މީޑިއާ އޮފިސަރުން ތަމްރީން ކުރުމުގެ މަސައްކަތު ބައްދަލުވުމުގައި އެންޖީއޯތައް ހިލޭ ބައިވެރި ކުރާ ގޮތަށް "ޝަހީބު މީޑިއާ" އިން ހަމަޖައްސައިފިއެވެ.

މި ފޮރޮގްރާމަކީ އޮފީސްތަކާއި ކުންފުނިތަކާއި އެހެނިހެން މުވައްސަސާތަކުގައި މީޑިއާ އޮފިސަރުންނާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގެ މީޑިއާ އޮފިސަރުންނަށް އަމާޒުކޮށްގެން މިރޭ ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

ޝަހީބް މީޑިއާގެ ޗެއާމަން އަދި ސީއީއޯ މުހައްމަދު ޝަހީބު ވިދާޅުވީ މީޑިއާ އޮފިސަރުންނަށް އަމާޒުކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ތަމްރީން ޕްރޮގްރާމްގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް ހިލޭ ބައިވެރިވެވޭ ގޮތަށް ހަމަޖެއްސީ އެ ފަރާތްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމަށް ކަމަށެވެ.

މީޑިއާ އޮފިސަރުންނަށް ހާއްސަކޮށް ތަމްރީނު ޕްރޮގްރާމެއް ބާއްވަނީ

"ރާއްޖޭގެ ހުރިހާ އެންޖީއޯތަކަކަށް ނޫން، ނަމަވެސް ފާހަގަކޮށްލެވޭ ބައެއް ޖަމިއްޔާތަކަށް ދައުވަތު ފޮނުވާފައި ވާނީ. މާ ގިނަ ޖާގަތަކެއް ނޫން އެ ބަޔަށް ޚާއްސަކުރީ،" ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ކަން ވެސް ކުރިން ކުރެއްވި ޝަހީބު ވިދާޅުވިއެވެ.

"މިފަހަރުގެ ތަރުހީބަށް ބަލާފައި، ކުރިމަގުގައި ޖާގަ އިތުރުކުރުމާ މެދު ވިސްނާނަން."

ހަތް ދުވަހުގެ މި މަސައްކަތު ބައްދަލުވުން ބާއްވަނީ މިރެއިން ފެށިގެން ކޮންމެ ރެއަކު ރޭގަނޑު 8.30 އިން 11 އަށް އަހުމަދިއްޔާ ސްކޫލްގައެވެ. ފީއަކީ 2،500ރ. އެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ހިމަނާފައި ވަނީ ޚަބަރު ދެނެގަންނާނެ ގޮތާއި ޚަބަރު ލިޔާނެ ގޮތުގެ އިތުރުން، މީޑިއާ އޮފިސަރުގެ ޒިންމާ އާއި ދައުރާއި، ކާމިޔާބު މީޑިއާ އޮފިސަރެއްގެ ކިބައިގައި ހުންނަންޖެހޭ މުހިންމު ސިފަތަކެވެ. އަދި މީޑިއާއާ އެކު މަސައްކަތްކުރުމުގެ މުހިންމު ކަމާއި އޮފީހުގެ ތަސައްވުރު ރަނގަޅު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި މީޑިއާގައި މައްސަލައެއް ފެންމަތިވުމުން ހައްލުކުރާނެ ގޮތްތަކަށް ވެސް ކިޔައިދޭނެއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ކިޔަވައި ދެއްވާނީ މީޑިއާގެ ދާއިރާ އިން ގައުމީ އިނާމް ހާސިލް ކުރައްވާފައިވާ ތަޖުރިބާކާރުންނެވެ. އެއީ ޝަހީބުގެ އިތުރުން "އަވަސް" އޮންލައިންގެ އެޑިޓަރު މުންޑޫ އާދަމް ހަލީމާއި "ވަން" އޮންލައިންގެ ސީއީއޯ އަދި އެޑިޓަރު ސިނާން އަލީއެވެ.

އޭގެއިތުރުން ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ މައްޗަށް ގާނޫނީ ނަޒަރަކުން އަލިއަޅުވާލައި ހާއްސަ ލެކްޗަރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ލެކްޗަރު ދެއްވާނީ ގާނޫނީ ވަކީލް، ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނެވެ.

ޝަހީބު މީޑިއާއަކީ ނޫސްވެރިންގެ ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް 2010 އިން ފެށިގެން ބާއްވަމުން އަންނަ ބައެކެވެ. އެގޮތުން، މާލެ އާއި އައްޑޫގެ އިތުރުން ކުޅުދުއްފުށީގައި ވެސް ވަނީ ނޫސްވެރިކަމުގެ ތަފާތު ކޯސްތައް ހިންގައިފައެވެ.