ތިމާވެށި ހިމާޔަތް ކުރަން ރާއްޖެއިން ކުރާ މަސައްކަތްތައް ހަމައެކަނި ބޭރު ގައުމުތަކުން ލިބޭ ފައިސާ އަށް ބަރޯސާކޮށްގެން ނުކުރާ ކަމަށާއި ރާއްޖެއިން ތިމާވެށި ހިމާޔަތް ކުރަން ކުރާ މަސައްކަތްތަކުގެ 35 ޕަސަންޓު ޚަރަދު ކުރަނީ ސަރުކާރުން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

"ގްރީން ކްލައިމެޓް ފަންޑް" (ޖީސީ.އެފް) ގެ އެހީ ހޯދުމަށް، ރާއްޖޭގެ ފަރާތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހު އިސްކަން ދޭނެ ދާއިރާތައް ކަނޑައަޅާ ތައްޔާކުރި "ގައުމީ އިސްތިރާޖީ ފްރޭމްވާކް" އިފްތިތާހް ކުރުމަށް މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ޑރ.ހުސެއިން ވިދާޅުވީ، ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރުމަކީ މި ސަރުކާރުން އެންމެ އިސްކަން ދޭ އެއް މަސައްކަތް ކަމަށެވެ.

އެގޮތުން ގްރީން ޓެކްސްގެ ނަމުގައި ވަކިން ފަންޑެއް ހުޅުވައި، އެ ފަންޑުން ހޭދަ ކުރާ ހުރިހާ ކަމަކީ ތިމާވެއްޓާ ގުޅުން ހުރި ކަންކަމަށް ހޭދަ ކުރާ ފައިސާ ކަމަށް ހަމަޖެއްސެވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ކަން ޑރ.ހުސެއިން ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ ކުޑަ އިގްތިސާދެއް އޮތް ގައުމަަކަށްވީ ނަމަވެސް، ނިސްބަތުން ބޮޑު ޚަރަދެއް ސަރުކާރުން ތިމާވެށި ހިމާޔަތް ކުރަން ކުރާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ބަޖެޓްގެ ފައިސާއިން ޕީއެސްއައިޕީ އަށް އެކަނި ބެލިއަސް، 1.8 ބިލިއަން ރުފިޔާ އެބަ ހޭދަ ކުރަން ތިމާވެށި ހިމާޔަތް ކުރަން. އޭގެ އިތުރަށް، އިއާދަ ކުރުވަނިވި ހަކަތަ އަށް 247 މިލިއަން ރުފިޔާ ސަރުކާރުން ކަނޑައަޅާފައިވޭ." ޑރ.ހުސެއިން ވިދާޅުވިއެވެ.

ރާއްޖެ އަށް ދިމާވެފައިވާ މޫސުމީ ހިރާސްއަކީ ރާއްޖެއިން ކުރި ކަމަކުން ނުވަތަ ރާއްޖެއިން ނުކޮށް ދޫކޮށްލި ކަމަކުން ދިމާވާ ކަމެއް ނޫން ކަމަށާއި މޫސުމަށް އަންނަ ބަދަލުތައް އަންނަން ފެށީ ބޮޑެތި ބައެއް ގައުމުތަކުގެ އަމަލުތައް ހުރި ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ގައުމީ އިސްތިރާޖީ ފްރޭމްވާކް" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު: ފޮޓޯ އެންވައިރޮމެންޓް މިނިސްޓްރީ

ނަމަވެސް ރާއްޖެއަކީ މުރަކައިގެ މަތީގައިވާ ރަށްތަކަކަށްވުމާ އެކު މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެ އަށް ބޮޑު އަސަރުތަކެއް ކުރާނެ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ފްރޭމްވޯކްގެ ދަށުން، ޑިސްކައުންޓް ކޭޝްފްލޯ(ޑީސީއެފް) ނުވަތަ މުސްތަގްބަލްގައި އެ މަޝްރޫއަކުން ފައިސާ ލިބޭނެ މިންވަރަށް ބެލުމަށް ފަހު އަންދާސާ ކުރާ އަގު ހިމަނައިގެން، 2020 އިން ފެށިގެން ކުރިއަށް އޮތް ފަސް އަހަރު ދުވަހު ރާއްޖެ އިން ތައްޔާރުކުރާ ޕައިޕްލައިން (އޮނިގަނޑު)ގެ ތެރެއިން، ޖުމަލް 438 މިލިއަން ޔޫއެސް ޑޮލަރު ހޯދުމަށް 31 ޕްރޮޖެކްޓެއް ހުށަހަޅާފައިވެއެވެެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހައިމް

    ސަރުކާރުގެ ހިންގުމުގައި އެމް.ޑީ.ޕީ ނުން ވަޒީރުންގެ ޕާރފޯމަންސް މާރަނގަޅު ކަމަށް ފާހަގަ ކުރެވޭ. އެހެންވެ އެމިނިސްޓްރީތައް ހަލާކުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން. ހުސައިނުގެ މިނިސްޓްރީގެ ގިނަ މަސައްކަތްވެސް މިހާރުވަނީ އަސްލަމާއި ހަވާލުކޮށްފަ އަދި ބާކީ ހުރި ކަންތައް އަބްދު ﷲ ޝާހިދާއި ހަވާލުނުކޮށްގެން މަރުފަލިޖަހަނީ.