ހައިކޯޓުން ސިއްރު ހެއްކާއި ގުޅޭ ގޮތުން ނިންމާފައިވާ ނިންމުމާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިގެންފިއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޖަލު ހުކުމް ބާތިލް ކުރަން އިއްވި ހުކުމުގައި ހައިކޯޓުން ބުނެފައި ވަނީ 1976 ވަނަ އަހަރު އަމަލުކުރަން ފެށި ހެއްކާއި ބެހޭ ގާނޫނުގައި ހެކިބަސް ދޭމީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، ހެއްކާބެހޭ ގާނޫނުގައި ހެކިބަސް ދޭމީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތެއް ނެތްކަން އެ ގާނޫނަށް ބެލުމުން އެނގެން އޮންނަކަމަށެވެ.

ހެއްކާބެހޭ ގާނޫނަކީ 23 ސެޕްޓެންބަރ 1976 ގައި ވުޖޫދަށް އައިސްފައިވާ ގާނޫނަކަށް ވާއިރު އެ ގާނޫނަށް އެއްވެސް އިސްލާހެއް މިއަދާއި ހަމައަށްވެސް އައިސްފައި ނުވާކަމާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 149 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ހެކިން ޝަރީއަތުގެ މަޖިލީހަށް ހާޒިރުނުކޮށް ހެކިބަސްދެނީ ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ނެގުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވަނީ ހެއްކާބެހޭ ގާނޫނުގައި ބަޔާންކޮށްފައި އޮންނަޖެހޭ ހާލަތްތަކުގައި، އަދި އެގާނޫނުގައި ހެކިބަސް ދޭމީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައި އޮންނަންޖެހޭ ގޮތްތަކުގެ ތެރެއިން ގޮތަކަށް ކަމަށް ބަޔާންކޮށްފައިވާއިރު، ހެކިބަސް ދޭމީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތެއް ނުވަތަ ގޮތަތަކެއް ނެތްކަން އެ ގާނޫނަށް ބެލުމުން އެނގެން އޮންނާތީ އަބްދުﷲ ސައީދާއި ދެކޮޅަށް ތިން ހެކިން ޝަރީއަތުގެ މަޖިލީހަށް ހާޒިރުނުކޮށް ހެކިބަސް ނަގާފައިވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނާއި ހިލާފަށް ކަމަށް ހައިކޯޓުން ކުރި ހުކުމްގައިވެއެވެ.

ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ޖިނާއީ އިޖުރާތު ގާނޫނުގެ 149 ވަނަ މާއްދާގެ (ހ) އާއިއެކު، ގާނޫނުގެ 119، 131 އާއި 134 ހިމަނައި، މުޅި ގާނޫނު އެކުގައި ކިޔާއިރު ހައިކޯޓުގެ ހުކުމުން ކަނޑައެޅި ސިއްރު ހެކިބަހުގެ އުސޫލު ރަނގަޅުކަމަށް ނުފެންނާތީ ހުކުމުގެ އެބައި ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އެ ކޯޓުން ޕީޖީން ހުށަހެޅި މައްސަލަ ބަލައިގަތީ އިއްޔެއެވެ.