ރާއްޖެ އަށް އެކި ދާއިރާތަކުން ބޭނުންވާ ފަންނީ މީހުން ތަމްރީން ކުރުމަށް ހަޔަރއެޑިއުކޭޝަން މިނިސްޓްރީން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ވިދާޅުވެ، އެ ވުޒާރާ އަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރ އަބްދުﷲ ޖާބިރު ފާޑު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި، ދިވެހިރާއްޖޭގެ ޗާރޓާރޑް އެކައުންޓެންޓުންގެ ބިލަށް ބަހުސްކުރައްވަމުން.، ޖާބިރު ވިދާޅުވީ މީހުން ތަމްރީން ނުކުރެވޭ ކަމަށް ވާނަމަ އެ ވުޒާރާގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް މީހުން ތަމްރީން ނުކުރެވޭ ނަމަ ޕްރައިވެޓް ސެކްޓަރ އާއި ހަވާލުކުރުމުން، ފަންނީ ތަޖުރިބާކާރުން ރާއްޖެގެނެސްގެން މީހުން ތަމްރީން ކުރަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ދައުލަތުގެ ހުރިހާ ކަމެއް ސަރުކާރަށް ނުކުރެވޭނެ ކަމަށާ، ސަރުކާރަށް ނުކުރެވޭކަންކަން އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްގެން ކުރަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"އިއްޒަތްތެރި ރައީސް، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއެއް ހުންނަނީ ކީއްވެގެންތޯވެސް ބަލަން ޖެހޭ. ޓްރެއިނިން ފެސިލިޓީސްތައް ޤާއިމްކުރަން ޖެހޭ. ވޮކޭޝަނަލް ޓްރެއިނިން ފެސިލިޓީތައް ޤާއިމްކުރަން ޖެހޭ. މިސަލަކަށް ތުލުސްދޫއިން އަޅުގަނޑު މިއައީ. އެތަނުގައި ހުރި ވޮކޭޝަނަލް ޓްރެއިނިން ސެންޓަރު ހުރީ ބަންދުކޮށްފައި. އެތަން ބޭނުން ކުރަނީ ނާސްތާދީ ނިމުނީމަ ބާކީހުރި ނާސްތާކޮޅު ބަހައްޓަން. އެއީތޯ ވޮކޭޝަނަލް ޓްރެއިނިން އަކީ؟" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، އޮޑިޓަރުން ރާއްޖެއަށް މުހިއްމު ކަމަށާ، އޮޑިޓްކުރަން 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވާ ކަމަށެވެ.

އޮޑިޓްކުރުމަށް ރާއްޖޭގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭނެ ކަމަށާ، ތަފާތު އީޖާބީ ޚިޔާލުތަކަށް ފުރުސަތުދީ ރާއްޖޭގެ ހުރިހާ ކަމެއް އަލުން އިންތިޒާމް ކުރަން ޖެހިފައިވާ ކަމަށް ޖާބިރު ވިދާޅުވިއެެވެ.

ދިވެހިރާއްޖޭގެ ޗާރޓާރޑް އެކައުންޓެންޓުންގެ ބިލް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އެވެ. އެ ބިލް ފާސްވެއްޖެ ނަމަ އިންސްޓިޓިއުޝަން އޮފް ޗާޓަރޑް އެކައުންޓެންޓްސްގެ ނަމުގައި ޤާނޫނީ ޝަހުސެއް އުފެދިގެންދާނެއެވެ. އެ ބިލަށް ވާހަކަދެއްކެވި ހުރިހާ މެމްބަރުން ވެސް ވަނީ ރަނގަޅު އެކައުންޓެންޓުން ބޭނުންވާ ކަން ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނޫގަލަން

    އެއީ ދިވެހިންނަށް ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވަން ފަންޑް ކޮށްދޭ ތަނެއް. ޖާބިރަށް ނޭނގެންޏާ ހިމޭނުން ހުރޭ.

  2. ޒާ

    ފުރަތަމަ ތިމާ ކޮށްދޭން ބުނި ކަންކަން ކާށީދޫ ދާއިރާއަށް ކޮށްދީފައި އަނގަތަޅާ.

  3. ދިޔާނާ

    އަނެއްކާ ބަޔަކަށް ފައިސާ ދޭން ކީއްކުރާން އުފައްދާ ތަނެއް؟ ކީއްކުރާންތޯ ޤައުމީ ޔުނިވަރސިޓީ ހުންނަނީ. ސަރުކާރުން ބޭނުންވާ ޗާރޓަރޑް އެކްއުންޓެންޓުން ނޫފެއްދޭނޭ އެތަނުން ބުނީތޯ؟ އެތަން ހިންގަވަން ހުންނެވީ ވެސް އެމްޑީޕީގެ ހާރޑްކޯރ އެކްޓިވިސްޓް އެއް ނޫންތޯ؟ މިކަންކަން ވަރަށް ރަނގަޅަށް ރައްޔިތުން ދެނެގަނެ، ލޯކަލް އިންތިޚާބުގައި ވޯޓު ދެއްވާއިރު މިކަމަށް ސަމާލުކަންދެއްވުން އެދެން.