ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ މަގާމުތަކަށް ހަމަޖެއްސުމަށް ފެންނަ މުސާރަ އާއި އިނާޔަތްތަކުގެ ތަފްސީލް ހިމަނައި ނޭޝަނަލް ޕޭ ކޮމިޝަނުން ފޮނުވާފައިވާ މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރުމަށް، އެ ކޮމިޝަން މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރަން މިއަދު ނިންމައިފިއެވެ.

ޕޭ ކޮމިޝަން މާލިއްޔަތު ކޮމިޓީ އަށް ހާޒިރު ކުރަން ނިންމިކަން ހާމަކުރެއްވީ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ނިންމަވާލައްވަމުނ ްއެ ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒެވެ. މޭޔަރުންނާއި ކައުންސިލަރުންގެ މުސާރަ އާއި މެދު މަޝްވަރާކުރަން ބޭއްވި މާލިއްޔަތު ކޮމިޓީގައި ހުރިހާ މަޝްވަރާއެއް ކުރިއަށް ގެންދިޔައީ އޮފް ދަ ރެކޯޑްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރަތައް ކަނޑައެޅުމުގައި އެހެން ކޮމިޓީތަކުގެ މަޝްވަރާ ހޯދުން ހިމަނާފައިވާތީ އެކަމާ ގުޅޭ ގޮތުން ހުރިހާ ކޮމިޓީއެއްގެ ޚިޔާލުފުޅު މާލިއްޔަތު ކޮމިޓީއިން ވަނީ ހޯދައިފައެވެ.

މޭޔަރުންނާއި ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށް، އެ ބޭފުޅުންނަށް އިންޝުއަރެންސް ޕެކޭޖެއް ދިނުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ.

ސިޓީ ކައުންސިލަރުންގެ މުސާރަ އަށް ގެނައި ބަދަލަށް ބަލާއިރު، މޭޔަރުންނަށް، ލިވިން އެލަވަންސްގެ ގޮތުގައި ދޭ 10،000 ރުފިޔާއާއެކު ޖުމްލަ 40،000 ރުފިޔާ ލިބޭނެއެވެ. އަދި ޑެޕިއުޓީ މޭޔަރުންނަށް މުސާރަ އާއި ލިވިން އެލަވަންސްގެ ގޮތުގައި 35،000 ރުފިޔާ ލިބޭއިރު، މުސާރައާއި ލިވިންގ އެލަވެންސްއާއެކު ކައުންސިލް މެންބަރެއްގެ މުސާރައަކީ 30،000 ރުފިޔާއެވެ.

ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ މާލެ ސިޓީ އަށާއި އައްޑޫ އަދި ފުވައްމުލައް ސިޓީ އަދި އެންމެ ފަހުން ސިޓީއެއްގެ ދަރަޖަ ލިބުނު ކުޅުދުއްފުށީ ސިޓިއަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުން ވަނީ މޭޔަރުންގެ މުސާރަ 18000ރ. އަށް އަދި ޑެޕިއުޓީ މޭޔަރުންގެ މުސާރަ 14000ރ. އަށް ދަށްކޮށްފަ އެވެ. އަދި ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ 11500ރ. އަދި ކުޑަކުރިއެވެ.އޭގެ ކުރިން މޭޔަރުންނަށް 45000ރ. ޑެޕިއުޓީ މޭޔަރުންނަށް 35،000ރ. އަދި ސިޓީ ކައުންސިލްތަކުގެ މެމްބަރުންނަށް 25،000ރ. ލިބިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕޭ ކޮމިޝަން އިސްތިއުފާ

    ޕޭ ކައުންސިލުން މުސާރަތައް ރިވިއުކުރަނީކަމަށްބުނެ، ދައުލަތުގެ ބައެއް އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ ބަދަލުނުކުރެވިގެން އުޅޭތާ އެތައް އަހަރެއްވެއްޖެ. މިހެންވަނީ ބައެއް އިދާރާތަކަށް. އެހެން އިދާރާތަކަށް ބޭނުންވުމުން މުސާރަތައް ބަދަލުކުރެވޭ.