ރާއްޖޭގެ 48 ރަށާއި ފަޅުތައް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މައުލޫމާތުތައް ހޯދަން އާއްމު މީހަކު އެދުނު މައުލޫމާތު ފޯރުކޮށްދިނުމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް މޫސާ، ޓޫރިޒަމް މިނިސްޓްރީ އަށް މިއަދު އަންގަވައިފިއެވެ.

ރަށްތަކާއި ފަޅުތައް ކުއްޔަށް ދިން ފަރާތްތަކާއި ސަބްލީސް އެއްބަސްވުމާ ގުޅޭ މައުލޫމާތު ހޯދުމަށް އަމިއްލަ ފަރާތަކުން ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހެޅުމުން އެ މައުލޫމާތު ނުދިން މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ވަނީ ހުށަހަޅައިފައެވެ. އެ މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރު އޮފީހުގައި ބޭއްވި އަޑުއެހުމުގައި ޓޫރިޒަމް މިނިސްޓްރީން އެދުނީ ލިޔުމުން އިންފޮމޭޝަން ކޮމިޝަނަރަށް ޖަވާބުދާރީވުމަށެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ލީގަލް އޮފިސަރު ޝުކުރާނާ މުހައްމަދު ވިދާޅުވީ، އާންމު މީހަކު ހޯދަން އެދިފައިވާ މައުލޫމާތަކީ ތިން ވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ މައުލޫމާތެއް ކަމަށާއި އެ މައުލޫމާތު އެ ވުޒާރާ އަށް ހާމަ ނުކުރެވޭނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ލީގަލް އޮފިސަރު ޝުކުރާނާ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބޭއްވި އަޑު އެހުމުގައި ވާހަކަ ދައްކަވަނީ: ފޮޓޯ ވަގުތު އިމޭޖްސް

އަދި ޝިފްޒާ ނަމަކަށް ކިޔާ އަންހެން މީހާ މައުލޫމާތު ހޯދަން އެދުނު ރަށްތައް ކުއްޔަށް ދިނުމަށް ވެފައިވާ އެގްރީމެންޓްތަކުގެ ލީސް އެއްބަސްވުންތަކަކީ އެ ވުޒާރާއިން ވެފައިވާ އެއްބަސްވުންތަކެއް ނޫން ކަމަށާއި އެ އެއްބަސްވުންތައް ވެފައި ވަނީ އެ ވުޒާރާއިން އެ ރަށްތަކާއި ފަޅުތައް ކުއްޔަށް ދިން ކުންފުންޏާއި އެހެން ކުންފުނިތަކާއި ދެމެދުގައި ކަމަށް ޝުކުރާނާ ވިދާޅުވިއެވެ

" ސަބްލީސް އެގްރީމެންޓްތައް ހަދަނީ ޓޫރިޒަމުން ހުއްދައެއް ހޯދައިގެން. އަޅުގަނޑުމެން އެކަން ބަލަނީ ހަމައެކަނި ރެކޯޑަށް. މިއީ މިނިސްޓްރީން ވާ އެއްބަސްވުންތަކެއް ނޫން. ރަޖިސްޓްރީ ކުރަން މި ފޮނުވަނީ އެ. އެއީ އަޅުގަނޑުމެންނާ ގުޅުން ހުރި ކަމެއް ނޫން." ޝުކުރާނާ ވިދާޅުވިއެވެ.

ޝުކުރާނާގެ އެ ވާހަކަތަކާއި ގުޅިގެން ފިޔާޒް ވިދާޅުވީ، އަމިއްލަ ފަރާތަކުން މައުލޫމާތު ހާމަކުރަން އެދުނު 48 ރަށާއި ފަޅުތަކުގެ ތެރޭގައި، މިދިޔަ ސަރުކާރުގައި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތެރޭގައި ހިމެނޭ ރަށްތައް ހުރި ކަމަށާއި އެކަމުގައި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އޮތް ބައްދަލުވުން. --- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އަދި ޓޫރިޒަމުން އެދުނު ގޮތަށް ލިޔުމުން މައުލޫމާތު ހުށަހަޅަން ފުރުސަތު ދެވެން ނެތް ކަމަށާއި ޝިފްޒާ ހާމަކޮށްދޭން އެދުނު މައުލޫމާތުތަކުގެ ތެރޭގައި ސިއްރެއް އޮތް ކަމަށް ގަބޫލު ނުރެވޭ ކަމަށް ވެސް ފިޔާޒް ވިދާޅުވިއެވެ.

"ސަބްލީސް އެއްބަސްވުމުގެ ތެރޭގައި ހުރެދާނެ ދައުލަތުގެ ކުންފުނިތަކަށް ދީފަ ހުރި ތަންތަން އެހެންވިއްޔާ އެ ތަންތަނުގެ މައުލޫމާތު ލިބެންވާނެ. އަމިއްލަ ކުންފުންޏަކާއި އަމިއްލަ ކުންފުންޏަކާއި ދެމެދު އޮތް އެއްބަސްވުމެއްގެ މައުލޫމާތު ހާމަކުރާކަށް ނުޖެހެ. ނަމަވެސް އެ ހާލަތުގައި ވެސް ރައްޔިތުންނާއި ގުޅުން ހުރި ކަމެއް ވިއްޔާ އެކަމަކަށް އަޅުގަނޑުމެން ވަންނާނަން." ފިޔާޒް ވިދާޅުވިއެވެ.

ފިޔާޒް ވިދާޅުވީ، ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ދޫކޮށްފައިވާ ފަޅު ރަށްތަކުގެ މައުލޫމާތު ހިމެނޭ "ބުރަބި" ފޮތުގައި ވެސް ފަޅު ރަށްތައް ލީސް ކުރި ގޮތުގެ ތަފްސީލް މައުލޫމާތު ހުރި އިރު، ޝިފްޒާ ހޯދަން އެދުނު މައުލޫމާތު ނުދޭން ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މަސައްކަތް ކުރާ ސަބަބެއް ވިސްނި ވަޑައިނުގަންނަވާކަމަށެވެ.

އަދި 48 ރަށާއި ފަޅުތައް ކުއްޔަށް ދިން ގޮތުގެ މައުލޫމާތު ޝިފްޒާ އަށް ފޯރުކޮށްދީ، ސަބްލީސް އެގްރީމެންޓްތަކުގެ ތެރެއިން ދައުލަތުގެ ކުންފުނިތަކަށް ދީފައިވާ ތަނެއް ވާނަމަ އެ އެއްބަސްވުމުގެ މައުލޫމާތު ހިއްސާކުރަން ފިޔާޒް ވަނީ އަންގަވައިފައެވެ.

އައިކޮމް އަޑުއެހުމުގައި ޝިފްޒާ ވާހަކަދައްކަވަނީ: ފޮޓޯ ވަގުތު

އެ އަޑު އެހުމުގައި މައްސަލަ ހުށަހެޅުއްވި ފަރާތް ކަމަށްވާ ޝިފްޒާ ބުނީ ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އޭނާ އެދުނު މައުލޫމާތު ނުދީ ހިފަހައްޓަން ދައްކާ ސަބަބުތައް ބަލައި ނުގަނެވޭ ކަމަށެވެ.

"މައްސަލައިގައި މައުލޫމާތު ދެވެން ނެތް ކަމަށް އެންގުމުން އަޅުގަނޑު މުރާޖައާ ސިޓީލިން. އެ ސިޓީއަކަށް ވެސް ޖަވާބެއް ނުދޭ. މައުލޫމާތެއް ނުދެވޭ ނަމަ އެކަން ނުދެވޭ ސަބަބު ހާމަކުރުމަކީ އިންފޮމޭޝަން އޮފިސަރު ކުރައްވަން ޖެހޭ ކަމެއް. އެކަން ނުކުރެވޭ ސަބަބެއް ގާނޫނުގެ ދަށުން ދެއްކުނު ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ." ޝިފްޒާ ވިދާޅުވިއެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑު އެއްސެވުމަށް ފަހު ފިޔާޒް ވިދާޅުވީ، މި މައްސަލައިގެ މައުލޫމާތު 45 ދުވަހުގެ ތެރޭގައި ޝިފްޒާ އަށް ފޯރުކޮށްދޭން ވާނެ ކަމަށެވެ. އަދި ކުރިއަށް އޮތްނުގައި ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހޯދަން އެދޭ މިފަދަ މައުލޫމާތުތައް ފަސޭހަކަމާ އެކު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ބޭނުމަކީ އެއީ ކަމަށް ފިޔާޒް ވިދާޅުވިއެވެ.

ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމުގެ މައުލޫމާތު ހޯދަން ޝިފްޒާ، ޓުއަރިޒަމް މިނިސްޓްރީއަށް ހުށަހެޅީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅީ، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ދޭން ޓުއަރިޒަމް މިނިސްޓްރީން އިންކާރުކުރުމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަދުރޭ

    ދެފުއްފެންނަގޮތައް މަސަތަކަތްކުރާނަމޭ ބުނުމަކުންނުފުދޭ މައުލޫމާތުހާމަކުރަން ދެކޮޅުހަދާނަމަ ބެލެވޭނީ ކްރަޕްސަންގެ ކަންތައްގަނޑެއް ފޮރުވަނީކަމައް.

    14
    1
  2. ސައު

    ނުޖެހޭ ދޭކަށް! މާފެންމައްޗަށް އަރައިގެން ނޫޅޭ..ތިއީ ކޯޓެއްތަ؟

    2
    5
  3. ކަނަމަނަ

    ފިޔާޒްމެން މާބޮޑައް އިންސާފުން ކަންތައްކުރާބައެއްކަންދައްކަން މަސައްކަތްކުރަނީ ހަމަރައްޔަތުންބޯކާންވެގެން އެއްވެސް އެހެންބޭނުމެއްގައެއްނޫން