އެޑްރެސިންގ ބޯޑާ އެންޑް ކައުންޓަ ޓެރަރިޒަމް ބައި ސްޓެރެންތެނިން އިންޓަރ-އެޖެންސީ ކޯޕަރޭޝަން އިން ބޯޑަ މެނޭޖެމެންޓްގެ ނަމުގައި ގައުމީ މަސައްކަތު ބައްދަލުވުމެއް މިއަދު މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފިއެވެ.

މި މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން މިއަދު "ބަނޑޮސް އައިލެންޑް ރިސޯޓު" ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. މި މަސައްކަތު ބައްދަލުވުމަކީ މޯލްޑިވްސް އިމިގްރޭޝަނާއި، އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އަދި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮފް ކައުންޓަރ-ޓެރަރިޒަމް (ޔޫއެންއޯސީޓީ) ގުޅިގެން ބާއްވާ މަސައްކަތު ބައްދަލުވުމެކެވެ.

އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ މި މަސައްކަތު ބައްދަލުވުގައި ބޯޑާ ބެލެހެއްޓުމުގައި އަމަލު ކުރާ ފުރިހަމަ އުސޫލުތަކާއި ގުޅޭ ގޮތުން މައުލޫމާތު ދީ، ޓެރަރިޒަމާއި އަދި ބޯޑާ ހުރަސްކޮށް ހިންގާ ކުށް ހުއްޓުވުމަށާއި، ކަމާ ގުޅުން ހުރި އިދާރާތަކުގެ ގުޅުމުގެ ގާބިލްކަން ކުރިއެރުވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި ކައުންޓަ ޓެރަރިޒަމުގެ ސަބަބުން ބޯޑާގެ ސަލާމަތާއި ގުޅުން ހުރި މައްސަލަތައް ދެނެގަނެވޭނެ ގޮތްތަކުގެ މައުލޫމާތު ވެސް މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރެވޭނެއެވެ. ޓެރަރިޒަމަކީ ބޯޑަރުގެ ސަލާމާތާއި ގުޅުން ހުރި ކަމަކަށްވާތީ، މި މަސައްކަތު ބައްދަލުވުމުގެ މަގުސަދަކީ ބޯޑާ ވަރުގަދަކޮށް ޓެރަރިޒަމް ހުއްޓުވުމުގެ މަސައްކަތް ކުރުމެވެ.

މި މަސައްކަތު ބައްދަލުވުމުގައި ޖުމްލަ 26 ފަރާތެއް ބައިވެރިވާ ކަމަށް އިމިގްރޭޝަންއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަރްަހަމް މަޖުނޫނު

    ވަރައް ކުއްލިގޮތަކަ އިމިގްރޭޝަން އައް ދާންޖެހިއްޖެ. ‍ބޯޑާ ސެކިއުރިޓީއާ ކައުންޓާ މީކިހާހިސާބަކު ހުއްނަ ތަނެއްބާ

  2. Anonymous

    އެހާ ރީތި ކުދިން ނުދައްކަބަލަ. ހިތް ވިރި ހުސްވަނީ

    4
    1