ގެދޮރު އިމާރާތް ކުރުމާއި ގެދޮރަށް ބޭނުންވާ ގިނަ ސާމާނުތަކުގެ ޚިދުމަތް ފޯރުކޮށްދެމުންދާ 40 ފަރާތްތަކާއެކު މޯލްޑިވްސް ލިވިން އެކްސްޕޯ 2020 ފަށައިފިއެވެ.

މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެކްސްޕޯ ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމްއެވެ.

އަސްލަމް ވަނީ މި އެކްސްޕޯއަކީ، ހަމައެކަނި ގެދޮރު އިމާރާތްކުރުމުގެ ދާއިރާ އާއި ގެދޮރަށް ބޭނުންވާ ތަކެތީގެ މައުލޫމާތު ލިބި ވިޔަފާރީގެ މުއާމަލާތުތަކަށް ފުރުސަތު ލިބުމުގެ އިތުރުން އެ އެކްސްޕޯ މެދުވެރިކޮށް ބޯހިޔާވަހިކަމުގެ ދާއިރާއަށް ހައްލު ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ލިވިން އެކްސްޕޯގައި ހުރި ސްޓޯލްތަކަށް މިނިސްޓަރ އަސްލަމް ޒިޔާރަތްކުރައްވަނީ: ފޮޓޯ ވަގުތު

މިފަހަރުގެ ލިވިން އެކްސްޕޯގެ ފަހުކޮޅު، ދައިރާގައި މަސައްކަތް ކުރާ ފަރާތްތައް ހިމެނޭ ޕެނަލް ޑިސްކަޝަން އެއް ބާއްވަން ހަމަޖެހިފައިވާ އިރު، އެ ފުރުސަތަކީ، އާއްމުނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލު ހޯދާ، ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދިނުމަށް ލިބޭ ފުރުސަތަކަށް ހައްދަވައިދެއްވުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

"ސަރުކާރަށް ކިތަންމެ ވަރަކަސްވެސް ޕޮލިސީ ހެދިދާނެ. އެކަމަކު މިކަމަށް ހައްލު ހޯދާ ދެވެނީ ތިބޭފުޅުންނަސް. ބާޒާރަށް އުފެއްދުމެއް ނެރޭ އިރު އެ ގަނެވޭނެ ވަރުގެ ފުދުންތެރިކަން ހުރީ ކޮންބަޔަކަށްތޯ އެބަ ބަލަން ޖެހޭ. އެހެން ނޫނީ ކޮބާތޯ ޕްރޮޑަކްޓެއް ނެރުމުގެ ބޭނުމަކީ." އަސްލަމް ވިދާޅުވިއެވެ.

މިއަދުގެ އެކްސްޕޯގައި ހައުސިން ޑޮވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީގެ "ޕްރޮޕަރޓީ ވެބްސައިޓް"ވެސް ވަނީ ލޯންޗްކޮށްފައެވެ. އެ ވެބްސައިޓޫން އެ ކުންފުނިން ދޭ ކޮމާޝަން ޚިދުމަތްތަކާއި، ހުޅުމާލޭގައި އެޕާރޓްމެންޓް ގަންނަން ބޭނުންވާ ފަރާތްތަކުން އަމަލު ކުރަންވީ ގޮތާއި، އެޕާޓްމެންޓްތައް އިމާރާތްކުރަމުންދާ ފަރާތްތަކުގެ މައުލޫމާތާއި، ސިނާޢީ މަޝްރޫއުތަކުގެ މައުލޫމާތު ލިބެން ހުންނާނެއެވެ.

ލިވިން އެކްސްޕޯގައި އެޗްޑީސީގެ ވެބްސައިޓް ލޯންޗްކުރުމަށް ފަހު ވެބްސައިޓް ބައްލަވާލައްވަނީ، މިނިސްޓަރ އަސްލަމް ޒިޔާރަތްކުރައްވަނީ: ފޮޓޯ ވަގުތު

ހައިރައިޒްއިން އިންތިޒާމްކޮށްގެން އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ މޯލްޑިވްސް ލިވިން އެކްސްޕޯގެ މެއިން ސްޕޮންސަރަކީ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމް އެކްސްޕޯޓް)އެވެ. ލިވިން އެކްސްޕޯގެ ކޯ ސްޕޮންސަރުންނަކީ އެކުއާ ވީޓާ ރެސިޑެންސީސް އާއި އަލްޓައާ އެވެ.

ލިވިން އެކްސްޕޯގެ އެހެން ޕާޓްނަރުންގެ ތެރެއިން ޕްރިންޓިން ޕާޓްނަރަކީ ޕްރިންޓް ލެބެވެ. ސެޓްއަޕް ޕާޓްނަރެއްގެ ގޮތުގައި އަސަރީ ސަވިސަސް ހަމަޖެއްސި އިރު، ސައުންޑް އެންޑް ލައިޓް ޕާޓްނާއަކީ ޔުނިކާއެވެ. ފްލޯރިން ޕާޓްނަރެއްގެ ގޮތުގައި ސިނަފް ހަމަޖެއްސި އިރު، ސްޕެޝަލިޓީ ކޮފީ ޕާޓްނަރަކީ، ސިވިލް ކޮފީ ރޯސްޓާސްއެވެ.

މީގެއިތުރުން ސެކިއުރިޓީ ޕާޓްނަރަކަށް، އޮބްސެލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން ( އޭއެސްއޭޕީ) ހަމަޖައްސާފައި ވާއިރު، އޮފިޝަލް މީޑިއާ ޕާޓްނާއަކީ ވަން އޮންލައިނެވެ.

ލިވިން އެކްސްޕޯގެ އެހެން ޕާޓްނަރުންގެ ތެރޭގައި ޓެބްލޮއިޑް ޕާޓްނަރަކަށް އައިލޭންޑް ޗީފް، ވީޑިއޯގްރަފީ ޕާޓްނަރަކަށް ސްކޭޕް، އަދި ހޮސްޕިޓަލިޓީ ޕާޓްނަރަކަށް ޗަމްޕާ ސެންޓްރަލް ހޮޓެލް ވަނީ ހަމަޖައްސައިފައެވެ.

ލިވިން އެކްސްޕޯގައި ހުރި ސްޓޯލްތަކަށް މިނިސްޓަރ އަސްލަމް ޒިޔާރަތްކުރައްވަނީ: ފޮޓޯ ވަގުތު

އެ އެކްސްޕޯ އިންތިޒާމް ކުރާ ހައިރައިޒްގެ ޑިރެކްޓަ އޮފް އޮޕަރޭޝަންސް މުހައްމަދު ޝާމިން ވިދާޅުވީ ފާއިތުވި އަހަރުތަކާއި އެއްގޮތަށް މި ވަހަރުގެ އެކްސްޕީ އަކީ ވެސް ފުރިހަމަ އެކްސްޕޯއަކަށް ހެދުމަށް ހައިރައިޒުން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އޭނާ ވަނީ ވީހާވެސް ގިނަ ބަޔަކު ލިވިން އެކްސްޕޯ އަށް ޒިޔާރަތް ކުރުމަށް އެދިވަޑައިގެންފަ އެވެ.

ލިވިން އެކްސްޕޯ މި ފަހަރު ބާއްވާނީ އަންނަ ފެބްރުއަރީ މަހުގެ 27 އިން 29ގެ ނިޔަލަށެވެ.

ރިއަލްއެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެމީހުންގެ މުދަލާއި ހިދުމަތް ދައްކައިލުމުގެ އިތުރުން މައުލޫމަތު ބަދަލުކޮށް ފުރުސަތުތައް އިތުރުކުރުމަށް މަގުފަހިކޮށްދޭނެ މި އެކްސްޕޯ އެންމެ ފުރަތަމަ ބާއްވާފައިވަނީ 2013 ގައެވެ.

މި ފަހަރުގެ ލިވިން އެކްސްޕޯ ގައި ރާއްޖޭގެ އިތުރުން އަވައްޓެރި ގައުމުތަކުގައި ހުރި ރިއަލްއެސްޓޭޓްގެ ވިޔަފާރީގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ވެސް ލިބިގެންދާނެއެވެ.