މިއަހަރުގެ ނިޔަލަށް ރާއްޖޭގެ 60 ރަށުގައި ނަރުދަމާގެ ނިޒާމު ގާއިމުކޮށް ނިންމާނޭ ކަމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޠާރިޤް އެހެން ވިދާޅުވީ ރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމާއި ރައީސް ނަޝީދުގެ 3 އަހަރުގެ ވެރިކަމުގައި 31 ރަށުގައި ނަރުދަމާ އެޅިފައި ވަނީ. ނިސްބަތުން އަހަރަކު ރަށެއްގައިވެސް ނަރުދަމާ އެޅިފައެއްނެތް." ޕީޕީއެމުން ބުދަދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

"މި އަހަރުގެ ނިޔަލަށް ރައީސް ޔާމީންގެ ސަރުކާރުން 60 ރަށުގައި ނަރުދަމާއަޅައިނިންމާނެ. ކޮބާ ހީވޭ ކަމެއްހެން. ރައީސް ޔާމީނަކީ ގަދަ ބޭފުޅެއް."

މިނިސްޓަރ ޠާރިޤް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ކުރީގެ ސަރުކާރުތަކުން ކަންތައް ކުރިގޮތަށް ފިނިހަކަ ދުވެލީގައި ނޫންކަމަށާއި ރައީސް ޔާމީން ރައްޔިތުންނަށްޓަކައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދަވަނީ ބާރަށް، ހަލުއި ސްޕީޑްގައި ކަމަށެވެ.

"ޖަލަށް ފިއްލަވައިގެން އުޅުއްވާ ބޭފުޅުންނާއި ޖަލުގައި ތިއްބެވި ބޭފުޅުން ބޭނުންފުޅު ވަނީ ރައީސް ޔާމީން ކުރިއަށް ގެންދަވާ ތަރައްޤީގެ މަސައްކަތްތަކުގެ މެޑެލް ޖައްސަވަން. އެ މަޝްރޫޢުތަކުގެ ރިބަންފަށް ކަނޑުއްވަން." މިނިސްޓަރ ޠާރިޤް އިތުރަށް ވިދާޅުވިއެވެ.

"އެރިބަން ކަނޑަން އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން އެބޭފުޅުންނަކަށް. ލާހިކަ ކުޅަދާނައެއްނޫން އެބޭފުޅުންނަށް އެކަން ކުރައްވާކަށް." މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޔާމީން ގައުމަށް ގެންނަވަމުން ގެންދަވާ ތަރައްޤީގެ މަޝްރޫޢުތަކަށް ބައްލަވާލައްވަމުން މިނިސްޓަރ ޠާރިޤް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ހުރިހާ ރަށަކަށް 24 ގަޑިއިރަށް ކަރަންޓު ޔަޤީންކޮށްދެއްވާފައިވާކަމަށާއި ކާބަން މަދުން ބޭނުންކުރާ ގައުމަކަށް ރާއްޖެ ހެދުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ޕްރޮޖެކްޓް ފާހަގަކުރެއްވިއެވެ.

"ރައީސް ޔާމީނަކީ ދިވެހިރާއްްޖޭގެ މިޒަމާނުގެ ތަރައްޤީގެ ބާނީ. އަދި ރާއްޖޭގެ މިޒަމާނުގެ މިނިވަންކަމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބަޠަލު." މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ."ފެބްރުއަރީ އެކެއްގައި ރާއްޖެއަށް ދިމާވި ހާދިސާ ރާއްޖޭގެ އެހެން ރައީސަކަށް ކުރިމަތިވެވަޑައިގެންނެވިނަމަ އޮޑިން ފުންމާލައްވާފައި ވަޑައިގެން އެބޭފުޅަކު ގޭގައި އޮންނަވާނީ ރަޖާއަޅުއްވައިގެން."

މިނިސްޓަރ ޠާރިޤް ވިދާޅުވީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫގެ ހުރިހާ ރަށަކަށް މި އަހަރުގެތެރޭގައި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނޭކަމަށެވެ.