އައިޓީ ސްޕެޝަލިސްޓުން ހޯދަން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި މީހުންނަށް މާކްސް ދިން ގޮތުގެ މައުލޫމާތު އިކޮނޮމިކް މިނިސްޓްރީ އަމަލު ކުރީ ދެ ފަހަރު ދެ ގޮތަށް ކަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ބޭއްވި އަޑުއެހުމުން މިއަދު ހާމަވެއްޖެއެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބި) އިން ރާއްޖޭގައި ހިންގާ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ދަށުން، އިކޮނޮމިކް މިނިސްޓްރީން މިދިޔަ އޭޕްރީލް މަހު އައިޓީ ސްޕެޝަލިސްޓުން ހޯދަން ކުރި އިއުލާނާ ގުޅިގެން ކުރިމަތލި މީހުންނަށް މާކްސް ދިން ގޮތުގެ މައުލޫމާތު ހޯދުމަށް އެ މަގާމަށް ކުރިމަތިލި އެކަކު ކަމަށްވާ ޑރ. އިބްރާހިމް ޝިޔާމް އެދިވަޑައިގަތުމުން އެ މައުލޫމާތު ދޭން އިކޮނޮމިކް މިނިސްޓްރީން ދެކޮޅު ހެދިއެވެ.

އިކޮނޮމިކް މިނިސްޓްރީން އެގޮތަށް ނިންމީ ޝިޔާމް ހޯދަން އެދުނު މައުލޫމާތުގެ ތެރޭގައި ތިން ވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ހިމެނޭ ކަމަށް ބުނެއެވެ. އެހެންވެ، އެ މައްސަލަ ޝިޔާމް ހުށަހެޅީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށެވެ.

އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް ވާހަކަދައްކަވަނީ: ފޮޓޯ ވަގުތު

އަޑު އެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް ވަނީ މީގެ ކުރިން އިކޮނޮމިކް މިނިސްޓްރީގެ މަގާމަކަށް ކުރިމަތިލީ ފަރާތްތަކަށް މާކްސް ދިން ގޮތުގެ މައުލޫމާތު ހާމަކޮށްފައިވާ އިރު، މި މައްސަލައިގައި މައުލޫމާތު ނުދެވެންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

" މިއޮތީ ތިޔަބޭފުޅުން ދެއްވާފައި އޮތް ޓޭބަލް. ނަން ހާމަ ނުކުރައްވާ 1،2،3 ޖައްސަވާފަ، ނޫނީ އޭ،ބީ،ސީ ޖައްސަވާފަ ލިބުނު މާކްސް ދެއްވޭނެ ނޫންތޯ. ވަރަށް ރީއްޗެއް ނޫންތޯ މި ޓޭބަލް" ފިޔާޒް ވިދާޅުވިއެވެ.

ފިޔާޒް ވިދާޅުވީ ނަން ހާމަނުކޮށް، އެ މަގާމަށް ކުރިމަތިލީ މީހުންނަށް ލިބުނު މައުލޫމާތުތައް ހާމަކުރުމަކީ ބުރަ ކަމަކަށް ނުވާނެ ކަމަށާއި އެ މައުލޫމާތު ވީ އެންމެ އަވަހަކަށް. ޑރ.ޝިޔާމް އަށް ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އައިކޮމް އަޑު އެހުމުގައި، ސޮފްވާން ވާހަކަދައްކަވަނީ: ފޮޓޯ ވަގުތު

އެ އަޑުއެހުމުގައި ފިޔާޒް ވަނީ އިކޮނޮމިކް މިނިސްޓްރީން ކުރިން މައުލޫމާތު ހާމަކުރި މައްސަލައިގެ ކޮޕީއެއް ވެސް ހާމަކުރައްވައިފައެވެ. ފިޔާޒް އެ ލިޔުން ދެއްކެވުމުން އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެ އަޑުއެހުމަށް ވަޑައިގެންނެވި ހަސަން ސޮފްވާން ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީގެ މަގާމަކަށް ކުރިމަތިލީ ފަރާތްތަކަށް މާކްސް ދިން ގޮތް ކުރިން ހާމަކުރިކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު ވެސް ގަބޫލުކުރަން އެއް ކަހަލަ ދެ މައްސަަލައެއްގައި އަމަލު ކުރަންވާނީ އެއްގޮތަކަށް. ނަމަވެސް ތި މައުލޫމާތު ދިންކަން އަޅުގަނޑަށް އެނގިފައެއް ނެތް." ސޮފްވާން ވިދާޅުވިއެވެ.

އެ މައްސަަލައާ ގުޅޭ ގޮތުން ޝިޔާމް ވިދާޅުވީ އޭނާ އެދުނު މައުލޫމާތުތައް ނުދޭން އިކޮނޮމިކް މިނިސްޓްރީން ދައްކާ ސަބަބަކީ، އެ މައުލޫމާތު ހާމަކުރުމުން ތިން ވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ހާމަވުން ކަމަށެވެ.

ޑރ.ޝިޔާމް އައިކޮމްގެ އަޑުއެހުމުގައި ވާހަކަދައްކަނީ: ފޮޓޯ ވަގުތު

ނަމަވެސް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގައިވާ ގޮތުން އެއްވެސް ފަރާތަކުން ހޯދަން އެދޭ މައުލޫމާތުގައި ތިން ވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ހިމެނޭ ނަމަ، އެ މައުލޫމާތު އުނިކުރުމަށް ފަހު، މައްސަލަ ހުށަހަޅާ ފަރާތުން އެދޭ މައުލޫމާތު ދޭންވާނެ ކަމަށް ބަޔާންކޮށްފައިވާ ޝިޔާމް ފާހަގަކުރެއްވިއެވެ.

"އެންމެ މަތިން މާކްސް ލިބުނު ފަރާތަކީ މިހާރު މަގާމުގައި ހުރި މީހާ ކަމަށް ވާތީ އެ މައުލޫމާތު ހާމަކޮށްފި ނަމަ އޭނާގެ ޒާތީ މައުލޫމާތު ހާމަވެދާނެ. އޭ އެއީ މި ބޭފުޅުން ދައްކަވާ ސަބަބަކީ. އެކަމަކު އެބައި އުނިކޮށްފަ، ނަން ނުހިމަނާ ދެވޭނެ ނޫންތޯ ދެން ހުރި މައުލުމާތު." ޝިޔާމް ވިދާޅުވިއެވެ.

.ޝިޔާމް ވަނީ އޭޑީބީ އިން ރާއްޖޭގައި ހިންގާ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓްގެ ދަށުން، އިކޮނޮމިކް މިނިސްޓްރީން، އައިޓީ ސްޕެޝަލިސްޓުން ހޯދަން ކުރި އިއުލާނާއި ގުޅިގެން އަމަލު ކުރީ، އޭޑީބީގެ ގައިޑްލައިނާއި ހިލާފަށް ކަމަށް ބުނެ އޭސީސީއަށް ވެސް މައްސަލަ ހުށަހަޅައިފައެވެ.

ޑރ. އިބްރާހިމް ޝިޔާމަކީ ކޮމްޕިއުޓާ ސައިންސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކޮށް އެ ދާއިރާގެ މައުލޫމާތުތައް ފޯރުކޮށްދިނުމުގައި އާއި އަމަލީ މަސައްކަތްތަކުގައި ގިނަ ދުވަހު ހިދުމަތް ކުރި މީހެކެވެ.