މިރޭ މެންދަމުން ފެށިގެން މާލެއާއި ވިލިމާލޭގެ މަގުތައް ކުނި ކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ސަރުކާރުގެ ކުންފުނި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯއިން) ކުރަމުން ގެންދާނެ ކަމަށާއި، އެ މަސައްކަތައް ޢައްމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށް އެންވަޔަރަމެންޓް މިނިސްޓަރުގެ ނާއިބު ޢަލީ ޢާމިރު ވިދާޅުވެއްޖެއެވެ.

"ސާފު ރާއްޖެ-މާސާފު މާލެ" ޕްރޮގްރާމްގެ ދަށުން މިއަދު ހެނދުނު މާލެއާއި ވިލިމާލެއިން 70 ޓަނަށްވުރެ ގިނަ ކުނި ނެގި ހަރަކާތް ނިންމުމުގެ ގޮތުން ނޫސްވެރިންނަށް ދިން ހާއްޞަ އިންޓަވިއުއެއްގައި އެންވަޔަރަމެންޓް މިނިސްޓަރުގެ ނާއިބު ޢަލީ ޢާމިރު ވިދާޅުވީ، މިރޭ މެންދަމު މި މުހިންމު މަސައްކަތް ފެށިގެންދާއިރު އެންމެ މުހިންމު ކަމަކީ މި މަސައްކަތަށް ޢާއްމުންގެ އެއްބާރުލުން ލިބުންކަމަށާއި މަގުތައް ކުނި ގޮނޑުތަކަށް ވެގެންދާތަން ބަލަން ނުހުރެވޭނެ ކަމަށާއި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމުގެ ކަންކަންވެސް ކުރިއަށްދާނެކަމަށެވެ.

ވެމްކޯ އިން ކުނި އުފުލުމަަށް ބޭނުންކުރާ ޕިކަޕެއް - ވަގުތު އިމޭޖެސް: އަމީން ފަހުމީ

"ޤަބޫލު ކުރައްވަންޖެހޭ ހަޤީގަތަކީ ކުންޏަކީ ވަކިވަކި ފަރުދުން އުފައްދާ އެއްޗެހިކަން، އެ ފަރުދަކު އުފައްދާ ކުނި ނެރެ މަގުމައްޗަށް އަޅާލުން އެއީ މަގުމައްޗަށް ނެރެ އަޅާލުމަކީ އެމީހުނަށް ލިބިގެންވާ ހައްޤެއް ކަމަށް ދެކޭކަމަށްވާނަމަ، ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރިއަސް މިކަމެއް ކާމިޔާބެއް ނުވާނެ." ޢަލީ ޢާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ، ގޭގައި ނިދާފައި ބާވާ ގޮދަޑިއާއި، ބާކުރާ ފާހާނާ ތަށި ނެރެ މަގުމަތީ ބަހެއްޓަން އެއީ ރަނގަޅު ކަމެއްކަމަށް ޤަބޫލު ކުރެވެންޏާ، އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، އެންމެހާ ރައްޔިތުން ފަރުދީ ފެންވަރުގައި މުޖުތަމައެއްގެ ގޮތުގައި ވިސްނަން ޖެހޭކަމަށެވެ. ސިޔާސީ ގޮތުން ޖެއްސުން ކުރުމުގެ ވިސްނުމުގައި މަގުތަކަށް ކުނި އަޅާތަން ފެންނަ ކަމަށާއި، ސިޔާސީ ވިސްނުމެއްގައި ނިކުމެ މަގުތަކަށް ކުނި އެޅުމުން އޭގެ ގެއްލުން ވަނީ ހުރިހާ ރައްޔިތުންނަށް ކަމަށާއި، މިއީ އެއްގޮތަކަށްވެސް ކުރަން ހެޔޮ ވާވަރުގެ ކަމެއް ނޫންކަމަށްވެސް އެންވަޔަރަމެންޓް މިނިސްޓަރުގެ ނައިބު ވިދާޅުވިއެވެ.

މާލޭގެ މަގުތައް ސާފުޠާހިރު މަގުތަކެއްގެ ގޮތުގައި ބޭއްވުމަށް ވަރަށް ހާއްޞަ އިސްކަމެއް ދެއްވައިގެން ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށާއި، މަގުތައް ހަޑިވުމުން އެކަމުގެ ނޭދެވޭ އަސަރު ކުރަނީ ހަމައެކަނި މިނިސްޓްރީއަށް ނޫން ކަމަށާއި އެކަމުގެ އަސަރު ހުރިހާ ރައްޔިތުންނަށް ފޯރާނެކަމަށްވާތީ، ބިދޭސީއަކު ލައްވާ ކުނި އުކާލި ނަމަވެސް ގެއަކުން ނެރޭ ކުނި އެ ކުންޏެއް ގެންދަންޖެހޭ ހިސާބަށް ގެންދޭތޯ ޔަޤީން ކުރެއްވުމަށްވެސް މިނިސްޓަރުގެ ނައިބު ގޮވާލެއްވިއެވެ.

ވެމްކޯ އިން ކުނި އުފުލުމަށް ބޭނުންކުރާ އުޅަނދެއް - ވަގުތު އިމޭޖެސް: އަމީން ފަހުމީ

"މިހާތަނަށް ކުރި މަސައްކަތްތަކުގެ ތެރޭގައި މާގުތަކަށް ކުނި އެޅޭގޮތަށް ބައިސްކަލުތަކުގައި ކުނި އުފުލުން ވާނީ ހުއްޓުވާފައި. ރައްޔިތުންނަށް ދަތިވާގޮތަށް ޕިކަޕް ތަކުގައި ކުނި އުފުލުން ހުއްޓުވާލުމުގެ މަސައްކަތް މިވަނީ ފެށިފައި. މާލެ ތެރެއަށް ކުނި އެޅުން ހުއްޓުވުމަށް ކަލެކްޝަން ނިޒާމު މިހާރު ވަނީ ހަމައަކަށް އެޅިފައި. މިހާރުވެސް ވެމްކޯއިން ދުވާލަކު 18000 ވަރަކަށް ގެއިން ކުނި ނަގަމުންދާއިރު، އެ ޕްރޮސެސް މުޅިން ހަމައަކަށް އެޅި މާލެތެރެ ކޮންމެ ދިވަހަކު ކުނިކަހަން ފެށުމުން މިއީ ވަރަށް ބޮޑު ކާމިޔާބީއެއް" ޢަލީ އާމިރު ވިދާޅުވިއެވެ.

މިރޭ މެންދަމު 12:00 ގައި މާލޭގެ މަގުތައް ސާފު ކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާއިރު، މި މަސައްކަތައް ވެމްކޯ ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. އެގޮތުން މި މަސައްކަތަށް 160 އަށްވުރެ ގިނަ މުވައްޒަފުން ހޯދައި، މާލޭގެ މަގުތައް 10 ޒޯނަކަށް ބަހާލައި، މެންދަމު 12 އިން ހެނދުނު 6 އާއި ދެމެދު މާދަމާއިން ފެށިގެން ކޮންމެ ދުވަހަކުވެސް ކުނިކަހައި ސާފު ކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރިއެއް ވަނީ ވެ ނިމިފައެވެ.

މަގުމައްޗަށް ކުނި އެޅުމުން އަނެކާއަށް ވާނެ އުނދަގުލާ މެދު ވިސްނެވުމަށްފަހު އެންމެން އަތުގުޅާލައިފިއްޔާ މަގުތައް ސާފު މަގުތަކެއްގެ ގޮތުގައި ދެމެހެއްޓުމަކީ ދަތި ކަމަކަށް ނުވާނެކަމަށާއި، މި މަސައްކަތަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވެމްކޯއިންވެސް ވަނީ ވިދާޅުވުވެފައެވެ.