ކޮކާކޯލާ ލޯންގް ރަން އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވަން ނިންމައިފި އެވެ.

ކޮކާ ކޯލާ ލޯންގް ރަން އޮންނަ ތާރީހު އިއުލާނުކޮށްފައިވަނި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ބާއްވާ ހުރިހާ ދުވުމެއްގެ ޓައިޓަލް ސްޕޮންސަރުންނާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ޓީއެފްޖީ އިން މި އަހަރު ތަފާތު ހަ ދުވުމެއް ބާއްވަން ނިންމައިފައިވާއިރު އެ ހުރިހާ ހަރަކާތެއްގެ މެއިން ސްޕޮންސަރަކީ ކޮކާ ކޯލާ އެވެ. ޓީއެފްޖީން ބާއްވާ “ރަން އިން ލާމު“ ގެ ޓައިޓްލް ސްޕޮންސަރަކީ ފްރިސްޗިލީ (ފިނޯ ޕްރައިވެޓް ލިމިޓެޑް) އެވެ. “ބޮޑު ހާފް 2020”ގެ ޓައިޓްލް ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ބެގާ (ހެޕީ މާކެޓު) އެވެ. މި ހުރިހާ ދުވުމުގެ އެސޯސިއޭޓެޑް ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް އާއި ސޮނީ ސްޕޯޓްސް އަދި ސީގަލްގެ އިތުރުން ޕްރިންޓް ލެބް އެވެ.

މި އަހަރު ލޯންގް ރަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތް ތަކުން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ރެޖިސްޓްރީ ވުމަށް ޓީއެފްޖީން ވަނީ އެދިފަ އެވެ.

ޓީއެފްޖީން އަންނަނީ އަންނަ މަހުގެ 13 ވަނަ ދުވަހު ކެއާ ސޮސައިޓީ އާއި ގުޅިގެން އަންހެނުންނަށް ހާއްސަކޮށްގެން "ރަން އިން ރަން" ގެ ނަމުގައި ވެސް ދުވުމެއް ބާއްވަން ތައްޔާރުވަމުންނެވެ. މި ދުވުމުގެ ޓައިޓްލް ސްޕޮންސަރަކީ އެސްޓީއޯ އެވެ.