ދިވެހި ދައުލަތުގެ ހަރަދުތައް ބެހެލެއްޓުން ހަރުދަނާ ކުރުމުގެ ގޮތުން، އެކްސްޕެންޑިޗާ ޕޮލިސީ ކޮންސަލްޓަންޓެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ އެ މިނިސްޓްރީގެ ފިސްކަލް އެފެއާޒް ޑިޕާޓްމަންޓުގެ ދަށުން އިކޮނޮމިކް އެންޑް އެކްސްޕެންޑިޗާ ޕޮލިސީ ޔުނިޓެއް ގާއިމުކޮށް އެ ޔުނިޓްގެ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ކަމާ ގުޅޭ ދާއިރާއިން ތައުލީމު ހާސިލްކޮށް ތަޖުރިބާ ލިބިވަޑައިގެންފައިވާ މީހުންނަށް ފިނޭންސް މިނިސްޓްރީގެ ފަރާތުން އެކްސްޕެންޑިޗާ ޕޮލިސީ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ އިއުލާނުގައި ބުނީ ވަޒީފާ އަށް ކުރިމަތިލުމަށް ބޭނުންވާ މީހުން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ 13:30 ކުރިން ސީވީ އާއި، ތައުލީމީ ސެޓްފިކޭޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަން ޖެހޭ ސެޓްފިކޭޓްތަކުގެ އެކްރެޑިޓް ކޮޕީ) އާއި ވަޒީފާ އަދާ ކުރިކަމުގެ ލިޔުންތައް ހުށަހެޅުމަށެވެ.

ރާއްޖޭގެ ސަރުކާރުން ވަނީ މިއަހަރަށް ލަފާ ކޮށް 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. މިއަހަރު މިހާތަނަށް މި ބަޖެޓުން ވަނީ 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.