ކުރީގެ ނައިބު ރައީސް، އަބްދުﷲ ޖިހާދު ނައިބު ރައީސް ކަމުގައި ހުންނެވި އިރު ދިރިއުޅުއްވުމަށް ދައުލަތުގެ ފަރާތުން ހަމަޖައްސައިދީފައި ހުރި، ފްލެޓް ކަމަށްވާ "ރެހެންދި 3"، ރިޔާސީ ދައުރު ހަމަވުމަށްފަހު، ހުސްކުރަން އެންގުމުން ވެސް އެތަން ހުސްނުކުރައްވައި ބޭނުންކުރައްވާފައި ވާތީ، މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޯދަން ބަންޑާރަނައިބުގެ އޮފީހުން ދައުވާ އުފުލައިފިއެވެ.

ބަންޑާރަނައިބުގެ އޮފީހުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ޤާނޫނުގެ ދަށުން ނިމިދިޔަ ރިޔާސީ ދައުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބެއްގެ ގޮތުގައި ހުންނެވި ޢަބްދުﷲ ޖިހާދު ދިރިއުޅުއްވުމަށް ދައުލަތުގެ ފަރާތުން "ރެހެންދި 3" ގެ 2 (ދޭއް) ފްލެޓް ހަމަޖައްސައިދެއްވި ކަމަށެވެ.

"ރިޔާސީ ދައުރު ހަމަވުމަށްފަހު، އެތަން ހުސްކުރަން ދައުލަތުން އެންގުމުންވެސް އެތަން ހުސްނުކޮށް، ޤާނޫނީ ހައިޞިއްޔަތެއް ނެތި 1 އަހަރާއި 3 މަސް ވަންދެން އޭނާ ގެންދެވީ އެތަން ބޭނުން ކުރައްވަމުންނެވެ. އޭނާ އެތަން ދޫކޮށްލެއްވީ 17 ފެބްރުވަރީ 2020 ގައެވެ." ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ޤާނޫނީ ހައިޞިއްޔަތެއްނެތި ޢަބްދުﷲ ޖިހާދު ދައުލަތުގެ މުދަލެއް ބޭނުންކޮށްފައިވާ މުއްދަތަށް އޭނާގެ ކިބައިން ކުލި ހޯދުމުގެ ޙައްޤު ދައުލަތަށް ލިބިގެންވާކަމަށް ކަނޑައަޅައިދީ، ނުޙައްޤު މުއްސަދިކަން ހޯދާފައިވާތީ، އެތަނުގެ ކުއްޔާއި މެއިންޓެނަންސް ފީ އާއި ޔުޓިލިޓީ ފީސްގެ ގޮތުގައި ޖުމްލަ 11096227.36 (އެއްމިލިއަން އެއްލައްކަ ނުވަހާސް ދުވިސައްތަ ހަތާވީސް ރުފިޔާ ތިރީސް ހަ ލާރި) ދައުލަތަށް އެކީ އެއްފަހަރާ ހޯދުމަށް ސިވިލް ކޯޓަށް މިއަދު ވާނީ ދަޢުވާ ހުށަހަޅާފައި ކަމަށް ބަންޑާރަނައިބު އޮފީހުގެ ބަޔާނުގައި ވިދާޅުވިއެވެ.

ޖިހާދު އަތުން ފައިސާ ހޯދަން ދައުވާ ކުރި ނަމަވެސް ދައުލަތުގެ މުދަލެއް ބޭނުން ކުރި މައްސަލައިގައި އޭނާގެ މައްޗަށް ޖިނާޢީ ދައުވާއެއް ކުރަން އަދި މިހާތަނަށް އެއްވެސް ފަރާތަކުން ނިންމާފައެއް ނުވެއެވެ. އެމައްސަލައިގައި އޭނާގެ މައްޗަށް ޖިނާޢީ ތަޙްޤީޤެއް ވެސް އަދި ހިންގާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނާށިގަޑު

    މީގެ އަހަރެއްހާދުވަސް ކުރިން ޖިހާދުވަނީ އެތަނުން ނިކުމެ ފްލެޓެއް ކުއްޔަށް ނަގައިގެން ކަން މުޅިމާލެ ހެކިވާނެ! ދައުލަތުގެ އެފަދަ މަގާމެއްހަވާލު ކޮށް ދައުލަތުން އެފަދަ ތަނަކަށް ބަދަލު ކުރަންދެން ވެސް އޭނާހުންނެވީ ދޮޅުއަހަރެއްހާދުވަހު ޢަމިއްލަ މީހެއްގެ ފްލެޓެއްގާ! ޢެދުވަސްތަކަށްވެސް ދައުލަތުން ބަދަލު ދޭންނުޖެހޭބާ! ކުއްޔަށް ތަނެއްލިބެންދެން ތިންމަސްވަރު ރެހެންދީގައި ހުންނަން ޖެހުނު!ބުނާވަގުތު ނިކުންނަން އެގްރިމެންޓެއްހަދާފައިއޮތީބާ! ބޮޑެތި ދޮގުހަދާ އަބުރު ނަގާލުމަކީ މިސަރުކާރު ވެރިންގެ ހޮބީތޯ؟