އުމުރުން 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމާއި، ބްލެކްމެއިލް ކުރުމާއި، ރޭޕް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ސިފައިންގެ މީހާގެ މައްޗަށް ޕްރޮސިކިިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ ކޮށްފިއެވެ.

ޕީޖީން ބުނީ ހދ. ނޮޅިވަރަންފަރު، ޝެހެނާޒު، މުހައްމަދު އަލީގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު ގެ ތިން ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ނ)ގެ ދަށުން، ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ. އެ އޮފީހުން އަދި ބުނީ، އޭނާގެ މައްޗަށް ކުރާ ދައުވާ އަކީ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ ކަމަށެވެ. އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މި މައްސަލައަކީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމެޓީގެ ބައްދަލުވުމެއްގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ދެއްކެވި ވާހަކަފުޅެކެވެ. އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ސިފައިންގެ ދެ މީހަކު 15 އަހަރުގެ ކުއްޖަކު ރޭޕް ކުރި ކަމަށާއި އެއްވެސް އަދަބެއް ނުލިބި އަދި ވެސް އެ މީހުން ދޫވެފައި ތިބި ކަމަށެވެ.

"އެއްކަލަ ސިފައިންގެ މީހުން ޔުނީފޯމު އަޅައިގެން އޮފީހަށް ގޮސްގޮސް އެ ތިބެނީ. ރޭޕްކުރި ކުއްޖާ އެ ހުރީ ހުރި ގޮތަށް. ކަމެއް ކިޔައި ނުދެވޭ ވަރުގެ ކުއްޖެއް ނޫން. ފަނަރަ އަހަރުގެ ކުއްޖެއްގެ ވާހަކަ މި ދައްކަނީ. އެކަމަކު އަދި ވެސް އެ މީހުން ދޫވެފައި އެ ތިބެނީ،" ރޮޒައިނާ އާދަމް އެރޭ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މުހައްމަދު އަލީ ހައްޔަރުކުރީ މިދިޔަ މަހުގެ 22ވަނަ ދުވަހުއެވެ.