ކޮވިޑް 19 ރާއްޖެ އިން ފެނިޖެނަމަ އެފަދަ ހާލަތަކާއި ގުޅިގެން ފިޔަވަޅު އަޅާއިރު ބަލާނެ ހަތަރު ހާލަތާއި، އެ ހާލަތްތަކުގައި އަމަލު ކުރާނެ ގޮތާއި، އަޅާނެ ފިޔަވަޅުތަކުގެ ތަފްސީލް ހެލްތް މިނިސްޓްރީއިން ހިއްސާކުރައްވައިފިއެވެ.

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު އޮތްގޮތް ހާމަކުރުމަށް ހަތަރު ލެވެލް އެއް ކަނޑައަޅާ އެ ލެވެލްތައް ކުލަ ތަކުން ފާހަގަކުރެވޭނެހެން އެލާޓް (ސަމާލު) ލެވެލްތައް ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ،

1. ހުދު: އެއްވެސް ކޭސް އެއް ފެނިފައި ނުވާނަމަ

އަޅާނެ ފިޔަވަޅުތައް:

*އެމަރޖެންސީ ޓާސްކް ފޯސް އެކުލަވާލުން
*ރެސްޕޯންސް ޓީމްތައް ތައްޔާރުކުރުން، ހޭލުންތެރިކަން އިތުރުކުރުން
*ޑޮކްޓަރުންނާއި ނަރުހުންނާއި ކަމަށް ހޭލުންތެރިކޮށް އަހުލުވެރިކުރުވުން
*ބަލި ހުރިކަމަށް ޝައްކު ކުރެވޭ މީހަކު ހުރި ނަމަ އެނގޭނެ އިންތިޒާމް ހަމަޖެއްސުން
*ކަރަންޓީންކޮށް އެކަހެރި ކުރާ ވަސީލަތްތައް ދެނެގަނެ، އެތަންތަން ދެނެގަނެ ސްޓޭންޑްބައި ހާލަތަށް ގެނައުން
*ބޭނުން ކުރާނެ ބޭސްފަރުވާގެ ސްޓޮކް އެއްކޮށް ސްޓޮކް ފޯރުކޮށްދީ، ބޭސްތައް މެއިންޓެއިން ކުރުން
*ސްކްރީން ކުރުން

ނޯޓް: މިހާރު ރާއްޖެ އޮތީ މި ހާލަތުގައެވެ.

 

2. ރީނދޫ : މީހެއްގެ ގައިން ކޮވިޑް 19 ފެނުން ނުވަތަ ބަލި ހުރި ކަމަށް ޝައްކު ކުރެވޭ އިރު، ބަލި މީހާ އާއި ކޮންޓެކްޓްވި އިތުރު މީހަކު ނެތް ހާލަތުގައި

އަޅާނެ ފިޔަވަޅުތައް:

* ކޮންމެހެން ކުރަން ޖެހޭ ހާލަތުގައި ނޫނީ ރާއްޖެއިން ބޭރަށް ނުދިއުމަށް އިރުޝާދު ދިނުން
* މި ބަލި ރަށެއްގައި ފެނިއްޖެ ނަމަ އެރަށުން ބޭރަށް މީހުން ދިއުން ހުއްޓުވުން
* އެ ބަލި ހުރިކަމަށް ޝައްކު ކުރެވޭ ނުވަތަ ޔަޤީން ކުރެވޭ މީހަކާއި ކޮންޓެކްޓްވި މީހުން އެކަހެރިކޮށް، ކަރަންޓީންކުރުން
* ސައިކޯ ސޯޝަލް ސަޕޯޓް ދިނުން
* ބަލި މީހާ އާއި ގާތުގައި އުޅުނު މީހުން ބޭރަށް ނުނިކުތުމަށް އިރުޝާދު ދިނުން

ނޯޓް: މީގެ ކުރިން ރާއްޖެއިން ކޮވިޑް 19 އަށް ޝައްކު ކުރެވޭ މީހަކު ފެނުނު އިރު ރާއްޖެ އޮތީ މި ހާލަތުގައެވެ.

3. އޮރެންޖް: މީހެއްގެ ގައިން ކޮވިޑް 19 ފެނުން ނުވަތަ ބަލި ހުރި ކަމަށް ޝައްކު ކުރެވޭ އިރު، ބަލި މީހާ އެހެން މީހުންނާއި ކޮންޓެކްޓް ވެފައި ހުރި ހާލަތުގައި އަޅާނެ ފިޔަވަޅުތައް:

* އާއްމުކޮށް ކުރާ މަސައްކަތްތަކާއި ޚިދުމަތްތަކަށް ހުއްޓުމެއް އަންނާނެ
* ކޮންމެެހެން ކުރަން ޖެހޭ ސަރޖަރީ ނޫން ސަރޖަރީތައް ހުއްޓުމަކަށް އަންނާނެ
* ވަކި ކަހަލަ ކޭސްތަކަކަށް ތައްޔާރުވެފައިވާ މެޑިކަލް ކޮންސަލްޓޭޝަންސް ކުރިއަށް ގެންދެވޭނެ
* ބަލި ފެނުނު ހިސާބުގެ ސްކޫލް ފަދަ ތަންތަން ބަންދުކުރުން
* ކޮންމެހެން އެއްވާން ނުޖެހޭ ނަމަ އާއްމުތަންތަނަށް އެއްވުން ހުއްޓުވާލެވޭނެ
* ކާބޯތަކެތި ފަދަ ޒަރޫރީ ތަކެތި ބޭނުންވާ މިންވަރަށް ހުރިކަން ޔަޤީންކުރާނެ

4.ރަތް: މީހެއްގެ ގައިން ކޮވިޑް 19 ފެނިފައި ވަނިކޮށް، އޭނާ އާއި ގުޅުމެއް ނެތް މީހަކަށް ބަލި ޖެހުން، ނުވަތަ ބަލި ޖެހުނު ކަމަށް ޝައްކު ކުރެވުން

އަޅާނެ ފިޔަވަޅުތައް:

* ބަލި ފެނުނު ހިސާބުން ބޭރަށް މީހުން ގެންދިއުން
* ބަލި ފެނުނު ހިސާބުގައި ސްކޫލްތައް ބަންދު ކުރުން
* އެލަރޓް ލެވެލް ރަތަށް އެރުމުން ކޮންމެެހެން ލިބެން ނުޖެހޭ ޚިދުމަތް ހުއްޓުމަކަށް އަންނާނެ
* ކޮންމެހެން ކުރަން ޖެހޭ ދަތުރު ނޫން ދަތުރުތައް ނުކުރުން
* ސަރަހައްދުގެ ހުރިހާ ސްކޫލެއް ބަންދުކުރުން
* ޒަރޫރީ ޚިދުމަތް ފިޔަވާ ދެން ލިބޭ ޚިދުމަތްތައް ވަކި ވަރަކަށް މެނުވީ ނުދީ، އޮފީސްތައް ބަންދުކުރުން

ޑރ.އަފްޒަލް ރައީސް އޮފީހުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަނީ: ފޮޓޯ ވަގުތު

ރަައީސް އޮފީހުގައި ބޭއްވި ޕެނަލް ޑިސްކަޝަންއެއްގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ، ކޮވިޑް 19 ޖެހޭ މީހާގެ ކިބައިން އެހެން މީހަކަށް ބަލި ޖެހުމުގެ ފުރުސަތު އޮންނާނީ އިތުރު 3 މީހުންނަށް ކަމަށާ، އެ ބަލި އިތުރު ވުމުގެ ފުރުސަތު އޮންނަ މިންވަރަށް ބެލުމަށް ފަހު ކޮވިޑް 19 އާއި ގުޅިގެން ތައްޔާރީ ހާލަތު އޮތް ލެވެލް ބަދަލުވެގެންދާނެ ކަމަށެވެ.

އަތޮޅު ފެންވަރުގައި އާއި ރަށު ފެންވަރުގައި ވެސް ކޮވިޑް 19 އާއި ގުޅިގެން އަމަލު ކުރާނެ ގޮތް ޑރ. އަފްޒަލް ވަނީ ވިދާޅުވެދެއްވާފައެވެ. އެގޮތުން އެންމެ ރަށެއްގައި ބަލި ފެނުނު ނަމަވެސް އެ ބަލި ފެނުނު ރަށުގައި އަމަލު ކުރާނީ، އެލަރޓް ލެވެލް ރަށު ފެންވަރުގައި އެންމެ މަތި، ކަމަށް ބަލައިގެން ކަމަށް އެނާ ވިދާޅުވިއެވެ.

"ހަމަމިގޮތަށް އެ އަތޮޅެއްގައި ދެ ރަށުން ފެނިއްޖެއްޔާ، މުޅި އަތޮޅު ބަަދަލުވާނެ އެލާޓް ލެވެލް ރެޑް އަށް. އަދި ރެޑް ލެވެލްގައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އެޅިގެން ދާނެ. އަދި އެއް އަތޮޅު ރަތް ވެފައި އޮއްވާ އެ އަތޮޅާއި ޖެހިގެން އެހެން އަތޮޅަކުން ފެނިއްޖެ ނަމަ އެހިސާބުން މުޅި އެ ޒޯން ރެޑް ވެގެން ދާނެ. ހަމަ މިގޮތުން ދެ ޒޯން އަކުން ފެނިއްޖެއްޔާ އެ ހިސާބުން އަޅުގަނޑުމެން ބަލާނީ މުޅި ގައުމުގައި ވެސް އޮންނާނީ ރެޑް ލެވެލްގައޭ." ޑރ.އަފްޒަލް ވިދާޅުވިއެވެ.

ޑރ.ނަޒްލާ ރައީސް އޮފީހުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަނީ: ފޮޓޯ ވަގުތު

އެ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން، ޑރ.ނަޒްލާ މުސްތަފާ ވިދާޅުވީ، މިހާރު ރޯގާ ޖެހިއްޖެ ނަމަ ބޮޑުވަރުވެދާނެ ފަރާތްތައް އިތުރަށް ސަމާލުކަން ދޭން ޖެހެ ކަމަށެވެ. އަދި ރޯގާ ޖެހިއްޖެއްޔާ ބޭރަށް ނުގޮސް، އިތުރަށް ހާލަތު ގޯސް ވެގެން ނޫނީ ހޮސްޕިޓަލަށް ނުދިއުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

"ފިނި ތަންތާގައި 9 ދުވަސް އެބަ ހުރޭ. އެހެންވީމަ އަޅުގަނޑުމެންގެ ވެސް އޭސީކޮށްފައި ހުންނަންޏާ އިތުރު ދުވަހަށް ހުރެދާނެ. ޚާއްސަކޮށް އަތް ނުދޮވެ، ލޮލާއި ނޭފަތް، ނުވަތަ އަނގަމަތީގައި އަތް ލައިފިއްޔާމު ވައިރަސް އެރުމުގެ ފުރުސަތު ބޮޑު. އަތް ދޮންނަ އިރު ފެންނަވަރަށް ހަޑިވެފައި ހުރި ނަމަ ސައިބޯނި ލައިގެން އަތް ދޮންނަން ޖެހޭނެ. ކެއުމުގެ ކުރިން އަތް ދޮންނަން ޖެހޭނެ. ފާހަނާކުރުމަށް ފަހު އަތް ދޮންނަން ޖެހޭނެ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޗައިނާގައި 80،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، 2400އަށް ވުރެ ގިނަ މީހުން ބަލީގައި މަރުވެފައިވެއެވެ. މިހާރު ޗައިނާގެ އިތުރުން މި ބަލި އެންމެ ބޮޑަށް މިހާރު ފެތުރެމުންދަނީ އީރާނާއި އިޓަލީ އަދި ދެކުނު ކޮރެއާގައެވެ.

މިވަގުތު ޗައިނާ އާއި އީރާން އަދި ދެކުނު ކޮރެއާގެ ބައެއް ހިސާބުތަކުން އަންނަ މީހުން ރާއްޖެއަށް އެތެރެެވުން މަނާކޮށް، ކްރޫޒް ލައިނާ ރާއްޖެ ނުގެންނަން ސަރުކަރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މާމިގިލީ މީހާ

    ކަލޭމެންނައް މިބަލީގެ ހުރި ނުރައްކާތެރިކަން ނޭގިގެން ތިޔަ އުޅެނީ. ރާއްޖެއަށް މިބަލި އައިސްސިޔާ އެންމެން ވާނީ މަރު. ތިހިން އެލާޓް ނެރި ނެރި ތިއްބަ. އެންމެންވާނީ މަރު.

    15
    42
  2. ބޯކިބާ

    މީގަބުނާގޮތުން މާލެއިން ފެނިއްޖިއްޔާ މާލެއިން ބޭރަށް އެއްވެސްމީހަކަށް ނުދެވޭނެ، މައުމޫނުމެން ގައުމު ފުނިޖަހާފަ އޮތީ މާލެއަށް، އެހެންވީމަ އެހިސާބުން ގައުމު ހުއްޓުނީ.

    30
    2
  3. ސޯކާބެ

    އެހެންވެގެންތާ މިހާރު ވަރުދައްކާލާފަ ސްކޫލް ތަކުގެ ފާޑު ފާޑުގެ އިވެންޓްތައް ބާއްވާ ގިނަ ކުދިންނާއި ބެލެނިވެރިން އެއްތާކައް އެއްކުރެވޭތޯ ތިޔަ ބައްލަވަނީ

    39
    3
  4. ކާފަ

    ބަލިފެނުނު ހުރިހައި ޤައުމަކުންވެސް މީހުން އައުން ހުއްޓުވަން ވީ.

    51
  5. ރާއްޖޭގެ މީހާ

    މިހާރުން މިހާރަށް ބޮޑެތި އެއްވެ އުޅޭ އުޅުންތައް މަދު ކުރަން ޖެހޭ..ޚާއްޞަކޮށް ސްކޫލް ތައް...އެކަމަު އެތްލެތިޓްކްސް ގޭމް ތަކާ ކޭމްޕްތައް ރާވާ ކެންޑިޑޭޓުން ގްރޫޕްތައް ހަދާފަ ކެއުންތަކާ .ަޖާ ކުރުމުގަ....

    10
  6. ސޭކްސްތާން

    ތި ޕެނަލް ޑިޝްކަޝަން ވެސް ބޭއްވީ އިދިކޮޅުން ކައްކުވާލީމަ. ބަލަ މިތިބަ ބުރާންތިން ތަކާ ރަށްފުށުގައި މިއުޅެނީ ހުން އައިސްގެން ކާލާނެ ޕެނަޑޯލް ގުޅަ ފަޅިއެއްވެސް ނެޔިގެން. މިހެން އޮތްއިރު ރަށްފުށުގައި ކޮރޯނާއަށް ޓެސްޓްކޮށްވޭނެ ފަަދަވެސް ނެތި ކޮރޯނާ ޖެހުނުކަން ދެނެގަންނަތީ ހިތުންތޯ ނުވަތަ ފޫކޮޅަށް ބަލާފަތޯ. އަޖައިބު އަންތަރީސްވެދާނެ. ބަލަ ރަށްފުށުން ނަގާ ލޭގެ ސާމްޕަލްތައް ޓެސްޓުކުރަން ވީއެންމެ އަވަހަކަށް އައިޖީއެއްއެޗަށް ފޮނުވޭނެ އިންތިޒާމްވެސް އޮތްގޮތް އެނގެންޖެހޭ އެބަ. ތަންތަނަށް އަރާފަ އަނގަކޮފަނީ. ލާދީނީ ސަރުކާރު.

    7
    2
  7. ޗާލާކީ

    ޑރ. ނަޒްލާ ވ. ކިއުޓް...

    • އެމްޑީޕީ ބުރޯ

      ހެހެހެ، އެއީ މަމެންގެ ޑރ މުސްތަފާލުތުފީގެ ދަރިއޭ! އެހެންވެ ކިއުޓުވާނެއެއްނު ?