ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ފަރާތްތައް އިންތިހާބު ކުރުމަށްޓަކައި ބޭއްވި އެޕާޓީގެ ޕްރައިމަރީން ހާމަވެގެން ދިޔަ ކަމަކީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ކުރަން އަދިވެސް މަސައްކަތް ކުރަން ޖެހޭކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ކެމްޕެއިން ލޯންޗްކުރުމަށް، "ރަށްވެހި ފަތިސް"ގެ ނަމުގައި ރޭ ކާނިވާ ސަރައްހަދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްވަމުން ރައީސް ވަނީ އެމްޑީޕީގެ ޕްރައިމަރީ އަށްފަހު އެމްޑީޕީ ކައުންސިލް އިންތިހާބަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ފާހަގަކުރައްވާފައެވެ. އެމްޑީޕީގެ ޕްރައިމަރީން ބަލިވި ބައެއް ފަރާތްތަކުން ބަލި ގަބޫލު ނުކުރާކަން ހާމަކޮށް އަމިއްލަގޮތުން ވާދަކުރައްވަން ވެސް ނިންމަވާފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ، އެތެރޭގެ އިންތިހާބު ބޭއްވުމުން ޑިމޮކްރަސީގެ އުސޫލުތައް ހަރުދަނާކޮށް އިތުބާރު އުފައްދަން ޖެހިފައިވާކަން ހާމަވެެގެން ގޮސްފައިވާ ކަމަށެވެ.

"ކޮންމެ އިންތިހާބެއްގައި ވެސް މޮޅުވާ މީހުންނާއި ބަލިވާ މީހުން ތިބޭނެ. އެހެންނަމަވެސް ދިމިދިޔަ އެތެރޭގެ އިންތިހާބުގައިވެސް އަޅުގަނޑަށް ފެނުނީ އަދިވެސް ޑިމޮކްރަސީ ވަރުގަދަކޮށް އިތުބާރު ހޯދަން ގިނަ މަސައްކަތް ކުރަން ޖެހޭކަން. އަޅުގަނޑަށް ޔަގީން ޕާޓީގެ ލީޑާޝިޕުން އެކަން އިސްލާހުކުރައްވާނެކަން." ރައީސް ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވާއިރު އެމްޑީޕީގެ ޕްރައިމަރީގައި ބައެއް ދާއިރާތަކުގައި އޮޅުވާލުމާއި މަކަރު ހެދުމުގެ ތުހުމަތުތައް އިންތިހާބުގައި ވާދަކުރި ބައެއް ފަރާތްތަކުން ވަނީ ކޮށްފައެވެ. އެގޮތުން އެމްޑީޕީން ބޭއްވި ގަލޮޅު ދެކުނު ދާއިރާގެ ޕްރައިމަރީ ބާތިލްކޮށް، އަލުން ވަނީ ބާއްވާފައެވެ. އަދި އެމްޑީޕީގެ ޕްރައިމަރީގެ ވޯޓު ލުމުގައި ގއ. އަތޮޅުގައި ބެހެއްޓި ބައެއް ވޯޓުފޮށިތައް ވަނީ އަންދާލާފައެވެ.

އެމްޑީޕީ އަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރެވޭނީ ޕްރިއިމަރީން ބަލިވި މީހުން ބޮޑާ ހޭކުން ހުއްޓާލައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަފީ

    އުޑެއް ބުޑެއް، ދޮރެއް ދޮރާއްޓެއް ނޭގޭ ބަޔަކަށް ކޮން ޑިމޮކުރަސީއެއް އެގޭނީ! އަންނަނީ ހިނި

  2. ހުސޭނުބޭ

    ކަލޭމެން ފަދަ ޑިމޮކްރަސީ ގިރައިގެން ބޮއިގެން ތިބޭ ބަޔަކަށް ތިއީ ވަރަށް ލަދުވެތި ވާހަކައެއް! އަރުއަރުވާ ބޭހެއްކަން ނޭގެ ދެން ބޭނުންކުރަން ޖެހޭނީ ތިއެއް ހަރުދަނާކުރަން!

  3. ޢަފްލާ

    ﷲގެ ހެޔޮ ރަހްމަތާއެކު މިފަހަރު ރައްޔިން އެމްޑީޕީއައް ނޫނެކޭ ބުނާނެ އިސްލާމްދީނުގެ ޢަދުއްވުންނައް ވޯޓް ނުދެމާ