މާފަުށީ ޖަލުގައި މީހުން މަރުވަނީ ނޫން ކަމަށާއި މީހުން ގަސްދުުގައި މަރަމުން ދަނީ ކަމަށް ބުނެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފު ކުރި ޓްވީޓަކާއި ގުޅިގެން އޭނާގެ މައްޗަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން ތާވަލު ކޮށްފިއެވެ.

މި އަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހު މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވަނީ މާފުށީ ޖަލުގައި ގައިދީންނަށް އެކަށީގެންވާ ބޭސް ފަރުވާ ނުދީ ގަސްދުގައި މަރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެކަމުގައި ކަރެކްޝަންސްގެ ކޮމިޝަނާއާއި އިސްވެރިން ޒިންމާ ނަގަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އެ ޓްވީޓާ ގުޅިގެން މަހުލޫފުގެ މައްޗަށް އުފުލާފައި ވަނީ ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ތާވަލު ކޮށްފައި ވަނީ އަންނަ ހޯމަ ދުވަހަށެވެ.

މި ދައުވާއާއި ބެހޭގޮތުން އިއްޔެ މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުުގައި މީހުން މަރުވަމުންދަނީ ބޭސް ފަރުވާ ނުދިނުމުގެ ސަބަބުން ކަމަށް ގަބޫލު ކުރާ މަރުވެފައިވާ ގައިދީންގެ އާއިލާތަކާއި އިފިސަރުންނާއި ވެސް ބައްދަލު ވެފައިވާ ކަމަށެވެ.

 

އިދިކޮޅުގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މަހުލޫފު މިހާރު ހުންނެވީ ގޭބަންދުގައެވެ. އޭނާގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައިވާއިރު އެ މައްސަލަތައް ބަލައި ނިމެންދެން އޭނާ ހުންނަން ޖެހޭނީ ގޭ ބަންދުގައެވެ،