ކ.އަތޮޅު ކައުންސިލްގެ ރައީސްގެ ގޮނޑިއަށް އިންތިޙާބުވެއްޖެ ނަމަ، 24 ގަޑިއިރު، އަތޮޅު ކައުންސިލުން ޚިދުމަތް ދެއްވާނެ ކަމަށް، ޕީޕީއެމް ޓިކެޓުގައި ކ.އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމަށް ވާދަކުރައްވާ، މުޙައްމަދު ނިމާލް ވިދާޅުވެއްޖެ އެވެ.

ނިމާލް އަކީ، ރައީސް ޔާމީންގެ ވެރިކަމުގައި، 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ދިވެހި ރައްޔިތުންނަށް ދިނުމުގައިވެސް އެންމެ އިސް ދަޢުރެއް އަދާކުރެއްވި ބޭފުޅާއެވެ. ކުރީގެ ރައީސް ވަހީދުގެ ވެރިކަމުން ފެށިގެން ރައީސް ޔާމީންގެ ވެރިކަމުގެ ގިނަ ދުވަސްތަކެއް ވަންދެން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަން ނިމާލް ކުރެއްވެވިއެވެ.

ކ.އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމަށް ވާދަކުރެއްވުމުގެ ޓިކެޓް ނިމާލް ހޯއްދެވީ، 7 ފެބްރުއަރީ ގައި ބޭއްވި ޕީޕީއެމްގެ ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިގެންނެވެ. އެ އިންތިޙާބުގައި ނިމާލް ވަނީ، 1141 ވޯޓު ހޯއްދަވާފައެވެ.

"މި އިންތިޙާބުގައި ވާދަކުރަން އަޅުގަނޑު ނިންމީ ވަރަށް ބޮޑަށް ވިސްނުމަށްފަހު. އެންމެ ބޮޑު ބޭނުމަކީ، ނުހައްޤުން މިހާރު ޖަލައްލާފައިވާ، ޕީޕީއެމްގެ ލީޑަރ، ރައީސް ޔާމީން، މިނިވަން ކުރުމަށް ވަރުގަދަ ސިޔާސީ މަސައްކަތްތަކެއް ކުރުން. އަޅުގަނޑު ފެނަކައިގެ އެމްޑީއެއްގެ ގޮތުގައި މަސައްކަތް ކުރިއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިއުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނު. ވަރަށް ކައިރިން އަޅުގަނޑަށް އަޑުއިވިފަ އެބަހުރި ރައްޔިތުންގެ ކަންބޮޑުވުންތައް. އަދި ޙާއްޞަކޮށް ކ.އަތޮޅު ރައްޔިތުންނަކީ ވަރަށް ބޮޑަށް ޤައުމިއްޔަތަށް ލޯބިކުރާ ބައެއް. އަޅުގަނޑު ރައީސް ޔާމީންގެ އަރިހުގަ މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރި ޒިޔާރަތުގައި، އަޅުގަނޑަށް ފެނުން، އެ ބޭފުޅުން ރައީސް ޔާމީންގެ ތަރައްޤީ އަށް ބޭނުންވެފައި ތިބި މިންވަރު. އެ އުންމީދުތައް ޙާސިލްކޮށްދޭން މަސައްކަތް ކުރުމަކީ އަޅުގަނޑު ކުރިމަތިލާން ނިންމި ދެވަނަ ސަބަބު. އެބޭފުޅުންގެ ފިކުރާއި ޕީޕީއެމްގެ ފިކުރާއި ވަރަށް ބޮޑަށް ދިމާވާނެ. ރައީސް ޔާމީންގެ ތަރައްޤީ އެމީހުން މިހާރުވެސް ބޭނުން. އެ ތަރައްޤީ ގެނެސްދެވޭނީ، އެ ފިކުރާ ގުޅޭ މީހެއް އަތޮޅު ކައުންސިލަށް އައިސްގެން ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ." "ވަގުތު" އަށް ދެއްވި ބަސްދީގަތުމެއްގައި ނިމާލް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން، ޕީޕީއެމް އިން އިފްތިތާޙު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރެއެވެ. ކެމްޕެއިން ރަސްމީކޮށް ފެށުމާއި އެކު، މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން، 1 މަސް ދުވަހުގެ މުއްދަތަށް، ކ.އަތޮޅުގެ ހުރިހާ ރަށެއްގައިވެސް ނިމާލްގެ ކެމްޕެއިންގެ އެކި އެކި ހަރަކާތްތައް ކުރިއަށް ގެންދަވާނެއެވެ.

ކ.އަތޮޅު ކައުންސިލްގެ ރައީސް ހޮވުމަށް ހަމަޖެހިފައިވަނީ، މާލެ ފިޔަވައި އެ އަތޮޅުގެ ބާކީ ދެން އޮތް ނުވަ ރަށުގެ ވޯޓާއި އެކުގައެވެ. އެއީ، ކާށިދޫ، ގާފަރު، ދިއްފުށި، ތުލުސްދޫ، ހުރާ، ހިންމަފުށި، ގުޅި، މާފުށި އަދި ގުރައިދޫއެވެ.