ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރެއްވި ޚިދުމަތްތަކުން، އެމަނިކުފާނުގެ ޚިދުމަތް ކުރުމުގެ ޤާބިލްކަން ހުރިކަން ހާމަވަނެ ކަމަށް، ކުރީ ސަރުކާރުގެ ފެނަކައިގެ މެނޭޖިން ޑިރެކްޓަރގެ މަޤާމުގައި ހުންނެވި މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

މިރޭ ކާނިވާ ސަރަހައްދުގައި ޕީޕިއެމްއިން ކުރިއަށް ގެންދާ "މަގޭ ރާއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކ.އަތޮޅުގެ ރައީސްގެ މަޤާމަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ނިމާލް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް މިދިޔަ ސަރުކާރުގައި އޭނާ 24 ގަޑިއިރު މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ.

"އަޅުގަނޑަކީ ރައީސް ޔާމީންގެ ސަރުކާރުގެ ޕްރޮޑަކްޓެއް. އަޅުގަނޑަކީ ރައީސް ޔާމީން ޒައާމާތުގެ 24 އަވާސް މޭން." ނިމާލް ވިދާޅުވިއެވެ.

ނިމާލް ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ދޭން ޖެހެނީ ހިންގުމުގެ ތަޖުރިބާ ހުރި ޤާބިލް މީހުންނަށް ކަމަށް ފާހަގަކުރައްވާފައެވެ.

ކ.އަތޮޅުގެ ރައީސްކަން ލިބިވަޑައިގެންފި ނަމަ މަސައްކަތް ކުރައްވާނީ، ހަމައެކަނި ޕީޕިއެމްގެ މެމްބަރުންގެ ހައްގު ހޯދައިދެއްވަން ނޫން ކަމަށާ، ހުރިހާ ފިކުރެއްގެ، ހުރިހާ ޕާޓީއެއްގެ މެމްބަރުންނާއި އެކުވެސް މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ނިމާލް ވިދާޅުވިއެވެ.

"އަޅުގަނޑުގެ މާބަގީޗާގައި ފޮޅޭނީ ހަމައެކަނި އަސުރުމާ ކުލައިގެ މަލެއް ނޫން. އަޅުގަނޑުގެ ބަގީޗާގައި ޗަންޕާޕޫލުމާ ވެސް ފޮޅެން އަޅުގަނޑު ބޭނުންވޭ. އަޅުގަނޑުގެ ބަަގީޗާގައި އެހެން ކުލަ ކުލައިގެ މާވެސް ފޮޅެން ޖެހޭނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ." ނިމާލް ވިދާޅުވިއެވެ.

ނިމާލް ވަނީ މި ސަރުކާރުން ރައްޔިތުން އުންމީދު ކުރާވަރަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމަށާ، އެކަމުގެ ސަބަބުން ރައްޔިތުން މާޔޫސްވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ނިމާލް ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި އިސް ގިނަ މަޤާމުތަކެއް ފުރުއްވާފައެވެ. އަދި ފާއިތުވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމް އަށް ކާމިޔާބު ހޯދާ ދިނުމަށް އެންމެ އިސްސަފުގައި މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ނިމާލްއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ޕީޕީއެމް އިން ވާދަކުރަނީ 5 ސިޔާސަތާއި އެކުގައެވެ. އެއީ ދީނާއި، މިނިވަންކަން، ރައީސް ޔަމީންގެ އިރުޝާދުތައް، އިގްތިސާދު އަދި ތަހުޒީބު ކައުންސިލް މި ސިޔާސަތުތަކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. 24 އަވާރސް ވަގު

    ރަނގަޅު ވާހަކައެއް. ކަލޭތީ ޔާމީން ވެރިކަމުގަ 24 އަވަރސް ވައްކަން ކުރިމީހެއް. 24 އަވަރސް ވައްކަން ކުރުމުގެ މަސައްކަތް.

    4
    10
  2. ބިރަކާނުލައި

    ސާބަހޭ ނިމާލް ތިހެން ބުނެލަން ކެރޭނީވެސް ވަރަށް ގަޓުހުރީމަ ރައީސްޔާމީން އާއިއެކު ހިފަހަޢްޓާ ލެވޭނީ ނިމާލްމެން ފަދައި ގަޓުހުންނަ "24 އަވާސް މޭން"

  3. މާޅުވެލި

    މިއީ ހަމަ ހަޤީގަތަކީ ބޮޑުތަނުން މިސަރުކާރުގެ މަސައްކަތް ލަސް، އުންމީދު ކުރިވަރަށްވުރެ ބޮޑުތަނުން ލަހޭ ލަހޭ ލަހޭ.............................................

  4. mode

    ތެދުފުޅެއް،ރައީސް ޔާމީން ޒައާމަތުގައި 24 އަވާޒް ކަރަޕްޝަން މޭން.ޔާމީން އިންތިހާބުން ފެއިލްވީ ތިކަހަލަ މީހުން 24 އަވާޒްގަ ގައުމު ދަވާލަން އުޅުމުން.