އަވައްޓެރި ސްރީލަންކާގައި "އީސްޓާ ސަންޑޭ" އާއި ދިމާކޮށް މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ދިވެހިންގެ ހަތަރު މީހަކުވެސް ހައްޔަރުކޮށްފައިވާކަމަށް، ލަންކާގެ ނޫސްތައް ބުނެފިއެވެ.

ލަންކާގެ ނޫސްތަކުން ބުނެފައިވަނީ މި ހަމަލާއާއި ގުޅިގެން މިހާތަނަށް ހައްޔަރު ކޮށްފައިވަނީ 153 މީހުން ކަމަށެވެ. އޭގެ ތެރޭގައި ހަތަރު ދިވެހިން ހިމެނޭ ކަމަށްވެސް އެގައުމުގެ ނޫސްތަކުން ވަނީ ބުނެފައެވެ.

އިއްޔެ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ލަންކާ ޕޮލިސް ލީގަލް ޑިވިޝަންގެ އިސްވެރިޔާ ޑީޢައިޖީ އަޖިތް ރޮހާނާ ބުނެފައިވަނީ އިންޓަޕޮލް އާއި ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އަދި އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް އާއި ގުޅިގެން މި ހާދިސާ ވަރަށް ކައިރިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ރޮހާނާއާއި ހަވާލާދީ ނިއުސް ފަސްޓުގައި ބުނެފައިވަނީ އެ ހާދިސާއާއި ގުޅިގެން 216 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި 6 އަންހެނުން ހިމެނޭ ކަމަށްވެސް ވަނީ ބުނެފައެވެ.

އޭގެ ތެރެއިން 153 މީހަކު ހައްޔަރު ކޮށްފައިވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ކަމަށް މީޑިއާ ރިޕޯޓް ތަކުން ވަނީ ބުނެފައެވެ. މި 153 މީހުންގެ ތެރޭގައި ހަތަރު ދިވެހިން ހިމެނޭ ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

މި ހާދިސާއާއި ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވާ ދިވެހިންގެ މައުލޫމާތެއް އެއްވެސް މީޑީއާއަކުން އަދި ލަންކާ ފުލުހުންވެސް އާއްމު ކޮށްފައެއް ނުވެއެވެ.

އީސްޓާ ސަންޑޭއާއި ދިމާކޮށް ލަންކާގައި ތިން ފައްޅިއެއްގެ އިތުރުން ތިން ހޮޓަލަކަށް ވަނީ ބޮމުގެ ހަމަލާތަކެއް ދީފައެވެ. މި ހަމަލާގައި 250 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ލަންކާގައި ދިން މި ހަމާލާގެ އިސްވެރިއަކަށް ހުރި ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) ގެ ލީޑަރު ޒަހްރާން ހާޝިމްވެސް ވަނީ މި ހާދިސާގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަސިފު

    ތިމީހުންގެ ވަނަވަރު ހާމަކޮއްލެދެއްވުމްއެދެން

    35
    1
    • މީހާ

      ކަލޭވެސް ހިމެނޭނެ

  2. މާރިޔާ

    އަންނި ވަރަށް ތަރުހީބުދިން ތިކަމައް.

  3. މަ

    ހާދަފަހަކުން... އަނެއްކާ ކިހެނެއްމިވީ.

  4. ސޮރު

    އެއީ ކަލޭމެން މާތް އިސްލާމް ދީނުގެ މަތީ ތިބެގެން ދައްކާ ރިވެތި މިސާލު. ކަލޭމެން ދިވެހިރާއްޖެ ލަންކާ އިންޑިއާގައި ތިޔަ ޖިހާދެއް ނުވެ ސީރިޔާ ކަހަލަ ތަނަކަށް ގޮސް އަވަހަށް ތި ޖާނު ގޮއްވައި ނިންމާލަން ވީނު.