ކޮވިޑް-19 ރާއްޖޭގައި ފެތުރިދާނެކަމުގެ ބިރާއެކު، ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ރީކޯ މޫސާ މަނިކު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވިސާ ނެތި، ފިލައިގެން އުޅޭ ބިދޭސީން ބަލިވިޔަސް ވޯކް ޕާމިޓް ކާޑު ނެތީމަ ރަސްމީ ސިފައެއްގައި ހޮސްޕިޓަލަކަށް ނުދައްކާ ކަމަށެވެ. ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ފަދަ ބައްޔެއް އެފަދަ ބައެއްގެ ތެރޭގައި ފެތުރި އެތައް ދުވަހެއްވާ އިރު ވެސް ސަރުކާރުން އެކަން ދެނެގަންނާނީ ކިހިނެއްކަން ސަމާލުވާން ޖެހޭނެ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

މޫސަ އެގޮތަށް ވިދާޅުވި އިރު، ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް 2700 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެ ބަލި ޖެހުނު މީހުންގެ އަދަދު 80،000 އަށް ވުރެ މައްޗަށް ވަނީ އަރައިފައެވެ.

ކޮވިޑް-19 އިއްޔެ ޖެހުނު މީހުންގެ އަދަދު ޗައިނާ އިން ހާމަކުރިއިރު ހުބެއި ޕްރޮވިންސް ފިޔަވައި ޗައިނާގެ އެހެން ސަރަހައްދުތަކުން ބަލި ޖެހުނީ އެންމެ ފަސް މީހުންނަށް ކަމަށްވެއެވެ. މިއީ ޗައިނާގައި ބަލި ކޮންޓްރޯލް ވަމުންދާ ކަމުގެ ނިޝާނެއް ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ކޮވިޑް-19 ދުނިޔެއަށް ވަރަށް ބޮޑަށް ފެތުރިދާނެ ކަމަށް ލަފާކުރެވޭތީ، ބޮޑު ރޯގާއަކަށް ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ތައްޔާރުވެ ތިބުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ސަންތި

  ބިދޭސީންނަށް ބަލިޖެހުނީމާ އާސަންދަނުލިބެންޏާ ދެންއިބޫސަންދަޢިގެ ދަށުން ބޭސްކުރެވޭނެ!

  5
  2
 2. ތެދުބަސް

  ދިވެހިން ވަރަށް ބޮޑަށް ސަމާލުވާން އެބަޖެހޭ.ސަބަބަކީ ރާއްޖެއަކީ ވަސީލަތް މަދު ޤައުމަކަށް ވާތީއާއި ފަންނީ ތަޖުރިބާ ކާރުން ނެތީމައެވެ.އެއްމެ ދެރައީ މިވަރުވާއިރު ސްކޫލްތަށް ބަންދު ނޮކޮށް އުޅޭތީ.ފޫކޮޅުގަ ރޯވީމަ ތެޅިގަންނާނީ. އަޅުގަނޑުގެ ދުޢާ އަކީ މިވަބާއިން ދިވެހި ރައްޔިތުންނާއި މުޅިދުނިޔެ ސަލާމަތް ވުން.

 3. ވިޝާމް

  ޢަންނަނީ އުމްރާ ސީޒަން ކިހާވަރަކަށް ރަށްކާވެގެން ބާތިބީ ހޭލުންތެރި ކުރުވިބާ ހުރިހާ ގްރޫޕް ތަކުން ޑޮކްޓަރުން ގެންދޭބާ މިނިސްޓްރީތަށް ހޭލަބަލަ