ރާއްޖޭގައި އަދިވެސް މަސައްކަތް ކުރަމުން ގެންދަނީ ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނެ ސޭވް މޯލްޑިވްސް ކެމްޕެއިންގެ ފަރާތުން ކަންބޮޑުވުންފާޅުކޮށްފިއެވެ.
އެ ކެމްޕެއިންގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ތިމާވެއްޓަށް ލިބޭ ގެއްލުންތަކާއި ތިމާވެށި ދެމެހެއްޓެނިވި ގޮތްތަކަށް ބެލުމެއް ނެތި އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރުމުގެ ސަގާފަތް ރާއްޖޭގައި އަދިވެސް ކުރިއަށްދާ ކަމަށް ބުނެފައެވެ.
އެ ކެމްޕެއިން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ތިމާވެއްޓަށް އެންމެ ބޮޑު ގެއްލުމެއް ދީފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށް ވަނީ ބުނެފައެވެ. އެގޮތުން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދިއުމުގައި އެމަނިކުފާނުގެ ސަރުކާރުން އަމަލުކުރަމުން ދޔައީ ތިމާވެއްޓަށް އެއްވެސް ވަރަކަށް ބަލާނުލާކަން ފާހަގަކޮށް ސޭމް މޯލްޑިވްސް ކެމްޕެއިން އިން ބުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުންވެސް އަމަލު ކުރަމުން ގެންދަނީ ހަމަ އެ ސިޔާސަތަށް ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ތިމާވެއްޓަށް އެއްވެސް ބެލުމެއް ނެތި މަޝްރޫއުތައް ހިންގަމުން ދިޔަ ގޮތްތައް މި ސަރުކާރުން ބަދަލު ނުކޮށް ހަމަ އެ ބީދައިން މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެ ކެމްޕެއިންގެ ފަރާތުން ބުނީ އުމްރާނީ ތަރައްގީގެ މަސައްކަތް ކުރަމުން އަންނައިރު އީޕީއޭއިން ނިންމާ ނިންމުންތައް އެންވާރަމަންޓް މިނިސްޓަރު އޯވަރޫލްކުރުމުގެ ބާރު ބޭނުންކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އެ ކެމްޕެއިންގެ ފަރާތުން ވަނީ ނ. މާފަރު އެއާޕޯޓު ބޮޑުކުރުމުގެ މަސައްކަތަށް އީޕީއޭއިން ހުއްދަ ނުދޭން ނިންމި ނިންމުން ކުރީގެ އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވެސް ދާދި ފަހުން ވަނީ ބަދަލު ކުރެއްވުމުން ނުރުހުންފާޅުކޮށްފައެވެ. އަދި ބުނީ މާފަރު މައްސަލައިގައި މިނިސްޓަރު ނިންމެވި ނިންމުމަކީ ރާއްޖޭގެ ބިންބިމާއި އަދި ތިމާވެއްޓާ ބެހޭ ގާނޫނުތަކާ ހިލާފު ނިންމުމެއް ކަމަށެވެ. އަދި މީގެ ސަބަބުން ރަށުގެ އެއްގަމާއި ކަނޑުގެ ދިރޭތަކެއްޗަށް ނޭދެވޭ އަސަރުކޮށް، ތިމާވެއްޓަށް އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އެ ކެމްޕެއިން އިން ބުނީ އެ މަޝްރޫއުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ މާފަރުގެ ރައްޔިތުންނާއި އެ ރަށުގެ ވަށައިގެންވާ ތިމާވެއްޓަށް ކަމަށެވެ.
މާފަރު އެއާޕޯޓު އެޅުމަށް އެ ރަށުން ނެގި 20،000 ރުއް ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު މައްސަލައާއި އެ ރަށަށް އެރި ވެލައެއް އެއާޕޯޓު ރަންވޭ މައްޗަށް ބިސް އެޅި ފޮޓޯއެއް ވައިރަލްވެގެން ދިޔަ އިރު، ސޭވް މޯލްޑިވްސްއިން ބުނީ މާފަރުގެ ތިމާވެއްޓަށް ކޮށްފައިވާ އަސަރުތަކުގެ ފުރިހަމަ ދިރާސާއެއް މިހާތަނަށް ހަދާފައި ނުވާ ކަމަށެވެ.
މީގެ އިތުރުން އެ މޫވްމަންޓުން ބުނީ އީޕީއޭއަކީ މިނިވަން މުސްތަގިއްލު އިދާރާއަކަށް ހެދުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފައިވާ ވައުދުފުޅަށް އަދިވެސް އަމަލީ ސިފައެއް އައިސްފައި ނުވުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް ޙައްލު ލިބޭނެ.. ގިނަ ރަށްރަށުގަ މިހާރުވެސް ސޯލާ އެނާޖީ
ރާއްޖޭގެ ރަށްތަކަށް އުދައަރައި ބޮޑެތި ގެއްލުންތައް މިލިބެނީ އެޖެންޑާ 19 ގެ ސަބަބުން ނޫންތޯ؟ ރާއްޖޭގެ މާޙައުލުން މިހާރު މި ފެންނަނީ އެޖެންޑާ 19 އައުމުގެ ކުރިން ދުވަހަކުވެސް ރާއްޖެ ދުށް ކަންތައްތަކެއްނޫން.
އެޖެންޑާ 19 ގެ ބިރުވެރިކަން ކޮންމެ ދުވަހަކު ދަނީ ފެންނަމުން އިސްލާމްދީން ފުހެލަން އުޅޭ ބައެއް އެހެންވެ ޢިބްރަތުން ފުރިގެންވާ އެތައް ބިރުވެރި ކަންތައްތަކެއްް ފެނޭނުން