ވެމްކޯއިން މާލެއާއި ވިލިމާލޭގެ މަގުތަކާއި އިޖްތިމާޢީ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން "މާ ސާފު މާލެ" ގެ ނަމުގައި މާލެއާއި ވިލިމާލޭ ސާފުކުރުމުގެ ޚާއްސަ ހަރަކާތެއް މިއަދު ހެނދުނު ކުރިއަށް ގެންގޮސްފިއެވެ. މި ރަސްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓަރާއި، މިނިސްޓަރުގެ ނައިބު އަދި ހެލްތު މިނިސްޓަރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ހެނދުނު "މާ ސާފު މާލެ" މި ޙަރަކާތް ފެށުމަށް ހެންވޭރު ފުޓްބޯޅަ ދަނޑުގައި ބޭއްވި ހާއްޞަ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، މި ޙަރަކާތުގެ ބޭނުމަކީ ވެމްކޯއިން މާލެއާއި ވިލިމާލެ ސަފުކުރުމުގެ ޢަމަލީ މަސައްކަތް ކުރަން ފެށުމުގެ ކުރިން މާލެތެރެ ސާފުކުރުން ކަމަށާއި، މިކަމުގެ ސަބަބުން އެ މަސައްކަތް ކުރިއަށްގެންދިޔުމަށް ފަސޭހަވެގެންދާނެކަމަށެވެ.

ސަރުކާރުގެ އޮފީސްތަކާއި، ދައުލަތުގެ މިނިވަން މުއައްސަސާތަކާއި، ކޮލެޖްތަކާއި ޔުނިވރސިޓީތަކާއި، ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން ކުންފުނިތަކާއި ބައެއް ވިޔަފާރިތަކުންވެސް ބައިވެރިވި ސާފު ކުރުމުގެ މި ހަރަކާތުގައި 3000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.

މާ ސާފު މާލެ ޕްރޮގްރާމްގެ ތެރެއިން

މާލޭގެ ކުނީގެ މައްސަލައަކީ މާލޭގައި ދިރިއުޅޭ ޢާއްމުރައްޔިތުން ޒަމާނުއްސުރެ ތަޙައްމަލުކުރަންޖެހިފައިވާ ބޮޑު މައްސަލައެކަށްވާއިރު، މާލޭގެ މަގުތަކަށް ކުނި އެޅުމާއި ގޯޅިގޯޅި ކަންމަތިތަކުގައާއި މަގުތަކުގެ އެކި ދިމަދިމާގައި ކުނި އެއްކޮށް ޖަމާކޮށްފައިހުރުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ވަމުންދާ އުނދަގޫތަކާއި ދިމާވަމުންދާ ސިއްޙީ މައްސަލަތައް ގިނަކަން ފާހަގަކުރެވެއެވެ.

މާލޭގެ މަގުތަކަށް ކުނިއެޅުން ހުއްޓުވުމަށާއި ކުނި މެނޭޖްކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މާލެއާއި ވިލިމާގެ މަގުތަކާއި ޕާކްތަކާއި އިޖްތިމާޢި ހުރިހާ ސަރަޙައްދެއް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް މިހަރުވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ހަވާލުކޯށްފައެވެ. އަދި ވެމްކޯ ވަނީ މި މަސައްކަތް ރަސްމީކޮށް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައެވެ.