އިންތިޚާބުގެ ކަންކަން ރާވާ ހިންގާ އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުތަކާބެހޭ ޤާނޫނަށް ގެންނަން މަސައްކަތް ކުރަމުންދާ އިސްލާހްތަކަކީ މީގެ ކުރިން މަޝްވަރާ ކުރެވި ހިއްޞާ ކޮށްފައިވާ ބަދަލުތަކެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

"ވަގުތަށް" ދެއްވި ހާއްޞަ އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު، އަޙްމަދު އަކްރަމް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުތަކާ ބެހޭ ޤާނޫނަށް އިސްލާހް ގެންނަނީ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށްފަހުކަން އީޔޫ އިން ނެރެފައިވާ ބަޔާނުން އެނގެން އޮންނަ ކަމަށާއި، އެ ބަދަލުތަކަކީ ހިއްޞާވެސް ކުރެވިފައިވާ ބަދަލުތަކެއް ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުތަކާބެހޭ ޤާނޫނަށް ގެންނަ ބަދަލުތަކަކީ މީގެ ކުރިންވެސް ޑިސްކަސް ކުރެވިފައިހުރި ބަދަލު ތަކެއް، އެ ބަދަލުތަކަކީ އީޔޫ އާއި އދ ގެ މިޝަންތަކާ އެކުވެސް މަޝްވަރާ ކުރެވިފައިވާ ބަދަލުތަކެއް. އެ ފަރާތްތަކަށް މި ބަދަލުތައް ވަނީ ހިއްޞާ ކުރެވިފައި. އޭގެ ތެރެއިން ބައެއް ބަދަލަކީ އީޔޫ އިން އެ ވިދާޅުވިގޮތަށް، އީޔޫ އިން އިލެކްޝަންސް ކޮމިޝަނަށް ރިކޮމެންޑް ކޮށްފައި ހުރި ކަންކަން" އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުތަކާބެހޭ ޤާނޫނަށް އިސްލާހް ގެންނަނީ އިންތިޚާބާއި ބެހޭ ޤާނޫނުގައި ހުރި ބައެއް ކަންކަން އިސްލާހްކޮށް، ރައްޔިތުންނަށް ވީހާވެސް ފަސޭހަ، މިނިވަން އިންސާފުވެރި އިންތިޚާބަކަށް އިތުރަށް މަގު ފަހުކުރުމުގެ މަޤްޞަދުގައި ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުތަކާބެހޭ ޤާނޫނަށް ގެންނަ އިސްލާހްތަކާ މެދު ސަރުކާރާ ސިޔާސީގޮތުން އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދާ، ތުހުމަތުތަކެއް ކުރަމުންދާއިރު، ކުޜީގެ ރިޔާސީ އިންތިޚާބަށް ފަހުގައި އީޔޫގެ ފަރާތުން އިސްލާހް ކުރަން ހުށަހެޅި ކަންތައްތައްވެސް ޤާނޫނަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމެނިފައިވެއެވެ. އަދި މި ބަދަލުތަކާއި ބަދަލުތަކުގެ ތަފްސީލު އީޔޫއަށް އެނގެންވެސް އެނގެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން މިހާ ހާމަކަން ބޮޑު ގޮތެއްގައި ކުރަމުންދާ ޤާނޫނީ މަސައްކަތްތަކާ މެދުވެސް ވަނީ ސުވާލު އުފައްދާފައެވެ.

ކިޔުންތެރިންގެ ހިޔާލު