ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން 877 ގޮނޑިއަށް ވާދަކުރާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ހުރިހާ ކެންޑިޑޭޓުންގެ ކެނޑިޑެސީ ބަލައިގެންފައެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 900 އަށް ވުރެ ގިނަ ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.

އެމްޑީޕީގެ ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން 880 އަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ޓިކެޓު ހަވާލު ކުރި ނަމަވެސް، އޭގެ ތެރެއިން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައި ވަނީ 877 ކެންޑިޑޭޓުން ކަމަށެވެ. އެ ހުރިހާ ކެންޑިޑޭޓުން ހުށަހެޅި ފޯމްތައް މިހާރު އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައިވާ ކަމަށް ވެސް އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި އަންހެން ކެންޑިޑޭޓުންގެ ގޮތުގައި އެ ޕާޓީން ވާދަކުރާނީ 337 ކެންޑިޑޭޓުން ކަމަށެވެ. އެއީ އެ ޕާޓީން ކައުންސިލް އިންތިހާބުގައި ވާދަކުރާ ނިސްބަތަށް ބަލާ އިރު، 38 ޕަސަންޓެވެ.

އަފްޝާން ވިދާޅުވީ މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ނިމި "ރަށްވެހި ފަތިސް" އަށް އަލިވިލޭ އިރު ރައްޔިތުންނަށް ހައްލު ނުލިބި ހުރި ގިނަ މައްސަލަތަކަށް ހައްލު ލިބޭ މަންޒަރު ފެނިގެންދާނެ ކަމަށެވެ. އަދި ރަށްރަށުގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ދާނީ އަންހެނުންގެ ބައިވެރިވުމާއި ހިއްސާ ވެސް އޮވެގެން ކަމަށް އަފްޝަން ވިދާޅުވިއެވެ.

މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއިއެކު މިހާރު ކޮންމެ ރަށެއްގައި މަދުވެގެން ފަސް ކައުންސިލަރުން ހުންނަން ޖެހެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާއިރު އޭގެ ތެރެއިން 384 ޖާގަ ދިނީ އަންހެނުންނަށެވެ. މިއީ އެ ނިސްބަތުން ބަލާނަމަ 33 ޕަސެންޓްއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރާއްޖެތެރޭ މީހާ

    ދިވެހީން ނޭ ، ﷲ ހަށްޓަކައި ، މިގައުމުގެ އަމުނަށްޓަކައި މި މީހުނަށް ވޯޓް ނުދީ .