ކުރީގެ އަނބިމީހާގެ އެކައުންޓުން 90،000 ރުފިޔާއަށްވުރެ ގިނަ ރުފިޔާ އެކި މީހުންގެ އެކައުންޓުތަކަށް ޖަމާކުރި މައްސަލައެއްގައި، ވައްކަން ކުރި ކަމަށް ނިންމާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލަ ރައްދުވާ ފަރާތަކީ ވ. އަލިއުދަރެސް، އަނީލް އަލީއެވެ. މައްސަލަ ހުށަހެޅީ އޭނާގެ ކުރީގެ އަނބިމީގާ ހ. ނޫމަތި، އައިޝާ ނޫރާ އަހުމަދުއެވެ. ކްރިމިނަލް ކޯޓުގެ ހުކުމް އެނގޭ ގޮތުން އަނިލް ވަނީ އޭނާގެ ކުރީގެ އަންހެނުން ނޫރާގެ އެކައުންޓުން އިންޓަނެޓު ބޭންކް މެދުވެރިކޮށް ތަފާތު އެކި މީހުންގެ އެކައުންޓުތަކަށް އެކި ފަހަރުގެ މަތިން މުޅި ޖުމްލަ 97،990 ރުފިޔާ ޓްރާންސްފާ ކޮށްފައެވެ.

ކޯޓުގެ ހުކުމް އެނގޭ ގޮތުގައި އެންމެ ފުރަތަމަ އަނިލްގެ އަންހެނުންގެ އެކައުންޓުން ޓްރާންސްފާ ކޮށްފައިވަނީ 50،000 ރުފިޔާއެވެ. އެ ފައިސާވެސް ޖަމާކޮށްފައިވަނީ އެހެން މީހެއްގެ އެކައުންޓަކަށެވެ. އިތުރު މީހެއްގެ އެކައުންޓަށް 17،900 ރުފިޔާ ޖަމާކޮށްފައިވާއިރު އިތުރު ތިން މީހެއްގެ އެކައުންޓަށް ވަކިވަކިން ޖުމްލަ 30،000 ރުފިޔާ ޓްރާންސްފާ ކޮށްފައިވެއެވެ.

މި މައްސަލާގައި ދައުލަތުގެ ފަރާތުން ހެކިންގެ ގޮތުގައި ހާޒިރު ކުރި އެއް ފަރާތަކީ އަނިލްގެ ކުރީގެ އަނބިމީހާ ނޫރާއެވެ. އޭނާ ބުނީ ކައިވެނި ކޮށްގެން އުޅުނުއިރު ދެމީހުންވެސް ބޭނުން ކުރީ އެއް "އެޕަލް އައިޑީއެއް" ކަމަށެވެ. އަދި ފޯނުގެ ނޯޓުބުކްގައި އިންޓަނެޓު ބޭންކުގެ މައުލޫމާތުތައް ހުންނާނެ ކަމަށް އޭނާ ބުންނެވެ. އަދި އަނިލް އަކީ އައިޓީގެ ދާއިރާއަށް މޮޅު މީހެއްކަން ފާހަގަކޮށް ނޫރާ ބުނީ އޭނާ ފޯނުން އެހެން މީހުންނާއި ދައްކާ ވާހަކަތައްވެސް އަނިލް ބަލާ ކަމަށެވެ.

ދައުލަތުން ހުށަހެޅި އިތުރު ހެއްކެއް ބުނީ އަނިލްގެ އެކައުންޓުން ފައިސާ ނެގެން ނެތުމުން އޭނާގެ އެކައުންޓަށް 50،000 ރުފިޔާ ޖަމާ ކޮށްދިނުމުން ނެގިދާނެތޯ އަނިލް އެހި ކަމަށާއި އޭނާ އެކަން އަނިލް އަށް ކޮށްދިނީ އެހެން މީހަކަށް ކަމެއް ކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ. އިތުރަށް މި ފައިސާގެ ތެރެއިން 10،000 ރުފިޔާ ޖަމާކުރި އެކަކަކީ އަނިލް އެމީހެއްގެ އަތުން ފޯނެއް ގަތް މީހެއް ކަމަށްވެއެވެ. އަދި އޭޓީއެމް އަށް ދިއުމުން ފައިސާ ނެގެން ނެތް ކަމަށް އަނިލް ބުނި ކަމަށާއި އެހެންކަމުން އިންޓަނެޓް ބޭންކް މެދުވެރިކޮށް ފައިސާ ޓްރާންސްފާ ކޮށްލަން އެދުމުން އެކަން އަނިލް ކުރި ކަމަށް ހެކިބަސް ދެމުން އޭނާ ބުންޏެވެ.

ދައުލަތުން ހުށަހެޅި ހެކިބަހަށް ރިއާޔަތް ކުރައްވާ ގާޒީ އަލީ ރަޝީދު އިއްވެވި ހުކުމްގައި ބުނީ ވައްކަމުގެ ދައުވާ އަނިލްގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން އޭނާ އެއް އަހަރު ދުވަހާއި، 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމް އިއްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަދީފް

    ''އަދި އަނިލް އަކީ އައިޓީގެ ދާއިރާއަށް މޮޅު މީހެއްކަން ފާހަގަކޮށް ނޫރާ ބުނީ އޭނާ ފޯނުން އެހެން މީހުންނާއި ދައްކާ ވާހަކަތައްވެސް އަނިލް ބަލާ ކަމަށެވެ.'' ހެހެހެހެހެހެހެ