ރައްޔިތުންގެ މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީގައި އެމްޑީޕީގެ ފަރާތުން ހިމެނިވަޑައިގެންނެވި ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދުގެ ބަދަލުގައި އެ ކޮމިޓީ އަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ހަމަޖައްސައިފިއެވެ.

މަޖިލިހުގެ ރިޔާސަތުން އިއުލާން ކުރި ގޮތުން އިޖުތިމާއީ ކޮމިޓީގައި ހިމެނިވަޑައިގަތް މުހައްމަދު އަބްދުﷲ ޝަފީގްގެ ބަދަލުގައި އެ ކޮމިޓީ އަށް ހަމަޖެއްސީ ޖީހާންއެވެ. އަދި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި އެމްޑީޕީގެ ސްލޮޓެއްގައި އިންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ ބަދަލުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވަނީ ހަމަޖައްސައިފައެވެ.

މިހާރު ގެނައި ބަދަލުގައިވާ ގޮތުން އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި އިންނެވި ޔާސިރުގެ ބަދަލުގައި އެ ކޮމިޓީ އަށް ހަމަޖެއްސީ މީކާއިލްއެވެ.

އެމްޑީޕީން މަޖިލީހުގެ ކޮމިޓީތަކަށް މެމްބަރުން ކަނޑައަޅާފައިވާ ގޮތް ބަދަލުކޮށްފައި ވަނީ މަޖިލީހުގައި މައިނޯރިޓީ ޕާޓީއަކަށް ޕީޕީއެމްވުމާއި ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ދާދި ފަހުން ބަދަލު ގެނެސްފައި ވަނިކޮށެވެ.

ދާއިމީ ކޮމިޓީތައް އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނަން ޖެހުނީ މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ އަމިއްލަ މެމްބަރު ހުސެއިން މުހައްމަދު ލަތީފް، ޕީޕީއެމަށް ސޮއިކުރެއްވުމާ ގުޅިގެންނެވެ.

އެގޮތުން ގަވާއިދު ކޮމިޓީގައި ޕީޕީއެމް މެމްބަރެއްގެ ގޮތުގައި މަހިބަދޫ ދާއިރގެ މެމްބަރު އަހުމަދު ތޯރިގް، އިޖްތިމާއީ ކޮމިޓީގައި ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ހުސެއިން މުހައްމަދު ލަތީފް ވަނީ ކަނޑައަޅައިފައެވެ.

އަދި އަމިއްލަ މެމްބަރުން ހިމެނޭ ކޮމިޓީތަކަށް ގެނައި ބަދަލުތަކަށް ބަލާ އިރު، މާލިއްޔަތު ކޮމިޓީއަށް އައްޔަން ކުރާނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. އެހެންވެ، ޖާބިރު މާލިއްޔަތު ކޮމިޓީގެ އިތުރުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އާއި ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ތަމްސީލް ކުރައްވާނެއެވެ.

އަމިއްލަ މެމްބަރުންގެ ތެރެއިން، އެސްއޯއީ ކޮމިޓީއަށް ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް އަދި ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އައްޔަން ކުރަން ވެސް ވަނީ ނިންމައިފައެވެ.