"ސާފު ރާއްޖެ-މާސާފު މާލެ" ޕްރޮގްރާމްގެ ދަށުން މިއަދު ހެނދުނު ކުރިއަށް ގެނދިޔަ ސާފު ކުރުމުގެ ޕްރޮގްރާމުގައި މާލެއާއި ވިލިމާލެއިން 70 ޓަނަށްވުރެ ގިނަ ކުނި ނަގައިފިއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ޤާއިމުކޮށްފައިވާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނުގައި ބޭއްވި ނޫސްވެރިންނާ ބައްދަލުކޮށް އެންވަޔަރަމެންޓް މިނިސްޓަރުގެ ނާއިބު ޢަލީ ޢާމިރު ވިދާޅުވީ، މިއަދު ހެނދުނު 6 ޖެހިއިރު ފެށި މި ޕްރޮގްރާގައި 3 ގަޑިއިރުގެ ތެރޭގައި ގާތްގަނޑަކަށް 70 ޓަނުގެ ކުނި ޖަމަކުރެވިފައިވާ ކަމަށާއި، މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ މާލެއާއި ވިލިމާލެ ސާފު ކުރުމުގެ މަސައްކަތް ވެމްކޯއިން ފެށުމުގެ ކުރިން މަގުތަކަށް ގަވާއިދާ ހިލާފަށް އަޅާފައިވާ ކުނިތައް ނަގައި މަގުތައް ސާފުކުރުން ކަމަށެވެ.

ވެމްކޯ ލޭންޑިންގ ކްރާފްޓަކަސް ކުނި ބަރުކުރަނީ - ވަގުތު އިމޭޖެސް: އަމީން ފަހްމީ

މި ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި، ނަމަވެސް ސާފު ކުރުމުގެ ޕްރޮގްރާމް ރޭވިފައިވުމުން އޭގެ ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުން ރޭގެ ވަގުތުތަކުގައި މާލޭގެ މަގުތަކަށް ވަރަށް ބޮޑެތި ކުނި ފުނިތައް ޖަހާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، މަގުތަކަށް ކުނި އެޅި މަންޒަރުތައް ފެނިފައިވާކަމަށް އަދި މިއީ އެއްގޮތަކަށްވެސް ކަން ކުރަންވީ ގޮތް ނޫންކަމަށް ޢަލީ އާމިރު ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމެންޓާއި މާލޭ ސާފު ކުރުމުގެ މަސައްކަތް ރަސްމީކޮށް ހަވާލުކޮށްފައިވާ ސަރުކާރުގެ ވޭސްޓް މެނޭޖްމްމެންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ގުޅިގެން ސަރުކާރުގެ އޮފީސްތަކާއި، ދައުލަތުގެ މިނިވަން މުއައްސަސާތަކާއި، ކޮލެޖްތަކާއި ޔުނިވަރސިޓީތަކާއި، ބޭންކްތަކާއި، ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން ކުންފުނިތަކާއި ބައެއް ވިޔަފާރިތައްވެސް ހިމެނޭހެން 120 ތަފާތު މުއައްސަސާއިން 4500 އަށްވުރެ ގިނަ މީހުން ސާފު ކުރުމުގެ މި ހަރަކާތުގައި ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަމަންދަރު

    ތިކަމުން ދައްކައިދެނީ ދިވެހިންގެ ގޮތްކުޑަކަން.

  2. އަލިހުތާ

    70 ޓަނުގެ ކުންޏަކަށްވާ ކުންޏެއް ނުހުންނެ.. އަދަދު ހަމަ ކުރަން. ފަލަ ސުރުޚީގަ ޖެހެން ބާ ދަގަނޑާ، ވެއްޔާއި ގަލާ ކުންޏަށް ހެދީމަ 500 ޓަނުވެސް ހަމަ ވެދާނެ..