ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ، ނ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.

އެ ސަމާލުގައި ބުނެފައި ވަނީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާ ކަމަށެވެ.

އަދި އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަ ވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް ބުނެފައި ވެއެވެ.

މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.