އެމެރިކާގެ ޓުރުމަން ހައި ސްކޫލް ވިއްކާލަން އެސްކޫލްގެ ދަރިވަރަކު އޮންލައިންކޮށް މުދާ ވިއްކާ ވެބްސައިޓެއްގައި އިސްތިހާރު ޖެހުމުން އެމައްސަލަ ބޮޑުވެ އެންމެ ފަހުން ދަރިވަރު ސަސްޕެންޑް ކޮށްފިއެވެ.

އުމުރުން 18 އަހަރުގެ ކީލަން ޝެލީ ބުނި ގޮތުގައި މިދިޔަ ހުކުރު ދުވަހު އޭނާގެ ސްކޫލް ވިއްކާލަން އޮންލައިން އިސްތިހާރެއް ޖެހީ މަޖަލަކަށެވެ. އެއިސްތިހާރު ޖެހި ނަމަވެސް ސްކޫލް ނުވިކޭނެ ކަން އެނގޭ ކަމަށް ޝެލީ ބުންޏެވެ.

"ސްކޫލް ވިއްކާލަން އިސްތިހާރެއް ޖަހާއިރަށް ސްކޫލެއް ނުވިކޭނެ. އެއީ ސްކޫލް ވިކޭނީ ސްކޫލްގެ ވެރިންނާއި، އެތަން ގަންނަން ބޭނުންވާ މީހުންނާއި މަޝްވަރާ ވެސް ކޮށްގެން." ޝެލީ ބުންޏެވެ.

ޝެލީ ބުނީ އިސްތިހާރު ޖެހި މައްސަލައިގައި އޭނާ ސަސްޕެންޑްކޮށް، ގްރެޖްއޭޝަން އަށް ވެސް ނާދެވޭނެ ކަން ސްކޫލުން އަންގާފައިވާ ކަމަށެވެ. އެއްވެސް މަައްސަލައެއް ދިމާނުވާ ކަމަކާއި ގުޅިގެން އެފަދަ ފިޔަވަޅެއް ސްކޫލުން އެޅުމުން ހިތާމަ ކުރާކަމަށް ޝެލީ ބުންޏެވެ.

ޓުރުމަން ހައި ސްކޫލުން ބުނީ ޝެލީ ޖެހި އިސްތިހާރުގެ ސަބަބުން ސްކޫލް ވިކިފައި ނުވި ނަމަވެސް އޭނާ އާއި މެދު ފިޔަވަޅު އެޅީ އޭނާގެ އިސްތިހާރުގެ ސަބަބުން އަލަށް ސްކޫލަށް ވަންނަން ބޭނުންވާ ކުދިން އެޚިޔާލު ބަދަލު ކުރާނެތީ ކަމަށެވެ.

"މިހާރު އަލަށް ސްކޫލަށް ވަންނަން ބޭނުންވާ ކުދިން އެހެން ސްކޫލަކަށް ދިއުމުގެ ފުރުސަތު އެބައޮތް. އެއީ މި ސްކޫލް ވިއްކާލަނީ ކަމަށް ހީކުރެވިގެން." ސްކޫލްގެ އޮފިޝަލަކު ބުންޏެވެ.

ސްކޫލްގެ އޮފިޝަލް ބުނީ ޝެލީ އާއި މެދު އެޅި ފިޔަވަޅު އުވާލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު