ފުލުހުންގެ ހައްޔަރުގައި މިވަގުތު ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ހެކި ފޮރުވިކަމުގެ ތުހުމަތު ކުރައްވައިފިއެވެ.

ރައީސް މައުމޫންގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ރައީސް މައުމޫނަށް އާ ތުހުމަތުތަކެއް ކުރެއްވިކަން ފުލުހުން މިހާރު އަންގާފައިވާ ކަމަށާއި އެ ތުހުމަތަކީ ހެކި ފޮރުވި ކަމުގެ ތުހުމަތު ކަމަށެވެ. ފުލުހުން އެކަން ތަހުގީގު ކުރަމުންދާއިރު މިއީ ކޮން މައްސަލައެއްގެ ހެކި ފޮރުވަން އުޅެގެން ކުރި ތުހުމަތެއްކަން އެނގިފައި ނުވާ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.

މިމަހުގެ ފަސްވަނަ ދުވަހުގެ ރޭ ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ރިޝްވަތު ދީ ޤާނޫނާއި ޚިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތްކުރުމާއި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ޙުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ގޮތުގައި ފައިސާ ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭއްވެވުމުގެ ތުހުމަތުގައެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި ރައީސް މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭ ގިނަ ހެކިތަކެއް ފުލުހުންނަށް ވަނީ ލިބިފައެވެ.

ނަމަވެސް މި ހުރިހާ ތުހުމަތުތަކަކަށް ރައީސް މައުމޫން ވަނީ އިންކާރު ކުރައްވާފައެވެ.