ރައްޔިތުންގެ މަޖިލީހުގައި ހުރި ކުރީގެ ތާރީހީ ލިޔެކިއުތައް ޑިޖިޓަލައިޒްކޮށް އަރުޝީފު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީޙުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަޖިލިސް ފުރަތަމަ ފެށި ދުވަހުން ފެށިގެން ބޭނުން ކުރަމުން އައި ލިޔެކިއުންތައް އެބަ ހުރި ކަމަށެވެ. އެހެން ކަމުން އެއީ ވަރަށް ތާރީހީ ލިޔެކިއުންތަކެއް ކަމަށް ޒިޔާއު ވިދާޅުވިއެވެ.

"ވަރަށް ކުރީގެ ތާރިހީ ލިޔުންތައް އެބަހުރި. އޭގެ ތެރޭގައި ރާއްޖޭގައި ފުރަތަމަ މަޖިލިސް ފެށީއްސުރެ ހުރި ލިޔުންތައް އެބަ ހުރި. މީގެ ތެރޭގައި މެންބަރުންގެ ހާޒިރީއާއި މައުލޫމާތާއި އެބޭފުޅުން ކޮށްފައި ހުރި މަސައްކަތް އެބަ ހުރި" ޒިޔާއު ވިދާޅުވިއެވެ.

ޒިޔާއު ވިދާޅުވީ، މަޖިލީހުގައި ހުރި ލިޔެކިއުންތައް ޑިޖިޓަަލައިޒްކޮށް އަރުޝީފު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން މަހެެއްގެ ތެރޭގައި ހުރިހާ ލިޔެކިއުންތައް ޑިޖިޓަލައިޒްކޮށް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށް ޒިޔާއު ވިދާޅުވިއެވެ.

މީގެ އިތުރުން ލިޔެކިއުންތައް ޑިޖިޓަލައިޒް ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝިދުގެ އެދިލެއްވުމުގެ މަތިން އާންމުންނަށް ފެންނާނެހެން އަރުޝީފު ބައެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޒިޔާއު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މި މަސައްކަތް ނިމުމާއެކު މަޖިލީހުގެ ވެބްސައިޓްގައި އެ ލިޔުންތައް ޝާއިއު ކުރެވިގެން ދާނެއެވެ.

މިހާރުވެސް މަޖިލީހަށް ހުށަހެޅޭ ބިލުތަކުގެ އިތުރުން ކޮމެޓީތަކުން ކަންކަން ދިރާސާކޮށް އެކުލަވާ ރިޕޯޓްވެސް މަޖިލީހުގެ ވެބްސައިޓްގައި ޝާއިއު ކުރެވިގެން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވިސްނޭ

    ވެރިކަން ވެއްޓެންވާއިރަށް ހުރިހާ ތާރީޙީ ލިޔެކިޔުންތަކެއް ދިރުވާލަނީ ތި އަންނި..

  2. އަލީ

    މިއީ އޮޅުވާލުންގަޑެއް.