ފުވައްމުލަކާއި އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފިއެވެ.

ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު މެންދުރު 14:00 އިން ފެށިގެން ހަވީރު 16:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް އެންމެ ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އެހެންހިސާބުތަކަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެ ކަމަށް ލަފާކުރެވެއެވެ.

އިރުއުތުރާއި އިރުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އެހެންހިސާބުތަކަށް ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް ލަފާކުރެވެއެވެ.