ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މަގުސަދަކީ އިސްލާމްދީނުގެ ގިއުގަނޑުގެ ތެރެއިން ދިވެހިން ބޭރުކުރުން ކަމަށް ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރ އަޒްލީން ވިދާޅުވީ އީޔޫގެ ގަރާރާއި ގުޅިން ދިވެހި ރައްޔިތުން ސަމާލުވާންވީ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

" ފުރަތަމަ ކަމަކީ އީޔޫގެ ޝައުގުވެރިކަން ރާއްޖޭއަށް މިއޮތީ ޑިމޮކުރަސީގެ ހަމައެއް މިތާގައި ނެތިގެނެއް ނޫން. މިއީ ހަމަ އިސްލާމު ދީނުގެ ހިދާޔަތުން ދިވެހި ރައްޔިތުން ބޭރު ކުރުމަށްޓަކައި ހިންގާ ވަރަށް ބޮޑު ޖަރީމާއެއްގެ ތެރެއިން ހިންގާ ކަންކަން" މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

މިނިސްޓަރ އަޒްލީން ވިދާޅުވީ ރާއްޖޭގެ އިދިިކޮޅު ބައެއް ފަރާތް ތަކުން މީގެ ދުވަސް ކޮޅެއް ކުރިން އީޔޫ އަށް ކުރަމުން ދިޔަ ލޮބީ ގެ ސަބަބުން މީގެ ނަތީޖާ މިގޮތަށް މި ނިކުތީ ކަމަށެވެ.

" ރާއްޖޭގެ ރައްޔިތުން އެކީ އެކައްޗަކަށް ސަމާލުވާން އެބަ ޖެހޭ. ރާއްޖޭގެ މިނިވަން ކަމާއި، ރާއްޖޭގެ ދާހިލީ ހަމަޖެހުމާއި. ހުރިހާ ގޮތަކުން ގުޅިފައިވަނީ އިސްލާމް ދީނުގެ ހިދާޔަތުގައި ތިބޭ ތީވެ. އެ ހިދާޔަތުގައި ތިބޭ ތީވެ އަޅުގަނޑުމެންނަށް ހަމަޖެހިގެން މި ތިބެވެނީ" މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

މިނިސްޓަރ އަޒްލީން ވިދާޅުވީ ކަނޑި ބަޑި ހިފައިގެން އައިސް ރާއްޖޭގެ މިނިވަންކަން ދުއްވާ ނުލެވޭނެ ކަން އެނގޭތީ މިހާރު އެމީހުން ބޭނުންވަނީ ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ބައިބައި ވުން އުފައްދަން ކަމަށެވެ.

" ރާއްޖޭއަކީ އެއްބަހަކުން ވާހަކަ ދައްކާ އެއް ދީނަކަށް ތަބާވާ ބަޔަކަށް ވާތީ ދީނުގެ ހިމާޔަތުން ބޭރުކޮށްގެން ނޫނީ އެމީހުން ބޭނުންވާ ކަންކަން ހާސިލު ނުވާނެ ކަން އެމީހުންނަށް އެބަ އެނގޭ" މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

ޑިމޮކުރަސީގެ ނަމުގައި ރާއްޖޭގެ ދީނާއި ތޮޅެން މަސައްކަތް ކުރި ކޮންމެ ބަޔަކު ބަލިވިކަން އެންމެންނަށް ވެސް އެނގޭ ކަމަށް ވިދާޅުވެ މިނިސްޓަރ އަޒްލީން ވަނީ މި ފަހަރު މިކަންތަށް މި ހިނގާ ދިޔައީ ދިވެހިންގެ ތެރެއިން މަދުބަޔަކު އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެނާއި އަދި އެނޫންވެސް ގޮތްގޮތުން ރާއްޖޭގެ އިސްލާމް ދީނާއި ތޮޅެން ކުރާ ކަންތައްތަކުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

" ވަރަށް ސަމާލުވެ ތިބެންޖެހޭ. އީޔޫގެ ގަރާރު ސަރުކާރުން މިވަނީ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި. އަދީ އެ ގަރާރަށް މަރުހަބާ ނުކިޔާނެ ކަމަށާއި އެއިން އެވެސް ކަމަކަށް ރާއްޖޭގެ ރައްޔިތުން ތަބާވާން ނުޖެހޭކަން ސަރުކާރުން ވާނީ އީޔޫ އަށް ދަންނަވާފައި" މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

މިނިސްޓަރ އަޒްލީން ވިދާޅުވީ ދީނީ މިނިވަންކަމަށް މި ގޮވާލާ ބަޔަކީ ރާއްޖޭގައި އެކި ދިމަދިމާލުގައި އެމީހުންގެ ފިކުރު ގަބޫލުކުރާ ބަޔަކު އުޅޭތީ އެމީހުންގެ ޝައުގުވެރިކަން އަންނާތީ ކުރެވޭ މައްސަކަތެއްކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"ދިވެހި ކޮންމެ ރައްޔިތަކު ސަމާލުވާން އެބަޖެހޭ. އިސްލާމު ދީނާއި ދުރުކުރަން ކުރާ ކޮންމެ ކަމަކާއި ދެކޮޅަށް ތެދުވެ ބަސް ބުނަން އެބަޖެހޭ " މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނާނު

    ކަލޭ ވާހަކަ ނުދައްކާ ހުރޭ. ކަލޭ ހިތުން 2019 ގަ މެންބަރުކަން ހޯދަން ހިތު ހުރިހައި ގޮތަކަށް ތިއުޅެނީ

  2. ސަނދުވާ

    ޙަޤީޤީ ތެދުފުޅެއް.

  3. އިހްޒާޒް

    އީޔޫ އެއް ކިޔާނެކަމެއްނެއް މިދިވެހިރާއްޖޭގައި އިސްދީނަށް އުޅޭ މީހުންނަށް ކުރާ ދުއްތުރާ މާބޮޑު !
    ކީއްވެބާ އިމިގްރޭސަނުން ވަކިކުރީ ތުބުޅި ހުރީމަ ކީއްވެބާ މޫނުބުރުގާ.އަޅަގެން ވަޒީފާ އަދާ ނުކުރެވެންވީ ؟
    ތިކުޔާ އަސްކަރީޔާގެ ގައި މަސެއްކަށް ކުރާ މީހުން ތިބެން ޖެހެނީ ކޮންބަޔެއްގެ މިންގަޑަކައްބާ!

  4. އަބްދުއްލާ

    އެއީ އީޔޫގެ މަގްސަދެއްނޫން . އެކިޔާ އަނެއް ދިވެހިރާއްޖޭގެ މަގްސަދު ، އެދިވަހިރާއްޖެ ގެންނަން އުޅޭ މީހުންގެ މަގްސަދު . އަނެއް ދިވެހިރާއްޖޭގެ މާނަޔަކީ ކްރިސްޓިއަން ދިވެހިރާއްޖެ.

  5. އަޑަފި

    އެއީ އީޔޫގެ މަގުސަދެއް ނޫން އަޒްލީން. އީޔޫ ގެ ގައުމުތަކުގައި މުސްލިމުން އުފަލުގައި ދިރިއުޅެމުން އެބަދޭ. ރާއްޖޭގައި ވެސް އިސްލާމް ދީން ނޫން އެހެން ދީންތައް ގަބޫލު ކުރާ މީހުން އުޅޭ ކަމާމުދި އަޒްލީން ވެސް ދެކޮޅެ ނުހަދާނެ.