އައްޑޫގެ ތަރައްގީއަށް ހުރަސް އެޅެނީ ސިޔާސީ ފިތުނަ ފަސާދައިގެ ސަބަބުން ކަމަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ޓިކެޓްގައި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

ލަތީފް "ވަގުތު"އަށް ވިދާޅުވީ ކެންޑިޑެސީ ފޯމް ބަލައިގަތްކަން އިލެކްޝަންސް ކޮމިޝަނުން އެންގުމާ އެކު އޭނާގެ ސިޔާސަތުތައް އާންމުންނަށް ބުނެދީ، އާންމުންގެ ހުރި ކަންބޮޑުވުންތަކާއި އެދޭ ކަންކަން ސާފުކުރައްވަމުންދާ ކަމަށެވެ.

އެގޮތުން ކުރި މަސައްކަތުން އެންމެ ބޮޑަށް ފާހަގަވީ ސިޔާސީ ބައިބައިވުމާއި ހިޔާލް ތަފާތުވުމުގެ ސަބަބުން އައްޑޫގެ ތަރައްގީ އަށް ވަރަށް ބޮޑަށް ހުރަސް އެޅިފައިވުން ކަމަށާއި، އައްޑޫގެ އެއްބައިވަންތަކަން އާލާކުރަން މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ލަތީފް ވިދާޅުވިއެވެ.

"އަޅުގަނޑު މޭޔަރުގެ މަގާމަށް އައިސްފި ނަމަ ބާރުތައް ނުހިފަހައްޓާނަން. ހުރިހާ ތަނެއްގައި ވެސް ކަންކަން ކުރާ އިރު ހިޔާލާއި ހުށަހެޅުންތައް ހޯދާނަން. މިކަމުގައި ސިޔާސީ ފިކުރެއް، ކުލައަކަށް ނުބަލާނަން." ވޮލީ ބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ މިހާރު ސަރުކާރާއި މަޖިލީހުގެ ފުރިހަމަ ބާރު އެމްޑީޕީ އަށް އޮތުމާ އެކު ސަރުކާރު ޒިންމާދާރު ކުރުމަށް އެމްޑީޕީ ނޫން ޕާޓީއެއްގެ މީހަކަށް ފުރުސަތުދޭން ޖެހޭ ކަމަށެވެ. އަދު ޗެކް އެންޑް ބެލެންސްގެ ނިޒާމެއް ގާއިމުކުރެވޭނީ އޭރުން ކަމަށް ލަތީފް ވިދާޅުވިއެވެ.

އައްޑޫގެ މޭޔަރުކަން ލިބިވަޑައިގަންނަވައިފި ނަމަ، މޭޔަރު ކަމާ ހަވާލުވާތާ 100 ދުވަސް ތެރޭގައި، ފޭދޫގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހިއްކާފައިވާ ބިމުން، ފޭދޫގެ ރައްޔިތުންނަށް ގޯތި ދެއްވާނެ ކަމަށް ލަތީފް މީގެކުރިން ވައުދުވެވަޑައިގެންނެވިއެވެ.

އައްޑޫސިޓީގެ މޭޔަރުކަމަށް ކުރިމަތިލެއްވުމަށް ނިންމެވީ އިގްތިސާދަށް ލޯހުޅުވިފައިވާ، ސިޔާސީ ފިކުރަށް ގޮސް ހުސްވެފައި ނެތް މީހަކަށް ނޫނީ އައްޑޫ ތަރައްގީ ނުކުރެވޭނެ ކަމަށް ގާބޫލު ކުރެވޭތީ، ލިބިފައި ހުރި ތަޖުރިބާގެ އަލީގައި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށް ލަތީފް ވިދާޅުވިއެވެ.

އައްޑޫސިޓީގެ ހިތަދޫ އަށް އުފަން މުހައްމަދު ލަތީފަކީ ވިޔަފާރީގެ ދާއިރާއިން މާސްޓާސް އައި ފައިނޭންސް އެންޑް އެކައުންޓިންގެ ދާއިރާއިން ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ވިޔަފާރީގެ ދާއިރާ އިން 23 އަހަރުގެ ތަޖުރިބާ ހާސިލްކުރައްވާފައިވާ ލަތީފަކީ، ސިވިލް އޭވިއޭޝަން ދާއިރާގައި ވެސް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

ލަތީފް ވަނީ ގިނަ ދުވަސްތަކެއް ވަންދެން ސިވިލް އޭވިއޭޝަން ދާއިރާ އާއި ވިޔަފާރީގެ ދާއިރާގައި އިސް މަގާމްތައް ފުރުއްވައިފައެވެ. އަދި ފެށުނީއްސުރެ ޕީޕީއެމްގައި ހިދުމަތް ކުރައްވަމުން އައި ލަތީފް އަކީ ޕީޕީއެމް އުފެދުމުގެ ކުރިން ޑީއާރުޕީގެ މެމްބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަޙްމަދު

    ވަރަށް ބޮޑު ތެދުފުޅެއް! ބައެއްމީހުންނަށް ހޯދަން އުޅުނީ ސިޔާސީމަންފާ! ލަންޑަނުގައި ތިބެގެން ވަރަށް ބޮޑު ރޭވުންގަންޑެއް ރޭވިވާހަކަ އެއީވެސް މީޑީޔާގެ ދެއްކުނު ވާހަކަތަކެއް! ރަށް ހުޅުޖަހާލީ ކޮން ސަބަބަކާ ހުރެތޯ! ތިމާމެއް ސަޕޯޓް ނުކުރާބަޔަކު ވެރިކަމުގައި ތިބުމަކީ އަތޮޅާއި ރަށުގެ ކޮންމައްސަލައެއްތޯ! ހަމާ ސިޔާސީ ހައްދު ފަހަނާޅައިފައިވާ މީހުންގެ ހަސަދަވެރިކަން! މިކަމުންވެސް ގެއްލުން ލިބެނީ އެއްވެސް ޕާޓީއަކަށް ނިސްބައްނުވާ އަދި ޕާޓީއަކަށް ނިސްބައްވިޔަސް ނިކަމެތި ރައްޔިތުން!

    18
    1
  2. ޖަޒީރާ ބޯއީ

    ލަތީބެ ކިތަންމެ ވަރަކަށް ފޫގަލާފައި އުޅުނަސް ތިވާތީ ތިޔަށް، ރާއްޖެތެރެ މީހުންގެ ކުޅަނދު މަދުކަމަށް ބުނެއުޅޭ ބަހުގެ ހަގީގަތް މިފެންނަނީ. މި ސަރުކާރުން ކޮންމެ އެއްޗެއް ބުނިނަމަވެސް އެއީ ހަގީގަތް ކަމަށް ހެދިގެން ތިބޭ ބައެއް ރާއްޖެ ތެރެއަށް ނިސްބަތްވަނީ. ދެންވެސް ވާނީ އެހެން.

  3. އިދުރީސް

    މިސަރުކާރަށް މަޖިލިސް މިސަރުކާރަށް ދިފާއީބާރުތަށް މިސަރުކާރަށް ކޯޓުތަށް މިސަރުކާރަށް މުޅި ދައުލަތް އަދިވެސް ހިންގޭވަރުނުވަނީ އުތަ!!!!! ކައުންސިލް މިސަރުކާރާ ހަވާލުކޮށްފިނަމަ އެންމެ އާދައިގެ މީހާވެސް ނޯށުން ކަރުނަ އަޅަންޖެހޭނެ. ރައްޔިތުން މިކަމާ ފުންކޮށް ވިސްނާ.

  4. ަސދަސ

    ޔާމީން އުޅުނީ އައްޑޫ ރައްޔިތުންނަށް އައްޑޫ ތަރައްގީކޮށްދޭން. ނަމަވެސް އެއްމެ 6 ކައުންސިލަރުންނާއި ހެދި އެތަރައްގީ 30ހާސް މީހުންނަށް ނުލިބުނު.