މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމަކީ ރާއްޖޭގެ ތާރީހު ޝަރުއީ ނިޒާމަށް މަލާމާތް ކުރާނެ ކަމެއް ކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

"މިއީ މަގޭ ރާއްޖެ" މިނަމުގައި ޕީޕީއެމްއިން ބޭއްވި އެޕާޓީގެ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗިން ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ހިންގި ތަހުގީގަކާިއ އެމަނިކުފާނުގެ މައްޗަށް އިއްވި ދައުވާއާ އެމަނިކުފާނަށް ކުރެވިގެން ދިޔަ ހުކަމަކާއި ދިމާ ނުވާ ކަމަށެވެ.

އެމަނިކުފާނުގެ ޝަރީއަތް ކޯޓުގައި ހިނގައިގެން ދިޔައިރު އެމަނިކުފާނާއި ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންނަކީ ކުށް ސާބިތުވެގެން ހުކުމް ތަންފީޒު ކުރަމުން ގެންދާ ދެ ހެކިން ކަމަށްވެސް އަދުރޭ ފާހަގަކުރެއްވިއެވެ. އެ ދެ ހެކިންނަކީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އަދި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ. މި ދެބޭފުންނަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައްޔަރުކުރެވި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ކޯޓުން ހުކުމް ކުރެވިފައިވާ ދެބޭފުޅުންނެވެ. އެހެންނަމަވެސް މި ދެބޭފުޅުން މިހާރު ތިއްބަވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.

"މީގައި ދަންނަވާލަންތޯ ވާހަކައެއް. އެކައުންޓަށް ފައިސާ ޖަމާކުރި މީހުން ކުށްވެރިއެއް ނުވޭ. އެކަމަކު ޖަމާވި އެކައުންޓުގެ ވެރިފަރާތް ކުށްވެރިވެއްޖެއެވެ. މިއީ ތާކުންތާކު ނުޖެހޭ ބުއްދީގެ ހަމަތަކުން ގަބޫލުކުރަން ދަތި ހުކުމެއް. މިއީ ސިޔާސީ ހުކުމެއް. ރައީސް ޔާމީންގެ ޝަރީއަތަށް މި ސަރުކާރުން ވަނީ ނުފޫޒު ފޯރުވާފައި. އެކަން އެނގިގެން ދިޔައީ ރައީސް ޔާމީންގެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވި ފަނޑިޔާރު ނެރުއްވި ބަޔާނުން. މިއިން އެއްވެސް ކަމެއް ކާމިޔާބު ނުވީ އެންމެ ފަހުން ފަނޑިޔާރު ގޭގައި މަޑުކުރަން އެންގީ،" އަދުރޭގެ ވިދާޅުވިއެވ.

އަދުރޭ ވިދާޅުވީ އެއްވެސް ގޮތަކަށް ރައީސް ޔާމީން "ބައްދާލެވެން" ނެތުމުން އަނެއްކާވެސް އެމަނިކުފާނުގެ މައްޗަށް ތަހުގީގުތަކެއް ހިންގަން ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު އެތައް ބަޔަކު މި ސަރުކާރުގައިވެސް އެބަ ތިބި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައިވެސް އެބަ ތިބި ކަމަށެވެ.

"އެމްއެމްޕީއާޜްސީގެ ފައިސާގެ ވާހަކަދައްކާއިރު އެފައިސާ އަސްލު ބޭނުންކުރި މީހުން ކޮބައިތޯ. އިބްރާހީމް މުހައްމަދު ސޯލިހުވެސް އެފައިސާ ބޭނުންކުރި ވާހަކަ އެބަ އަޑުއިވޭ. އެތައް މެންބަރުންނެއް އެތައް ވަޒީރުންނެއް އެފައިސާ ބޭނުންކުރި ވާހަކަ އެބަ އަޑުއިވޭ. އެއްވެސް މީހެއްގެ މައްޗަށް ތަހުގީގެއް ނުހިންގޭ، މީގެންވެސް އެބަ އިނގޭ ރައީސް ޔާމީނަށް ހިންގެނީ ސިޔާސީ ޝަރީއަތެއްކަން،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ދިވެހި ރައްޔިތުން މި ސަރުކާރު ވެރިކަމަށް ގެނައީ ވަރަށް ފޮނި އުއްމީދުތަކާއި އެކުގައި ކަމަށެވެ. އެހެންނަމަވެސް މިއަދު ދިވެހި ރައްޔިތުން މި ސަރުކާރު ރާއްޖޭގެ ވެރިކަމަށް ގެނެވުނީތީ ހިތާމަ ކުރާ ކަމަށް އަދުރޭ ވިދާޅުވިއެވެ. އެ ހިތާމައިން ދިވެހި ރައްޔިތުން ދެން މިންޖުވާން އޮތީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމްއަށް ވޯޓު ދީގެން ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ވަރަށްބޮޑު ތެދެއް.

    11
    6
  2. Anonymous

    ތިއީ ވަރަށްބޮޑު ތެދެއް ގައުމަށް އެހާބޮޑު ހިޔާނާތެއްވީމަވެސް 5އަހަރު ރިހާކުރުފުޅި ވަގަށްނެގީމަވެސް 5އަހަރު

    8
    14