"ގްރީން ކްލައިމެޓް ފަންޑް" (ޖީސީއެފް) ގެ އެހީ ހޯދުމަށް، ރާއްޖޭގެ ފަރާތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހު އިސްކަން ދޭނެ ދާއިރާތައް ކަނޑައަޅާ ތައްޔާރު ކުރި "ގައުމީ އިސްތިރާޖީ ފްރޭމްވާކް" އިފްތިތާހްކޮށްފިއެވެ.

އެ ފްރޭމްވޯކްގައި، ޑިސްކައުންޓް ކޭޝްފްލޯ (ޑީސީއެފް) ނުވަތަ މުސްތަގްބަލްގައި އެ މަޝްރޫއަކުން ފައިސާ ލިބޭނެ މިންވަރަށް ބެލުމަށް ފަހު އަންދާސާ ކުރާ އަގު ހިމަނައިގެން، 2020 އިން ފެށިގެން ކުރިއަށް އޮތް ފަސް އަހަރު ދުވަހު ރާއްޖެ އިން ތައްޔާރުކުރާ ޕައިޕްލައިން އޮނިގަނޑުގެ ތެރެއިން، ޖުމަލް 438 މިލިއަން ޑޮލަރު ހޯދުމަށް 31 ޕްރޮޖެކްޓެއް ހުށަހަޅާފައިވެއެވެެ.

"ގައުމީ އިސްތިރާޖީ ފްރޭމްވާކް ނުވަތަ ނޭޝަނަލް ސްޓްރެޓީޖިކް ފްރޭމްވާކް ޓު މޮބިލައިޒް އިންޓަނޭޝަނަލް ކްލައިމެޓް ފައިނޭންސް އިން ދަ މޯލްޑިވްސް" އަކީ، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މައްސަލަތަކަށް ހައްލު ހޯދުމަށް އެކުލަވާލި، އ.ދ ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާގެ ދަށުން އެކުލަވާލެވިފައިވާ ބައިނަލްއަގްވާމީ ފަންޑެއް ކަމަށްވާ "ގްރީން ކްލައިމެޓް ފަންޑް" (ޖީސީއެފް) ގެ އެހީ ހޯދުމަށް، ރާއްޖޭގެ ފަރާތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހު އިސްކަން ދޭނެ ދާއިރާތައް ކަނޑައަޅާ ތައްޔާރުކޮށްފައިވާ ފްރޭމްވޯކެކެވެ.

މި ފްރޭމްވާކަކީ، ޖީސީއެފް އާއި އދ. ގެ ތިމާވެއްޓާ ބެހޭ ޖަމިއްޔާގެ އެހީ ލިބިގެން ކުރިއަށްގެންދާ މަޝްރޫއެއްގެ ދަށުން އެކުލަވާލެވުނު ފްރޭމްވާކެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އިފްތިތާހު ކުރި، މި ފްރޭމްވާކް ތައްޔާރު ކުރަން އަހަރެއްހާ ދުވަސް ހޭދަކުރިއެވެ.
އެގޮތުން ކުރި މަސައްކަތްތަކުގެ ތެރެއިން މި ފްރޭމްވޯކް އެކުލަވާލުމަށް ގިނަ މަޝްވަރާ ބައްދަލުވުންތައް އެކި ފަހަރު މަތިން ބޭއްވިއެވެ.

މި ޕައިޕްލައިން އެކުލަވާލީ ސަރުކާރުގެ ކަމާ ބެހޭ މިނިސްޓްރީތަކާއި ކައުންސިލްތަކާއި މަދަނީ ޖަމާއަތްތަކާއި އަދި މިދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ވިޔަފާރިތަކުގެ ޚިޔާލާ މަޝްވަރާ ވެސް ފުޅާ ދާއިރާއެއްގައި، ހޯދައިގެން ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން ޖީސީއެފް އިން އެހީދޭ ހުރިހާ ދާއިރާތަކެއްގެ މަޝްރޫއު މި ޕައިޕްލައިންގައި ހިމެނިފައިވާނެ ކަމަށާއި އޭގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތްކުރުން، ދިރޭ ތަކެތީގެ ނަސްލުތައް ރައްކާތެރި ކުރުން، ދަނޑުވެރިކަން، މަސްވެރިކަން، ފަތުރުވެރިކަން، އިޔާދަކުރަނިވި ހަކަތަ އަދި ދަތުރުފަތުރު ފަދަ ދާއިރާތައް ހިމެނޭ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މީގެ އިތުރުން، އެ ޕައިޕްލައިންގައި ހިމެނޭ މަޝްރޫއުތަކަކީ ސަރުކާރުން މިހާރު ތަންފީޒުކުރަމުން ގެންދާ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގެ ލަނޑުދަނޑިތައް
ހާސިލްކުރުމަށް ވެސް އެހީތެރިވެދޭ މަޝްރޫއުތަކަކަށް ވެގެންދާނެ ކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހިޔަލީ

    ސަރުކާރުގެ ހިންގުމުގައި އެމް.ޑީ.ޕީ ނުން ވަޒީރުންގެ ޕާރފޯމަންސް މާރަނގަޅު ކަމަށް ފާހަގަ ކުރެވޭ. އެހެންވެ އެމިނިސްޓްރީތައް ހަލާކުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން. ހުސައިނުގެ މިނިސްޓްރީގެ ގިނަ މަސައްކަތްވެސް މިހާރުވަނީ އަސްލަމާއި ހަވާލުކޮށްފަ އަދި ބާކީ ހުރި ކަންތައް އަބްދު ﷲ ޝާހިދާއި ހަވާލުނުކޮށްގެން މަރުފަލިޖަހަނީ.