އަނިޔާވެރި ގޮތަކަށް އަމިއްލަ ދަރިފުޅު މަރާލުމުގެ ތުހުމަތުކުރެވިފައިވާ، ވ. ރަކީދޫ، ލައިޓްހައުސް، އާފިޔާ މުޙައްމަދު، އޭނާ އެއްވެސް ކުއްޖަކަށް ގަސްތުގައި އަނިޔާ ނުކުރާ ކަމަށާ، އެއްވެސް ކުއްޖަކު ގަސްތުގައި މަރާ ނުލާކަމަށް ބުނެފިއެވެ.

މިއަދު ބޭއްވި ޚުލާސާ ބަޔާން އިއްވުމުގެ ޝަރީއަތުގައި ދައުލަތުންވަނީ އާފިޔާ އާއި ދެކޮޅަށް ލިބިފައިވާ ޝަފަޢީ އަދި ކިތާބީ ހެކިތަކަށް ބަލާއިރު، އާފިޔާ އިބްތިހާލް މަރާލީ ނޭވާ ހާސްކޮށްގެން ކަމާއި، އެކަން ކުރީ ގަސްތުގައިކަން ހާމަވާކަމަށް ބުނެފައެވެ. އަދި އާފިޔާ އަކީ ނަފްސާނީ މައްސަލަތަކެއް ހުރި މީހަކަށްވީ ނަމަވެސް، އަމިއްލަ އިޚުތިޔާރުން ބޭރުގައި ކަންކަން ކުރަން މެދުވެރިވާ ހާލަތެއް ނެތްކަން އާފިޔާގެ ސައިކޮލޮޖިކަލް އެސެސްމެންޓުން ހާމަވާކަމަށް، ދައުލަތުން ވިދާޅުވިއެވެ.

ދައުލަތުން އިއްވި ޚުލާސާ ބަޔާނަށް ފަހު ޝަރީއަތުން ވަނީ އާފިޔާ އަށް ކުރާ ތުހުމަތުތަކާއި ގުޅިގެން އެއްވެސް ވާހަކައެއް ބުނަން ބޭނުން ނަމަ އެކަމަށް ފުރުސަތު ދީފައެވެ.

"ޑޮކްޓަރުންގެ ބަޔާން އެއީ ދޮގެއް، އެކައްޗެއް ވެސް ނޫން ހުރީ. އެއީ ހުސް ދޮގު. އެއްވެސް ކުއްޖަކު ގަސްތުގައި ނުމަރަން." އާފިޔާ ބުނެފައިވެއެވެ.

އާފިޔާ މިހެން ބުނި ނަމަވެސް، ދައުލަތުން ހުށަހެޅި ހުލާސާ ބަޔާނުގައި، އިބްތިހާލްގެ ކަރަށް ފިތައި ނޭވާ ހާސްކޮށްލާ، އިބްތިހާލްގެ މޭމަތީ، ތިން ފަަހަރަށް އާފިޔާ ދަށްފައިން ޖަހާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި އިބްތިހާލްގެ ގައިގައި އެކި ދުވަސްވަރު އޭނާ އަށް އަނިޔާ ކުރި ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ވ. ރަކީދޫ، ލައިޓްހައުސް، އާފިޔާ މުޙައްމަދު މަނިކުގެ މައްޗަށް ދައުލަތުން ކުރަނީ 2 ދައުވާއެވެ. އެއީ ޤަސްތުގައި ކުއްޖަކު މެރުމުގެ ދަޢުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދަޢުވާއެކެވެ. އެ ދެ މައްސަލައުގެ ޙުލާސާ ބަޔާން ހުށަހެޅުމަށް ބޭއްވި އަޑު އެހުމުގައި ދައުލަތުން ވަނީ އެ މައްސަލައިގެ ޙުކުމް މާރޗްމަހުގެ 15އިގެ ކުރިން ކޮށްދިނުމަށް އެދިވަޑައިގަންނަވާފައެވެ.

އަނިޔާވެރި ގޮތަކަށް އިބްތިހާލް މަރާލާފައިވަނީ 2015 ވަނަ އަހަރު ތެރޭގައެވެ. އޭނާ އަށް ވަރަށް ބޮޑަށް އަނިޔާކޮށްފަ ހުރި ކަމުގެ ނިޝާންތައް ވަނީ ހަށިގަނޑުން ފެނިފައެވެ. އާފިޔާގެ މައްޗަށް އިބްތިހާލް މެރިކަމުގެ ދަޢުވާ ކުރެވޭއިރު އޭނާ ވަނީ އިބްތިހާލަށް ވަރަށް ގިނައިން އަނިޔާކޮށްފައިވާނެ ކަމަށް މީގެ ކުރިން ބޭއްވި ބައެއް ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފް ވެފައެވެ. އަދި އޭނާ އަނިޔާ ކުރަނީ އެއީ "ބައްޕަ ނެތް ކުއްޖަކަށް ވާތީ" ކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާނީ

    މައުސޫމް އިބްތިހާލް ގެ މަރަށް 5 އަހަރު ވެގެންދިޔަ އިރު ނުލިބުނު އިންސާފު މިއަދު ލިބޭނެތޯ؟ މިރާއްޖޭގަ ތީކީ ވާނެ ކަމެއް ނޫން

    12
  2. މަޖީދު

    ސުވާލަކީ އެއްވެސް ކުއްޖެއް ގަސްތުގަ ނުމަރަންޏާ! މިހާތަނަށް ގަސްތަކާނުލައި ކިތައްކުދިން އާފިޔާ އަތުން މަރުވިތޯ؟

    15
    • ޓރޕ

      ވެދާނެ ނޫންތޯ އެބުނެވުނީ އެބޯޝަންގެ ވާހަކަ ކަމައްވެސް.

      13