ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. ވިހެއުމުގައި ނުރައްކާތެރި ކަމެއް ދިމާވެދާނެ ކަމަށް ބެލެވޭ ނަމަ އެކަން ލުއިކޮށް ނުނެގުމަށާ، ސިއްހީ ޚިދުމަތްތެރިން ޒިންމާދާރުކުރުވުމަށް ވެސް އޭނާ ބާރު އަޅައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަންރީތި

    މަންމަގެ ދަރަޖަ އެހާމަތިވެރީ މިހެން ވެގެން

    9
    1