ޝަރީއާއިން ލޯ ހެދުމަށް ފަހު، ވަކާލާތު ކުރުމުގެ ހުއްދަ ހޯދުމަށް ހަދަން ޖެހޭ ވަކާލާތުކުރުމުގެ އިމްތިހާން ނުހެދި ލަސްވާތީ، އެ މައްސަލައާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހުށަހަޅައިފިއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ނަޝީދު ވިދާޅުވީ ވަކާލާތުކުރުމަށް ވަކި އިމްތިހާނެއް ހަދަން ޖެހޭ އިރު އެ އިމްތިހާންގެ ޒިންމާ އަކީ ބާ ކައުންސިލްގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ގާނޫނީ ފަންނުގެ ބިލާ އެކު، ބާ ކައުންސިލެއް އުފެއްދީ މިދިޔަ އަހަރުގެ ޖޫން 27 ގައެވެ. ނަޝީދު ވިދާޅުވި ގޮތުގައި ގާނޫނަށް އަމަލު ކުރަން ފެށިތާ ގިނަ މަސްތަކެއްވެފައިވާ އިރު، އިމްތިހާންގެ ކަންކަން މިހާރު އޮންނަން ވާނީ ހަމަޖެހިފައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެ ގާނޫނުގައި ބުނާ ގޮތުން ވަކާލާތު ކުރުމުގެ އިމްތިހާންގެ ކަންކަން ހަމަޖައްސަން ބާ ކައުންސިލަށް ލިބެނީ ތިން މަސް ދުވަހުގެ މުއްދަތެއް ކަމަށްވާ އިރު، އެ މުއްދަތު މިހާރު ވަނީ ފާއިތުވެގެން ގޮސްފައެވެ.

އެ އިމްތިހާން ލަސްވާތީ ރައީސް ނަޝީދަށް ވަރަށް ގިނަ ސިޓީ އާއި ޕެޓިޝަން، ޝަކުވާގެ ގޮތުގައި ހުށަހަޅާފައިވާކަން އެމަނިކުފާނު ވިދާޅުވިއެވެ.

"ޝަރީއާއިން ލޯ ޔުނިވަސިޓީއިން ހަދާފާ، އެ ކުދިންނަށް އެ ޔުނިވާސިޓީ ނިމުމަށް ފަހު އަދި ވަކާލާތު ކުރުމުގެ ފުރުސަތު ލިބިގެން ނުދޭ. އެކަން ކުރަމުން ގެންދާ އެންމެ ބޮޑު އެއް ސަބަބަކީ ދުނިޔޭގެ އެހެން ކޮންމެ ތަނެކޭ އެއް ފަދައިން އަދި ޝަރީއާއިން ލޯގެ ޑިގްރީއެއް ހެދިކަމުގައި ވިޔަސް ވެސް ވަކާލާތު ކުރުމުގެ މަސައްކަތަކީ އަދި މުޅިން އެެހެން މަސައްކަތެއް. މުޅިން އެެހެން ހުނަރެއް އެއީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެ މައްސަލަ ހައްލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބާ ކައުންސިލާ އެކު މަޝްވަރާކުރަމުންދާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެެވެ.

އަދި ވަކާލާތުކުރުމުގެ އިމްތިހާން ނުފެށި ލަސްވާ އިރު، ބާ ކައުންސިލްގެ ވެސް ޝަކުވާތައް އެބަހުރި ކަމަށާއި، އުއްމީދަކީ ޖުޑީޝަރީ ކޮމިޓީ މެދުވެރިކޮށް އެ މައްސަލައަށް ހައްލެއް ހޯދުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުޙައްމަދުދީދީ

    މައުމޫން ޙަމީދު ބާ ކައުންސިލުން ބޭރުކޮށް އާއިލާމީހަކު އެމަޤާމަށް ގެންނަން އުޅޭކަމުގެ ނިޝާނެއްހެން ހާދަހީވެއޭ

  2. ދޮން އާދަނު

    ކެނެރީގޭ ނަޝީދަކީ މިޤައުމުގެ ރައީސްތަ؟ މަށަށް ހަމަ އޮޅުން އެބައަރާ މިޤައުމުގެ ރައީސްކަމަށް ރައްޔިތުން ވޯޓުލައިގެން ހޮވި މީހަކާމެދު މީހަކު ބަންޑުގަރިއްސައި ނުވިހައި ލަސްވިޔަސް ޝަކުވާ ކެނެރީގޭ ނަޝީދަށް މީހަކު ޖިނާއީ ކުށެއްހިންގިޔަސް އެމައްސަލަ ކެނެރީގޭ ނަޝީދަށް މީހަކު ބަނޑު ހަރުވެ ބޮޑުކަމު ނުދެވުނަސް އެމައްސަލަ ކެނެރީގޭ ނަޝީދަށް ހުށަހަޅައި ހުރިހާ މައްސަލަތަކެއް މަޖިލީހުން ބަލައި ޙުކުމްކުރުން ޝަރުޢީ ކޯޓުތަކަކީވެސް މަޖިލިސް ތަޙްޤީޤުކުރާ އިދާރާއަކީވެސް މަޖިލިސް މިއޮތީވާ ޤައުމެއް