ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއަތް ކުރުމުގެ ހައިސިއްޔަތު ލިބިގެންނުވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނިންމި ނިންމުން ބާތިލްކޮށް އޭނާ ސިވިލް ކޯޓުގެ ވަޒީފާ އަށް ނިކުންނަވަން ސުޕްރީމް ކޯޓުން އަންގަވައިފިއެވެ.

ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނެރުނު އަމުރެއްގައި ވަނީ ވ.ބޮޑުމޮހޮރާ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށް ދިނުމަށް އެއްބަސްވުމަކަށް ވާސިލުވުމަކީ ސަރުކާރަށް ލިބިފައިވާ އިޚްތިޔާރީ ބާރެއް ކަމަށް އެ ކޯޓުން ކަނޑައަޅާފައިވަނިކޮށް، ހަތް ދުވަހުގެ ތެރޭގައި އެގްރީމެންޓުގައި ސޮއިކުރުމަށް ލާޒިމްކޮށް މަރިޔަމް ވަހީދު ހުކުމް ކޮށްފައިވާތީ އޭނާ އަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ފަނޑިޔާރުކަން ކުރުމުގެ ހައިސިއްޔަތެއް ނެތް ކަމަށެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގާޒީ މަރިޔަމް އަންނަ މާޗް މަހުގެ 04 ވަނަ ދުވަހު އޮފީހަށް ނިކުންނަވަން ސުޕްރީމް ކޯޓުން މިހާރު ވަނީ އަންގަވާފައެވެ.

ގާޒީ މަރިޔަމް އާއި ބެހޭ ގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމެވުން ބަދަލު ކުރި ސަބަބެއް ރަސްމީ ފަރާތަކުން ސާފުކޮށެއް ނުދެއްވަވައެވެ.

ގާޒީ މަރިޔަމް ވަނީ ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން މާލެ އަތޮޅު ގާފަރު މެޖިސްޓްރޭޓް ކަމާއި އައްޑޫ ސިޓީ ފޭދޫ ކޯޓުގެ މެޖިސްޓްރޭޓް ކަން ކުރައްވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަޖްވާ

    ސުޕްރީ އަށް ކުދި ސުޕްރީތައް މިހާރު ގޮން ޖަހަމުން ދުވެ ނަގަނީ ދޯ؟

  2. މުގުރި ރަސްގެފާނު

    މަޖިލީހުގެ މެމްބަރުންގެ ކަންތައްވެސް އަވަސްކޮށްދެއްވާ! އެއިރުންތާ މަޖިލިސް ހުޅުވިގެން ޑްރާމާ ކުޅެން ފެށޭނީ!

  3. އިފްް

    މަރުޙަބާ މަރިޔަމް