ޔުޓީލިޓީ ރެގިއުލޭޓަރީ ބިލާ އެކު އާންމު ޚިދުމަތްތައް ދިނުމުގައި ހިންގާ ނޭދެވޭ ކަންކަން ހުއްޓުވޭނެ ކަމަށް ސަރުކާރުގެ ފަރާތުން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލް ހުށަހެޅުއްވި، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދު الله ސަނީފް މިއަދު ވިދާޅުވެއްޖެއެވެ. ޔުޓިލިޑީ ރެގިއުލޭޓަރީ ބިލްގައި ވަނީ "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ" ނަމުގައި އޮތޯރިޓީއެއް އުފައްދައި އެ ތަނަށް ބޮޑެތި ބާރުތަކެއް ދޭން ހުށަހަޅައިފައެވެ.

މަޖިލިހުގެ ޖަލްސާ އަށް ބިލް ހުށަހަޅުއްވައި ދެއްވުމަށް ފަހު ސަނީފް ވިދާޅުވީ އެ ބިލްގެ ބޭނުމަކީ އާންމު ބޭނުންތަކުގެ ޚިދުމަތްތައް ދިނުމާ ގުޅުން ހުރި ކަންކަން ތަންފީޒުކުރަން އޮތޯރިޓީއެއް އުފެއްދުމާއި އެ އޮތޯރިޓީގެ ބާރުތައް ކަނޑައެޅުމާ އާންްމު ބޭނުންތަކުގެ ހިދުމަތްތަކާ ގުޅޭ ކަންކަން ރާވާ ހިންގާނެ ގޮތުން އުސޫލްތައް ބަޔާން ކުރުމާއި، އާންމު ބޭނުންތަކުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ގަވާއިދާއި ޚިލާފަށް އަމަލުކުރާ ފަރާތްތަކަށް އަޅާނެ ފިޔަވަޅުތައް ބަޔާންކުރުން ކަމަށެވެ.

އަދި އެ ބިލް ފާސްވުމުން އާންމު ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ލިބޭ ޚިދުމަތުގެ އަގު ހެޔޮވާނެ ކަމަށް ސަނީފް ވިދާޅުވިއެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލާ އެކު އާއްމު ޚިދުމަތުގެ ދާއިރާ ބަލަހައްޓައި، އިދާރީ ފިޔަވަޅު އަޅަން އެ ގާނޫނުގެ ދަށުން އުފައްދާ ޔުޓިލިޓީ ރެގިއުލޭޝަން އޮތީރިޓީއަށް ލިބޭނެއެވެ.

ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީއަށް ބޮޑެތި ބާރުތަކެއް!

ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީގެ ގާނޫނުގެ 11 ވަނަ ބާބުގައި އެ އޮތޯރިޓީއަށް ޝަކުވާ ހުށަހެޅޭނެ ހާލަތްތަކާއި ޝަކުވާ ހުށަހަޅާނެ ގޮތް ބަޔާންކޮށްފައިވެއެވެ.

އޭގެ ތެރޭގައި އާންމު ޚިދުމަތްތަކާއި ބެހޭ ޚާއްސަ ޤާނޫނަކާއި ޚިލާފުވާ މައްސަލަ އާއި އޮތޯރިޓީން ކަނޑައަޅާ މިންގަނޑަކާއި ޚިލާފްވުމާއި، ޚިދުމަތެއް ފޯރުކޮށްދިނުން/ނުދިނުމާއި ގުޅޭ މައްސަލަތައް، ޚިދުމަތް ލިބިގަންނަން ޖެހޭ ފަރާތަކަށް ޚިދުމަތެއް ގުޅައި ދިނުން/ ގުޅައި ނުދިނުމުގެ މައްސަލަ އަދި އޮތޯރިޓީ އާއި ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތައް ހިމެނެއެވެ.

މީގެ އިތުރުން އަމިއްލަ އިސްނެގުމއި އެކު މައްސަލަ ބެލުމުގެ ބާރު އެ އޮތޯރިޓީއަށް ލިބިފައިވެއެވެ.

އަމިއްލަ އިސް ނެގުމައި އެ އޮތޯރިޓީއަށް މައްސަލަ ބެލޭނެ ބައެއް ހާލަތްތަކަކީ:

  • ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީގެ ބިލާއި މީހަކު ޚިލާފްވާ ކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ ނަމަ.
  • މީހަކު އޮތޯރިޓީން އެންގި ގޮތާއި ޚިލާފުވި ކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ ނަމަ.
  • ބިލްގެ ދަށުން މީހަކު ހުށަހަޅާ ޝަކުވާތަކުގެ މައްސަލަ.
  • އެ ނޫން ހާލަތުގައި މައްސަލަ ބަލަން ޖެހޭ ކަމަށް އޮތޯރިޓީ އަށް ގަބޫލުކުރެވޭ މައްސަލަތައް.

މައްސަލަަތައް ބަލާނެ ގަވާއިދެއް ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީން އެކުލަވާލަން ވާނެ ކަމަށާއި، މައްސަލަ ބެލުމަށް ފަހު އޮތޯރިޓީން ބޭނުންވާ ނަމަ އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓެއް މިނިސްޓަރަށް ފޮނުވިދާނެ ކަމަށް ބިލްގައިވެއެވެ.

އޮތޯރިޓީން ނިންމާ މައްސަލަަތައް މުރާޖައާ ކުރަން ދީފައި ވަނީ 30 ދުވަހުގެ މުއްދަތެކެވެ. އަދި މުރާޖައާކުރަން ހުށަހަޅާތާ 15 ދުވަސް ތެރޭގައި މައްސަލައާ މެދު ގޮތެއް ނިންމަން ވާނެ ކަމަށް ޔުޓީލިޓީ ރެގިއުލޭޝަން އޮތޯރިޓީގެ ބިލްގައިވެއެވެ.

ބަލާ ފާސްކުރުމުގެ ބާރު

ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީގެ ބިލްގައި ބުނާ ގޮތުން އާންމު ބޭނުންތަކުގެ ޚިދުމަތްތައް ދޭ ތަންތަނާއި ވަސީލަތްތައް ފާސް ކުރުމުގެ ބާރު އެ އޮތޯރިޓީއަށް ލިބިފައިވެއެވެ.

އެގޮތުން ލައިސަންސްގެ ޝަރުތުތަކާ އެއްގޮތަށް އަމަލު ކުރޭތޯ ބަލަން ޚިދުމަތްދޭ ތަނާއި، އިކުއިޕްމަންޓް އަދި ވަސީލަތްތައް ބަލާ ފާސްކުރުމުގެ ބާރު އެ އޮތޯރިޓީއަށް ލިބިދެއެވެ.

އިދާރީ ފިޔަވަޅު އެޅުން

މީގެ އިތުރުން އެ ބިލްގެ މާއްދާއަކާ ޚިލާފުވެއްޖެ ނަމަ އިދާރީ ފިޔަވަޅު އެޅުމުގެ ބާރު އެ އޮތޯރިޓީއަށް ލިބިފައިވެއެވެ. އިދާރީ ފިޔަވަޅުތަކުގެ ތެރޭގައި ޖޫރިމަނާ ކުރުމުގެ ބާރު އެ އޮތޯރިޓީއަށް ލިބިފައިވެއެވެ.

އެންމެ ފުރަތަމަ މައްސަލަ އަށް ޖޫރިމަނާ ކުރެވެނީ 1000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުންނެވެ.

ދެވަނަ މައްސަލަ އަށް 100،000ރ. އާއި 500،000ރ. ގެ އަދަދުން ޖޫރިމަނާ ކުރެވޭ އިރު، އޭގެ އިތުރަށް ފިޔަވަޅު އަޅާ ކޮންމެ މައްސަލަ އަކަށް 500،000ރ. އާއި 1،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އެ އޮތޯރިޓީއަށް ލިބެއެވެ.

އަދި އެ ޖޫރިމަނާ އާއި ޚިލާފުވާ ކޮންމެ ދުވަހަކަށް 5000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރް އޮތޯރިޓީއަށް ވަނީ ދީފައެވެ.

ނަމަވެސް ޖޫރިމަނާ ކުރާނެ ހާލަތާއި، ޖޫރިމަނާ ކުރާނެ ގޮތް ވަރަށް ސާފުކޮށް އެ ބިލްގައި ބަޔާންކޮށްފައިވެއެވެ.

މައުލޫމާތު ހޯދުމުގެ ބާރު

މި ބިލްގެ ދަށުން އޮތޯރިޓީއަށް ލިބިދޭ ބާރެއް ހިންގުމުގައި، ނުވަތަ މަސްއޫލިއްޔަތެއް އަދާކުރުމަށް ބޭނުންވާ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނުވަތަ އެއްވެސް ލިޔެކިޔުމެއް އެމީހެއްގެ އަތުގައި އޮތް ނުވަތަ އޮތް ކަމަށް ބެލެވޭ މީހެެއްގެ އަތުން އޮތޯރިޓީން އެދޭ މައުލޫމާތެއް ހޯދޭނެއެވެ.

އަދި މި ބިލާ އެއްގޮތްވާ ގޮތުގެ މަތިން އޮތޯރިޓީއަށް ލިބިދޭ ބާރެއް ހިންގުމުގައި ނުވަތަ މަސްއޫލިއްޔަތެއް އަދާކުރުމަށް އޮތޯރިޓީއަށް ބޭނުންވާ ކަމަށް އެފަރާތުން ގަބޫލުކުރެވޭ ހެކިބަހެއް ދެވިދާނެ ފަދަ މައުލޫމާތެއް މީހެއްގެ އަތުގައި ހުރި ނަމަ އެ މައުލޫމާތު ހޯދުމުގެ ބާރު އޮތޯރިޓީއަށް ވަނީ ދީފައެވެ.

ނަމަވެސް މިފަދައިން ހޯދާ މައުލޫމާތަކީ ޖިނާއީ ކުށުގެ ދައުވާއެއް އުފުލަން ބޭނުން ކުރެވޭނެ މައުލޫމާތެއް ނޫނެވެ.

ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީގެ މަސްއޫލިއްޔަތާއ،ި ޒިންމާ ބޮޑު!

ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީގެ ބިލްގެ ދަށުން އާއްމު ޚިދުމަތްތައް ދޭން ފެށުމުން، ޚިދުމަތްތަކާއި ގުލޭ ހުރިހާ ކަމެއް ރާވައި، ހިންގުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނީ އެ ބިލްގެ ދަށުން އުފައްދާ "ރެގިއުލޭޝަން އޮތޯރިޓީ"އިންނެވެ.

އެ އޮތޯރިގެ މަސްސޫލިއްޔަތުގެ ތެރޭގައި 15 ކަމެއް ހިމަނާފައިވެއެވެ.

  1. އާންމު ޚިދުމަތުގެ ދައިރާ ތަރައްގީ ކުރަން ހިތްވަރު ދިނުމާއި ދާއިރާ ކުރިއެރުވުން.
  2. ޚިދުމަތުގެ އުސޫލްތައް ކަނޑައަޅާ، އުސޫލްތައް ދަމަހައްޓަން ބާރުއެޅުން.
  3. ޚިދުމަތް ދިނުމުގައި ހަމަހަމަ އަދި ވާދަވެރިކަން ގާއިމްކޮށް، ކުރިއަރުވާ ތަރައްގީ ކުރުން.
  4. ޚިދުމަތް ދޭ ވިޔަފާރީގެ ވާދަވެރިކަމާ ދެކޮޅު ކަންކަން ހުއްޓުވުން.
  5. އާންމު ޚިދުމަތާއި ގުޅޭ ގާނޫނުތައް ތަންފީޒްކޮށް، ހިދުމަތްދޭ ފަރާތްތައް ގާނޫނު ތަންފީޒްކުރޭތޯ ބަލަމުން ދިއުން.
  6. ޚިދުމަތް ދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، ދޫކުރާ ލައިސަންސް އާއި އެއްގޮތަށް ޚިދުމަތްދޭތޯ ބަލާ، އަޅަން ޖެހޭ ފިޔަވަޅު އެޅުން.
  7. ޚިދުމަތުގެ އަގުތައް ފާސްކުރުމާއި، އަގު ކޮންޓްރޯލް ކުރުމާއި ކަމާއި ބެހޭ ކަންކަން ބެލެހެއްޓުން.
  8. ޚިދުމަތްދޭ ފަރާތްތަކަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން.
  9. ޚިދުމަތް ދޭ ފަރާތާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދިމާވާ މައްސަލަތައް ބަލާ ފިޔަވަޅު އެޅުން.
  10. ޚިދުމަތް ދޭ ތަނާއި، ވަސީލަތްތައް ބަލާ ފާސްކޮށް، ހުއްދަ ދިނުން.
  11. ޚިދުމަތްތައް ފޯރުކޮށްދޭން ބޭނުންވާ މިންގަނޑުތަކާއި އުސޫލްތައް ކަނޑައެޅުން.
  12. ޚިދުމަތްދޭ ވަސީލަތް ގާއިމްކުރުމުގައި ތިމާވެށި ހިމާޔަތްކުރަން އެކަށީގެންވާ ފިޔަވަޅު އަޅަން ބާރު އަޅާ ހިތްވަރު ދިނުން.
  13. ޚިދުމަތް ފޯރުކޮށްދިނުމާއި މެދު އާއްމުން ހޭލުންތެރިކުރުން.
  14. ޚިދުމަތާއި ގުޅޭ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒްކުރުން.
  15. އާންމު ބޭނުންތަކުގެ ޚިދުމަތާއި ގުޅޭ ގާނޫނާއި ގުޅެ ހުރިހާ ކަމެއް ތަންފީޒްކުރުން.

ޑިރެކްޓަރުންގެ ބޯޑު އައްޔަންކޮށް، މުސާރަ ކަނޑައެޅުމުގެ ބާރު ރައީސްއަށް!

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލްގެ ދަށުން އެކުލަވާލަން ނިންމާފައި ވަނީ ފަސް މެމްބަރުންގެ ބޯޑެކެވެ.

އެ ބޯޑު މެމްބަރުން އައްޔަން ކުރަން ޖެހެނީ:

  1. މާލީ ދާއިރާ
  2. އިގްތިސާދީ ދައިރާ
  3. ގާނޫނީ ދާއިރާ
  4. އިންޖިނިއަރިންގގެ ދާއިރާ
  5. އިޖުތިމާއީ ދާއިރާ

އެ ބޯޑަށް މެމްބަރުން އައްޔަންކޮށް ވަކިކުރުމުގެ ބާރު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނުގައި ދީފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރާ ނަމަ، ބޯޑު މެމްބަރުން ވަކިކުރުމުގެ ބާރު ވެސް ދީފައި އޮތީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

އެ ބިލް، ގާނޫނަކަށްވެ، އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ބޯޑު މެމްބަރުން އައްޔަންކުރަން ޖެހޭނެއެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޯޑު މެމްބަރުން ޖަވާބުދާރީވާން ޖެހޭނީ އެއޮޓޯރިޓީ އާއި ގުޅުން ހުރި ވަޒީރަކަށެވެ. އަދި އޮތޯރިޓީ އާއި ގުޅޭ ކަންކަމުގައި މަޖިލީހަށް ޖަވާބުދާރީ ވާނީ މިނިސްޓަރެވެ.

ބޯޑަށް އައްޔަން ކުރާ މެމްބަރުންނަކީ ތައުލީމާއި ތަޖުރިބާ ހުރި، މަސްއޫލިއްޔަތު އުފުލޭ ފަދަ އަހުލާގު ހުރި، ވައްކަމާއި، ޓެކުމާއި، ފޭރުމާއި، ޚިޔާނާތާއި ރިޝްވަތު ފަދަ ކުށެއް ނުވަތަ އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށް ބޯޑު މެމްބަރުންގެ ޝަރުތުތަކުގެ ތެރޭގައި ބުނެފައިވެއެވެ.

އަދި ޖިނާއީ ކުށެއް ސާބިތުވެފައި ނުވުމާއި، އެ އޮޓޯރިޓީގެ ދަށުން ހިންގާ އިދާރާއެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރެއް ނުވަތަ އެހެން މަގާމެއްގައި ހުރި މީހެއް ކަމަށް ނުވުން، އޮތޯރިޓީގެ ދަށުން ޚިދުމަތްދޭ ތަނެއްގައި ހިއްސާ އޮތް މީހަކަށް ނުވުން، ބޯޑު މެމްބަރުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ގާނޫނީ އިންތިޚާބަކުން މަގާމަކަށް ހޮވިފައިވާ މީހަކަށް ނުވުމާއި، ސިޔާސީ ހަރަކާތްތައް ރޭވުމުގައި އިސްކޮށް ނޫޅުންވެސް ބޯޑު މެމްބަރުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އީޖާބޭރާއްޖެ

    ތިޔަ ޔުޓިލިޓީއޭކިޔައިގެން އައިހެއްނުންތޯ މިގައުމުގެ ރައްޔަތުންގެ ޖެނެރޭޓަރ ތައް ބަދަލް ދޭނަމޭކިޔާފައި ނުއަގުގަ އަތުލީ މިއަތު ވޯޓް ހޯދަންވީމަ ޖަޒީރޡވެގެން ރައްޔަތުން ބާރުވެރިކުރުވާ ވާހަކަ ތިޔަ ތިބެގެން ދައްކާ ކަސޯޓީ ކުޅެނީ މިއަދު ގިނަ ރައްޔަތުންނައް އެބަ އެނގޭ އަކަމަކު ކުރާނީކީއްތޯ ރައްޔަތެއްގެ ހައްގުގައި ވަކާލާތު ކޮއްލާނެ މަދު ބަޔެއް ނޫނީ ނެތް ކިހިނެއްތޯ ބޮންޑޭ ވިދާޅުވާހެން ފާޑުފާޑުގެ މީހުންރުއްސަން ފައިބުޑައްގޮސް ހުދުތިމާމީހާޔާ ތިމާގެ އަނބިދަރިންގެ ގާނޫނީ ގޮތުން ލިބިފައިވާ ހަމަހަމަ ކަމުގެ ހައްގެއް ހޯދަންވެސް ނުކެރޭ ރައްރަށުގައި ހިލޭ ބިން ދޫކުރާއިރު ޙުދު މަޖިލީހުގެ ރައީސް އާއި ނައިބުރައީސުންގެ ދަރިންގެ ހައްގު ކޮބާތޯ އެކުދިންނައްވެސް ރައްރަށުގައި ލިބޭހެން ގޯތި ލިބެންޖެހޭ އެކަމަކު ކީއްތޯ ކުރާނީ ރައްޔަތުން އަޅުވެތިކޮއް ނިކަމެތި ކުރަން ވެގެން ޙުދު ތިމާމީހާގެ ދަރިންނވެސް އަޅުވެތި ދެން މިބޭފުޅުންނައް ކާކުގެ ހައްގެއްތޯ ރައްކާތެރިކޮއް ހޯދާދެވޭނީ

  2. ކަމަނަބޭ

    ވަރައް ރރަނގަޅު ބިލެއް އެކަމަކު ތިޔަބިލް ފާސްވެ ޤާނޫނަކައް ވީމާ ރަނގަޅުވާނީ ހުރިހާ ވުޒާރާތަކެއް އުވާލުން
    މާލީ ދާއިރާ
    އިގްތިސޯދީ ދާއިރާ
    ޤާނޫނީ ދާއިރާ
    އިޖްތިމާއީ ދާއިރާ
    އިންޖިނިއަރންގެ ދާއިރާ އެއް މިނިސްޓަރ ވަރައް ޚަރަދުކުޑަވާނެ