އައްޑޫ ހިތަދޫގެ ދެ ކުއްޖަކު ގެއްލުމާ ގުޅިގެން އެމްއެންޑީއެފްގެ ސަދަން އޭރިއާ އިން މިއަދު ބާއްވަން ނިންމި ދުވުން ފަސްކޮށްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ހިތަދޫގެ ދެ ކުއްޖަކު އެ ރަށު ފުއްޓަރު ފަރާތަށް ގެއްލި އަދިވެސް ފެނިފައިނުވާތީ އާއި އެކަމުގައި ގިނަ އަދަދެއްގެ ސަދަން އޭރިއާގެ ސިފައިން ހަރަކާތްތެރިވާތީ "އެމްއެންޑީއެފް 126" ރަން މިއަދު ނުބާއްވާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

ދެން މި ދުވުން ބާއްވާނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިއަދު އެމްއެންޑީއެފް އިން ބާއްވަން ނިންމި ދުވުމަކީ ސިފައިންގެ 126 ވަނަ އަހަރީ ދުވަހާ ގުޅިގެން އާންމުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ބާއްވަން ނިންމި ދުވުމެކެވެ.

ހިތަދޫގައި ދެ ކުއްޖަކު ގެއްލިގެން ހޯދަމުންދާއިރު ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ ހިތަދޫގައި މޫދަށް އެރި އުޅުނު 3 ކުއްޖަކު ގެނބުނު ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 12:10 ހާއިރު ކަމަށެވެ. މީގެ ތެރެއިން އެއް ކުއްޖަކު މިހާރު ފެނިފައިވާއިރު އެ ކުއްޖާ އަށް މިހާރު ދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށެވެ.

އަނެއް ދެ ކުދިން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އާއި އާއްމުން ދަނީ ކުރަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އެ ކުދިން ގެއްލިފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލުން ފުށްޓަރު ފަރާތަށެވެ.

ކިޔުންތެރިންގެ ހިޔާލު