ޝަރިއަތް ނިމެންދެން ބަންދުގައި"ވާނުވާ"ގައި ތިބޭ މީހުންގެ އަދަދު އަދިވެސް މަދު ނުވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ވީޓީވީގައި ރޭ ވާހަކަ ދައްކަވަމުން ކަމިޝަނަރ އޮފް ޕްރިޒްންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ ޝަރިއަތް ނިމެންދެން ބަންދުކުރާ މީހުންގެ އަދަދު އަދިވެސް މަދުނުވާ ކަމަށާއި، 250 މީހުން މިވަގުތުވެސް ބަންދުގައި އެބަތިބި ކަމަށެވެ.

"ނަމަވެސް މީގަ އަޅުގަނޑުމެންނަށް ފާހަކަ ކުރެވޭ ކަމަކީ ޝަރިއަތް ނިމެންދެން ބަންދުކުރާ މީހުންގެ އަދަދު މަދެއް ނުވޭ. އަޅުގަނޑު އެންމެ ފަހުން ތަފާސް ހިސާބު ބެލިއިރުވެސް 250 މީހުން ޝަރިއަތް ނިމެންދެން އަދިވެސް ބަންދުގައި އެބަތިބި،" މުޙައްމަދުފުޅު ވިދާޅުވިއެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި "ވާނުވާ"ގައި ތިބޭ މީހުންގެ މައްސަލަ ބޮޑުވެފައިވާއިރު އަލަށް ޕީޖީ ކަމާއި ހަވާލުވި، ހުސެއިން ޝަމީމް ވަނީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި "ވާނުވާ"ގައި ތިބޭ މީހުންގެ ބަންދުގެ މައްސަލަތައް މުރާޖައާ ކުރުމަށްޓަކައި ޚާއްސަ ފުރުސަތެއް ހުޅުވާލާފައެވެ.

އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ ޕީޖީން ހުޅުވާލި ފުރުސަތުގެ ތެރޭގައި ހުށަހެޅި ފަރާތްތަކުގެ ތެރެއިން މައްސަލައިގެ ކުޑަބޮޑު މިނަށް ބަލައި އެމީހުން މުޖުތަމަޢު އަށް ދޫކުރުމުން އިތުރު މައްސަލައެއް ނުޖެހޭނެ މީހުންނާއި، މައްސަލައިގެ ބާވަތާއި ކުޑަބޮޑު މިނަށް ބެލުމަށްފަހު މިހާރުވެސް ބައެއް މީހުން މުޖުތަމަޢު އަށް ދޫކޮށްލާފައިވާ ކަމަށެވެ. އަދި މީހެއްގެ މައްޗަށް ޙުކުމް ސާބިތުވެ، ތަމްފީޒު ކުރަންޖެހޭ މުއްދަތަށް ބަލާއިރު އެމީހާގެ ބަންދުގެ މުއްދަތު ދިގުލާ ގޮސްފައިތިބި މީހުންވެސް ވަގުތުން ދޫކޮށްލާފައިވާ ކަމަށް ވިދާޅުވިއެވެ

ޖަލުގައި ދިމާވާ ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަމުން އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ، އެކަހެރި ބައްދަލުވުމަށް އަންނަ މީހުން ދިރުވާލައިގެންނާއި، ހަށިގަނޑުގެ އެކި ތަންތަނުގައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެއްޗާއި އެހެނިހެން ބައެއް ތަކެތި ވައްދާކަން ފާހަގަ ކުރައްވޭ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ.

އެކަހެރި ބައްދަލުވުމަކީ ޖަލުގައި ތިބި ޤައިދީންގެ ތެރެއިން ޝަރުޢީ ކައިވެންޏެއް ކޮށްގެން ތިބޭ ދެމަފިރީންނަށް އެކަހެރިކޮށް ބައްދަލުކުރުމަށް ދެވޭ 24 ގަޑިއިރުގެ ފުރުސަތެކެވެ.

އޭނާ ވިދާޅުވީ އެކަހެރި ބައްދަލުވުން ދިނުމުން ބައްދަލުވުން ނިންމާފައި ދާއިރު ހަށިގަނޑުގެ އެކި ތަންތަނުގައި ފޮރުވައިގެންނާއި، ދިރުވާލައިގެން މަސްތުވާތަކެއްޗާއި އަދި އެހެނިހެން މަނާ ތަކެތި ޖަލަށް ވައްދަން އުޅެނިކޮށް އަތުލައިގަނެވިފައިވާ ކަމަށެވެ.

"އެކަހެރި ބައްދަލުވުން ދިނީމަ އަޅުގަނޑުމެންނަށް އެބަ ފާހަގަ ކުރެވޭ ޤައިދީގެ އެކަހެރި ބައްދަލުވުން ނިންމާފަ ދާއިރު ހަށިގނޑުގެ އެކި ތަންތަނުގަ މިފަދަ މަނާ ތަކެތި އެތެރެ އެބަކުރޭ. މިސާލަކަށް ބައެއް ތަކެތި ދިރުވާލައިގެން. ޚާއްސަކޮށް މަސްތުވާތަކެތި އަޅުގަނޑުމެންނަށް އެބަ ފާހަގަ ކުރެވޭ،" މުހައްމަދުފުޅު ވިދާޅުވިއެވެ.

އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ ޖަލުތަކުގެ ސެކިއުރިޓީ އޭރިޔާ ތަކަށް ބަލާއިރު ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ގޮންޖެހުންތަކުގެ ތެރެއިން ބަލައިގެން އޭގެ ނާޖާއިޒު ފައިދާ ނެގެން އޮތް ގޮތަކަށް ނަގައިގެން އެފަދަ ކަންކަން ކުރަމުންދާ ކަމަށެވެ.

"އޭގެ ޒާތަށް ބަލާއިރު މި ފާހަގަ ކުރެވެނީ ވަކިކަމެއް ހުއްޓުވުމަށްޓަކައި ސްޓެޕެއް ނަގައިފި ކަމަށްވަންޏާ، އޭގެ ދެގުނަ އެކަންކުރާ މީހާ ވިސްނަމުން ދާކަން އެބަ ފާހަގަ ކުރެވޭ. އެހެންވީމަ އަޅުގަނޑުމެން އެކަން ހަރުދަނާ ކުރުމަށް ފުލުހުންނާ ވެސް ވަރަށް ގާތުން އެބަ މަސައްކަތްކުރަން،" މުޙައްމަދުފުޅު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އިބްރާ

  ކަރެކްޝަނުން ތިހަދަނީ ދޮގުކަމަށް ލަފާކުރެވޭ. މި ސަރުކާރުން ވަރަށް އިސްކަންދީގެން ކޮށް ނިންމާފައިވާކަމެއް ވާނުވާގައި މިހާރު ނުތިބޭނެ އެކަކުވެސް

  6
  1
 2. ޖޫން

  "ޕީޖީ ހަދާ ދޮގުތައް ފަޅާ އަރުވާލައިފި" މާސަޅި ށުރުޙީ އަކަށް ވާނެ . ޙުސް ދެބޯ ގެރި

 3. ޖޫން

  ޕީޖީ އާ އަޅައިހަތީހެން ހީވަނީ