ރާއްޖޭގެ ތާރީހު ދުށް އެއް ނަމްބަރު ވަޒީރަކީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު އަލީ ވަހީދަށް ވަރަސް ބޮޑަށް ތައުރީފްކުރައްވައިފިއެވެ.

ވ.ބޮޑުމޮހޮރާ ޖާބިރު އަށް ލިބުމާއި ގުޅިގެން، ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަލީ ވަހީދަކީ ސިޔާސީ ފިކުރަށް ބެލުމެއް ނެތި ހައްގަށް ޑެލިވާ ކުރާ، ތާރީހު ދުށް އެއް ނަމްބަރު ވަޒީރަކީ އަލީ ވަހީދު ކަމަށެވެ. އަދި ޖާބިރު އަކީ ރާއްޖޭގައި ޒަމާންވަންދެން ރިސޯޓު ވިޔަފާރިކުރާ ވިޔަފާރިވެރިއެއް ކަމަށާއި ފާއިތުވި އަހަރުތަކުގައި ވަރަށް ގިނަ ވަޒީރުން ފެނިވަޑައިގެންފައި ވާއިރު އަލީ ވަހީދަކީ އޭގެ ތެރެއިން އެއް ވަނަ ވަޒީރު ކަމަށް އޭނާ ވިދާޅުވިއެވެ.

ވ. ބޮޑުމޮހޮރާގައި ރިސޯޓެއް ތަރައްގީ ކުރުމަށް ޖާބިރު އަށް ދީފައި ވަނީ މިއަދެވެ.

ޖާބިރުގެ ކުންފުނި، ބޮޑުމޮހޮރާ ޑިވެލޮޕްމަންޓް ލިމިޓެޑަށް އެ ރަށް 50 އަހަރު ދުވަހަށް ކުއްޔަށް ދިން އިރު، އެ ރަށުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް އޭނާ ވަނީ ފައްޓަވައިފައެވެ. "ޖާބިރު ހެޕީ ކްލަބް"ގެ ނަމުގައި އެ ތަން ހިންގަން ނިންމާފައިވާ އިރު، އެއީ ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށް ޖާބިރު ކުރިން ވަނީ ވިދާޅުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ސާލިހުއެވެ. ބޮޑުމޮހޮރާ ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޖާބިރެވެ.

އެ ކުންފުންޏަކީ ދިވެހި ސަރުކާރުގެ ހިއްސާއާ އެކު، ޖާބިރުގެ 90 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ޖާބިރު ވިދާޅުވީ، ބޮޑުމޮހޮރާ ވާނީ ރާއްޖޭގެ ޓޫރިޒަމަށް އިންގިލާބީ ބަދަލެއް ގެންނާނެ ޕްރޮޖެކްޓަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަބީބު......

    މުވައްޒަފުންނައް ސާވިސްޗާޖާ މުސާރަ ބަރާބަރައް ނުދީ ނިކަންބަލާ ދުނިޔެކާން އުޅޭމީހުން

    33
  2. މަންމަނު މިޔާ

    އަނެއް ވެރިކަން ފެށޭ އިރު އޮންނާނީ މިރަށަށް ޖީއެސްޓީ ނުދައްކާއިގެން ރަށް ނަގަން ޖެހިފައި

    11
  3. ޖަޒރާ ބޯއީ

    އެއްތަށިން ކައިގެން އެއްތަށިން ބޮއެގެން އުޅޭ ދޭތި، ދެން ޝުކުރުކުރާކަށް ވެސް ހުއްޓުމެއް އޮންނާކަށް ނުޖެހެއެނުން.