ރާއްޖޭގެ މީޑިއާތަކަށް ތެދުވެރިކަމާ އެކީގައި އަވަހަށް މައުލޫމާތު ހާމަކުރަން މީޑިއާ އޮފިސަރުންގެ ދައުރު ހުރިހާ އޮފީހެއްގައި އިތުރު ކުރަން ޖެހޭ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ޝަހީބް ރޭ ވިދާޅުވެއްޖެއެވެ.

އޮފީސްތަކާއި ކުންފުނިތަކުގެ މީޑިއާ އޮފިސަރުންގެ ގޮތުގައި މަސައްކަތް ކުރާ މީހުންނަށް އަމާޒުކޮށް ބޭއްވި ހަތް ދުވަހުގެ "މީޑިއާ އޮފިސަރުން ތަމްރީން ކުރުމުގެ މަސައްކަތު ބައްދަލުވުން ނިންމުމަށް ބޭއްވި ހަފްލާގައި ޝަހީބް ވިދާޅުވީ ހުރިހާ އޮފީހެއްގެ ވެސް ގާތްގަނޑަކަށް ހުރިހާ ޕްރޮޖެކްޓްތަކެއް ނުވަތަ އިވެންޓްތަކެއް މީޑިއާއަށް ހާމަކުރުމަށް ހުރިހާ އޮފީހަކުން ވެސް ބޭނުންވާ ކަމަށެވެ.

ނަމަވެސް ގިނަ އޮފީސްތަކާއި ކުންފުނިތަކުގައި މީޑިއާ އޮފިސަރުންގެ މަގާމު ހިމެނިފައި އޮންނަނީ ތަންކޮޅެއް ދަށުގައި ކަމަށްވާތީ އެ އޮފީހެއްގެ ޕޮލިސީ ލެވެލްގެ މަޝްވަރާތަކާއި ނިންމުންތަކުގެ އެންމެ ފުރިހަމަ މައުލޫމާތު މީޑިއާ އޮފިސަރަށް ނޭނގޭ ކަމަށް ޝަހީބް ވިދާޅުވިއެވެ.

ނަތީޖާއަކަށް ވަނީ މީޑިއާއާ ގުޅިގެން އެކަމެއް ކުރިއަށް ގެންދިއުން ނުވަތަ މީޑިއާއަށް ހާމަކުރާނެ އެންމެ ފުރިހަމަ މައުލޫމާތު މީޑިއާ އޮފިސަރަށް ނޭނގުން ކަމުގައި ޝަހީބު ފާހަގަކުރެއްވިއެވެ.

"އެގްޒެކެޓިވް ލެވެލްގެ މަޝްވަރާތަކުގައި ވެސް މީޑިއާ އޮފިސަރު ބައިވެރިކުރީމާ، މީޑިއާއާ ގުޅިގެން ކަންކަން ރޭވުމަށް ރަނގަޅު ލަފައެއް މީޑިއާ އޮފިސަރަށް ދެވޭނީ. މީޑިއާއާ ރަނގަޅު ގުޅުމެއް ބާއްވަން ބޭނުން ނަމަ، ހުރިހާ އޮފީހެއް އަދި ކުންފުންޏެއްގައި ވެސް މީޑިއާ އޮފިސަރުގެ ބައިވެރިވުން މިހާރަށްވުރެ ފުޅާކުރަންޖެހޭ،" ހުސްވި ފެބްރުވަރީ މަހުގެ 23-29 އަށް ކުރިއަށްދިޔަ މީޑިއާ އޮފިސަރުން ތަމްރީނުކުރުމުގެ މަސައްކަތު ބަދަލުވުމުގެ ބައިވެރިންނަށް ހަނދާނީ ލިއުން ދިނުމުގެ ހަފުލާގައި ޝަހީބު ވިދާޅުވި އެވެ.

"މީޑިއާގައި ކަމެއް ގޯސްވީމާ، އެކަމެއް ހައްލުކުރަން އުޅުމުގެ ބަދަލުގައި، އިސްވެ މައުލޫމާތު ހާމަކުރުމުގެ މުހިންމުކަން ވަރަށް ބޮޑު."

ޝަހީބު ވިދާޅުވީ ބައެއް އޮފީސްތަކުގެ ސިޔާސީ މަގާމްތަކުގައި ކުރީގެ ނޫސްވެރިން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، ޕޮލިސީ ލެވެލްގެ މަޝްވަރާތަކުގައި އެ ބޭފުޅުންގެ ބައިވެރިވުން ވެސް އޮންނަ ކަމަށެވެ. އަދި އޭގެ ސަބަބުން އެ މުވައްސަސާއާއި މީޑިއާގެ ގުޅުން ފަހިވެފައިވާ ކަމަށެވެ.

މަސައްކަތު ބައްދަލުވުން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަހީބު އަދި އިމާދު

ނަމަވެސް، މީޑިއާގެ މަސައްކަތުގައި ކޮންމެ އޮފީހެއްގެ ވެސް ދާއިމީ މުވައްޒަފުން ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި "ހަވީރު" އޮންލައިނާއި "ހުވާސް" މަޖައްލާގެ ކުރީގެ އެޑިޓަރު އަދި ތަޖުރިބާކާރު ނޫސްވެރިޔާ ޝަހީބު ފާހަގަކުރެއްވި އެވެ.

ޝަހީބު ވިދާޅުވީ އޮފީސްތަކާއި ކުންފުނިތަކުގެ ސޫރަ ރަނގަޅުކުރުމަށް އެންމެ މުހިންމު ރޯލެއް އަދާކުރެވޭނީ މީޑިއާ އޮފިސަރަށްކަން ހުރިހާ ފަރާތްތަކުން ވެސް ގަބޫލްކުރަންޖެހޭ ކަމަށާއި އެހެންކަމުން މީޑިއާ އޮފިސަރު ވާންޖެހޭނީ ކަމުގެ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ކަމަށެވެ.

ޝަހީބު މީޑިއާ އިން މަސައްކަތްކުރަމުން އަންނަނީ އެފަދަ ގާބިލް މީޑިއާ އޮފިސަރުން އުފެއްދުމަށް ކަމުގައި ވެސް ޝަހީބު ވިދާޅުވި އެވެ. އަދި މީޑިއާ ގުޅުން ބަދަހިކުރުމަކީ ހުރިހާ އޮފީހެއްގެ ވެސް އެންމެ މަތީ ފަންތިން ފެށިގެން ވެސް ކުރަންޖެހޭ ކަމެއް ކަމަށާއި، އެ ފަރާތްތައް މީޑިއާއަށް އަހުލުވެރިކުރުވުމަށް އޮފީސްތަކުގެ އެގްޒެކެޓިވް ލެވެލްގެ ބޭފުޅުންނަށް ޚާއްސަ ސެމިނާއެއް ރޭވުމުގެ ވިސްނުމެއް އެބައޮތް ކަމުގައި ވެސް ރާއްޖޭގައި އެންމެ ގިނަ ނޫސްވެރިން ތަމްރީނުކޮށްފައިވާ ތަޖުރިބާކާރު ވިދާޅުވި އެވެ.

މީޑިއާ އޮފިސަރުން ތަމްރީނުކުރުމުގެ މަސައްކަތު ބަދަލުވުމުގެ ބައިވެރިންނަށް ހަނދާނީ ލިއުން ބައްސަވައިދެއްވީ ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިއެއް ކަމުގައިވާ އިމާދު ލަތީފެވެ.

މީޑިއާ އޮފިސަރުން ތަމްރީނުކުރުމުގެ މަސައްކަތު ބަދަލުވުމުގައި، ހަބަރު ދެނެގަންނާނެ ގޮތާއި ޚަބަރު ލިޔާނެ ގޮތުގެ އިތުރުން، މީޑިއާ އޮފިސަރުގެ ޒިންމާ އާއި ދައުރާއި، ކާމިޔާބު މީޑިއާ އޮފިސަރެއްގެ ކިބައިގައި ހުންނަންޖެހޭ މުހިންމު ސިފަތަކާއި، މީޑިއާއާއެކު މަސައްކަތްކުރުމުގެ މުހިންމުކަމާއި އޮފީހުގެ ތަސައްވުރު ރަނގަޅުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި މީޑިއާގައި މައްސަލައެއް ފެންމަތިވުމުން ހައްލުކުރާނެ ގޮތްތަކާއި މީޑިއާއަށް މައުލޫމާތު ދިނުމާއި މީޑިއާއާ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް މައުލޫމާތުދީ، ކަމާ ބެހޭ ތަމްރީނުތައް ވަނީ ހަދައިފައެވެ.

މި މަސައްކަތު ބައްދަލުވުމުގައި ކިޔަވައިދެއްވީ ޝަހީބުގެ އިތުރުން "ވަން" އޮންލައިންގެ ސީއީއޯ އަދި އެޑިޓަރު ސިނާން އަލީ އެވެ. އޭގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ މައްޗަށް ގާނޫނީ ނަޒަރަކުން އަލިއަޅުވާލައްވައި މަޝްހޫރު ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ހާއްސަ ލެކްޗަރެއް ދެއްވިއެވެ.

ޝަހީބު މީޑިއާއަކީ ނޫސްވެރިންގެ ތަމްރީނު ޕްރޮގްރާމްތައް 2010 އިން ފެށިގެން ބާއްވަމުން އަންނަ ފަރާތެކެވެ. ޝަހީބު މީޑިއާއިން މީގެ ކުރިން ވަނީ ތަފާތު ކޯސްތައް ހިންގައިފަ އެވެ. މިގޮތުން، މާލެ އާއި އައްޑޫގެ އިތުރުން ކުޅުދުއްފުށީގައި ވެސް ވަނީ ނޫސްވެރިކަމުގެ ތަފާތު ކޯސްތައް ހިންގައިފައެވެ.