ސިވިލް ކޯޓުގެ އަމުރަކާއި ގުޅިގެން ދެމީހަކު ހޯދަން ފުލުހުން އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުންގެ ވެބްސައިޓްގައި މިއަދު ވިދާޅުވެފައި ވަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ދެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރަން ބޭނުންވެ ޙާޒިރުކުރެވިފައިނުވާ ދެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

ވަކި ވަކިން ކޮށްފައިވާ މި ދެ އަމުރާ ގުޅިގެން ހޯދަމުންދަނީ ގދ. ގައްދޫ / ކޮޓިގެ، އިސްމާޢީލް ޝާކިރު (37އ) އާއި މާލެ / ދަފްތަރު ނަންބަރު 2264، އަޙްމަދު ރުޝްދީ (68އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

އިސްމާޢީލް ޝާކިރު ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން ސިވިލް ކޯޓުން ކޮށްފައިވާ ކޯޓަށް ޙާޒިރުވުމުގެ އަމުރަށް އެ ކޯޓަށް ޙާޒިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ފެބްރުއަރީ 25 ވަނަ ދުވަހުގެ 11:30 އަށް ސިވިލް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އަޙްމަދު ރުޝްދީ ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން ސިވިލް ކޯޓުން ކޮށްފައިވާ ކޯޓަށް ޙާޒިރުވުމުގެ އަމުރަށް އެ ކޯޓަށް ޙާޒިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2020 ފެބްރުއަރީ 26 ވަނަ ދުވަހުގެ 10:15 އަށް ސިވިލް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މިދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.