ރާއްޖޭގައި ތިބެގެން ޔޫރަޕްގެ ގައުމުތަކަށް ވިސާ ނެގޭނެ ސެންޓަރެއް ފޮރިން މިނިސްޓްރީގައި މިއަދު ހުޅުވައިފިއެވެ.

ޔޫރަޕް ގައުމުތަކަށް ދަތުރު ކުރުމަށް ވިސާ ހެއްދުމުގެ ފުރުސަތު ކުރިން އޮންނަނީ ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ އަށް ގޮސްގެންނެވެ. އަލަށް ގެނައި ބަދަލާ އެކު، މިއީ ޔޫރަޕްގެ އެކި ގައުމުތަކަށް ދަތުރު ކުރަން ބޭނުންވާ ދިވެހިންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ.

ފޮރިން މިނިސްޓްރީގައި ސެންޓަރު ހުޅުއްވައި ދެއްވުމަށް ފަހު، މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގައި މިފަދަ ސެންޓަރެއް ގާއިމު ކުރުމުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކަށް ދަތުރު ކުރުމަށްޓަކައި ކުރަން ޖެހޭ ހަރަދުތައް އިންތިހާ އަށް ކުޑަވެގެން ދާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ މި މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިރުޝާދާއި ލަފާފުޅުގެ މަތިން މީގެ އެއް އަހަރު ކުރުމަށް ފެށި މަސައްކަތެއް ކަމަށާއި، މިހާރު ފެނިގެން މިދަނީ އެކަމުގެ ހެޔޮ ނަތީޖާ ކަމަށެވެ.

ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ،ރާއްޖެއަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން މި ގެންނަވަމުން އަންނަ އިސްލާހީ ބަދަލުތައް ޔޫރަޕުގެ އިއްތިހާދުން ބަލައިގެންފައިވާ މިންވަރު. މިއަދު އަޅުގަނޑުމެން ކޮޅުނބަށް ގޮސް ނުވަތަ ދިއްލީއަށް ގޮސް ވިސާ ޖަހަން ޖެހުން ހުއްޓިގެން މިދިޔައީ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މީގެ ފަހުން އެއްވެސް ހުރަހެއް އަދި ދަތިކަމެއް ނެތި ވިސާ ޖެހުމުގެ ފުރުސަތު މި ސެންޓަރުގެ ޒަހިއްޔާއިން ހުޅުވިގެން ގޮސްފައިވާ ކަމަށާއި، މިފަދަ ކަންކަން އަދިވެސް ރައްޔިތުންނަށް ފަހިކޮށްދެއްވާނެ ކަމަށެވެ. އަދި ލަނޑުދަނޑިއަކީ މުޅި ރާއްޖޭގެ ރައްޔިތުންނަށް، ޕާސްޕޯޓު ހިފައިގެން ޔޫރަޕަށް ދިއުމުން އޮންއެރައިވަލް ވިސާ ޖެހޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޖަރުމަނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު ޖޯން ރޯއެޑް ވިދާޅުވީ ރާއްޖެއަކީ މުޅި ޖަރުމަނުގައި ވެސް މަޝްހޫރު ފަތުރުވެރިންގެ މަންޒިލެއް ކަމަށާއި، އެކަން ހަމައެކަނި މިދިޔަ އަހަރު ރާއްޖެއަށް ދަތުރުކުރި ފަތުރުވެރިންގެ އަދަދުން ވެސް އެނގިފައިވާ ކަމަށެވެ.

ޖަރުމަނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިއަދު ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޖަރުމަނަކީ މަގުބޫލު މަންޒިލަކަށް ވުމަކީ ވެސް މުހިންމު ކަމެއް ކަމަށް ސަފީރު ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް އެކަން ހާސިލް ވަމުން އަންނަ ކަމަށާއި، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ޖަރުމަނަށް ރާއްޖެއިން ދަތުރުކުރި މީހުންގެ އަދަދާއި އެއްވަރަށް މި އަހަރުގެ ފުރަތަމަ ދެ މަހުގެ ތެރޭގައި ދަތުރު ކުރި މީހުންގެ އަދަދު ހުރީ އެއް ހަމައެއްގައި ކަމުގައި ސަފީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 19 ނަވާރަ

    ހާދަހާވާ ފަސޭހައެކޭ ދޮން ކުނދިންގެނެސްގެ ތިޔާ ކުރައްވަނީ ނަމަނަމަ އެމީހުންދައްކާ ވާހަކައަށް ނުހެއްލޭތި ފަހު ދުވަހަށްޓަކައި.

  2. ހަމްދު

    ލާދީނީ ސަރުކާރުން ކުރާ އެއްވެސް ކަމެއްގައި ބަރަކާތެއް ނެތް. ވިސާ ފަސޭހައިން ލިބުނުއިރު ޔޫރަޕުގައި ކޮރޯނާގެ ބިރު ވަނީ ފެތުރިފައި. ވިސާ ލިބުން ފަސޭހަވެގެން ވީ އެއްވެސް ކަމެއް ނެތް. މާﷲ ގެ ކުޅަދުންވަންތަކަން ފެނިފައި އީމާން ތެރިކަން ދުވަހުން ދުވަހައް އިތުރުވޭ.

  3. ޙައްގުބަސް

    މިއީ މިސަރުކާރުން ކުރި ރަގަނޅުކަމެއް!! ޝާހިދުގެ އެތައްމިލިއަން ރުފިޔާގެ ގިނަ ދަތުރުތަކަށްފަހު އެންމެފަހުން ރަގަނޅުކަމެއް މިކުރީ!!! ކާޕެޓްވެސް ކަޓުވާލަން އުޅެ އެކަން ނުވިއެއްކަމަކު މިއޮތީވާ ރަގަނޅުކަމެއް ކޮށްދީފަ!! މިކަމުގެސަބަބުން ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަށް އުފުލަމުން ދިޔަ ތަކްލީފަށް ވަރަށްބޮޑު ލުޔެއް މިލިބުނީ!! ކުރާ ރަގަނޅު ކަންކަންވެސް ފާހަގަކުރަންވާނެ!! އެކަމަކު އަދިވެސް ދައްކަންޖެހޭ ބޭކާރު ޚަރަދު ހިނގާގޮތަށް އަޗާތަޅަން ފޮރިން މިނިސްޓަރު ކުރާ ދަތުރުތައް ވަރަށް ބޮޑުތަނުން މަދުކުރަންޖެހޭ ވާހަކަ!! އަދި ލަންކާގައި ހުންނަ ދިވެހި އެންބަސީތެރޭ ފިލައިގެން އުޅުނު ޚާއިނަކު ފޮރުވައިގެން ގެންގުޅު ވާހަކަވެސް ދައްކަންޖެހޭ! މިކަމުގެ ޒިންމާވެސް އޮތީ ބޮލުގެ އެޅިފަ! އަދި މިކަންކަން ބަލާނެ ވާހަކަވެސް ހަނދާންކޮށްދެން! އެކަމަކު މިކޮށްދިން ފަސޭހައަށް ޝުކުރު ދަންނަވަން!!

    4
    1