ކ. ގިރާވަރުގެ އުތުރު ކަނޑުން "ބަރޯސާ" ނަމަކަށް ކިޔާ ބޯޓެއް އޮޔާދާތީ، އެ ސަރަޙައްދުން ދަތުރުކުރައްވާ ކަނޑު އުޅަނދުތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމް.އެން.ޑީ.އެފް އިން އިލްތިމާސް ކޮށްފިއެވެ.

އެމް.އެން.ޑީ.އެފް އިން ވިދާޅުވީ، އެއްވެސް މީހެއް ނެތި މި ބޯޓު އޮޔާދާކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހަވީރު 16:00 ހާއިރު ކަމަށާއި އެމްއާރުސީސީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓް އޮޔާދަނީ ގިރާވަރު ކަނޑުން ހުޅަނގަށް ކަމަށެވެ.

އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް އެމް.އެން.ޑީ.އެފް އިން ވަނީ އިލްތިމާސް ކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓަކީ ރާއްޖޭގެ ކުންފުންޏަކަށް ނިސްބަތްވާ ބޯޓެކެވެ. އަދި މި ބޯޓު އޮޔާދާތީ، ބޯޓުގެ ވެރިފަރާތުން ދަނީ ކަފުޖަހާނެ އެހެން އުޅަނދެއް އެ ސަރަޙައްދަށް ފޮނުވުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް އެމް.އެމް.ޑީ.އެފް އިން ވަނީ ވިދާޅުވެފައެވެ.

އަދި، އެ ސަރަހައްދު މޮނީޓަރ ކުރުމަށް ޓަކައި، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އުޅަނދެއް ވެސް އެސަރަހައްދަށް މިހާރު ދަނީ ދަތުރު ކުރަމުން އަންނަ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު